ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން އިންތިޚާބުތަކުގައި ބައިވެރިވެވޭ ގޮތް ހަދަނީ

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ރައްޔިތުން މަޖިލިހުން ފާސްކުރި ފާސްކުރުން ބާތިލްކޮށް، އެ މީހުންނަށް އަލުން ފުރުސަތު ދިނުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.


ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މި އިސްލާހު ހުށަހެޅުއްވިއިރު، ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ނޮވެމްބަރު 23، 2016 ގައި މަޖިލިހުން ވަނީ ފާސްކޮށްފަ އެވެ. އޭރުގެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ތާއީދުކޮށް، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އެ އިސްލާހު އޭރުގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވީ ޑިސެމްބަރު 6، 2016 ގަ އެވެ.

އޭރު ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަދި ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ސައުދު ހުސައިން ހުށަހެޅުއްވި އިސްލާހާ އެމްޑީޕީން ދެކޮޅު ހެދި އެވެ.

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އެއްވެސް ހައިސިއްޔަތަކުން އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ބަންދުކުރި އިސްލާހު އުވައިލަން ހުށަހެޅުއްވި ސަބަބެއް ކަމަށް ލަތީފް ވިދާޅުވީ، ޕާޓީތަކުން ބާއްވަނީ އިންސާފުވެރި، ދެފުށް ފެންނަ ޕްރައިމަތީތަކެއް ކަން ބަލާނެ މެކޭނިޒަމެއް ނެތުމުން ކަމަށެވެ. އަދި އެފަދަ މިސާލުތައް ބައެއް ޕާޓީތަކުގެ ޕްރައިމަރީން ދާދި ފަހުން ވެސް ފެނިފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ.

"...ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ލިބިދޭ އަސާސީ ހައްގެއް ކަމަށްވާ އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގު އުނިކުރެވެން ވާނީ އިސްވެ ދެންނެވި ފަދަ ކަންކަން ހަރުދަނާ ގޮތަކަށް ސިޔާސީ ޕާޓީތަކުން ބެލެހެއްޓޭ ދުވަހަކުން ކަމަށް އަޅުގަނޑަށް ފެންނާނީ މި އިސްލާހު ހުށަހެޅީ. އަދި އެ ފަދަ ޕްރައިމަރީތަކަކީ އިލެކްޝަންސް ކޮމިޝަނުން ވަރަށް ރަނގަޅަށް ބެލެހެއްޓިގެން ގެންދެވޭ ޕްރައިމަރީތަކަކަށް ނުވާހާ ހިނދަކު ބައެއްގެ އިންތިޚާބީ ހައްގު ގެއްލިގެން ދާނެ،" ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް ރަސްމީ އިންތިޚާބުތަކުން ފުރުސަތު އަލުން ހުޅުވައިލަން ލަތީފް ބޭނުންވާ ސަބަބާ ގުޅޭ ގޮތުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނުއަސާސީ އާއި ބައެއް ގާނޫނުތަކަށް ގެނައި މިފަދަ އެތައް އިސްލާހެއް އުވައިލަމުން ދާއިރު، މިއީ ވެސް އެތައް ބައެއްގެ ހައްގަކާ ގުޅޭ މައްސަލައެއް ކަމަށެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު (ކ-2): ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ކުރިން މަޖިލިހަށް ހުށަހެޅުއްވީ ސައުދު.---ފޮޓޯ: މިހާރު

"އަޅުގަނޑު މި އިސްލާހު ހުށަހެޅީ ވަރަށް ގިނަ މެމްބަރުންގެ ތާއީދާ އެކު. މިދިޔަ ދުވަސްތަކުގެ ތަޖުރިބާ އަށް ބަލާއިރު ޕްރައިމަރީތަކުގެ ނަތީޖާ މުޅިން ރަނގަޅެކޭ ނުބުނެވޭނެ. ބައެއް ޕާޓީތަކުގެ ޕްރައިމަރީގެ ނަތީޖާ ނެރެފައި އެބަހުރި ކޮންކްރީޓް މެޝިންތަކަށް ވޯޓު ކަރުދާސް އަޅައިގެން ވެސް. އިލެކްޝަންސް ކޮމިޝަނުން ރަނގަޅަށް މޮނީޓަ ކުރި ކަމެއް ސާފެއް ނުވޭ،" ލަތީފް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނަށް ގެނެސްފައިވާ އިސްލާހު އުވައިލަން ހުށަހެޅިއިރު، އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ޕްރައިމަރީ އަށް އެމްޑީޕީން އަންނަނީ ތައްޔާރުވަމުންނެވެ.