އުކުޅަހުގައި ކޮމްޕިއުޓާ ސައިންސްއާ ގުޅޭ ބޮޑު ކޮންފަރެންސެއް ބާއްވަނީ

ކޮމްޕިއުޓާ ސައިންސް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭ ބައިނަލްއަގުވާމީ ބޮޑު ކޮންފަރެންސެއް އަންނަ އަހަރު އއ. އުކުޅަހުގައި ބާއްވަން ނިންމައިފި އެވެ.


ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔޭގެ އެންމެ ބޮޑު އެއް އިދާރާ، އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖީނިއާސް (އައިއީއީއީ) އިން ބާއްވާ އެ ކޮންފަރެސް އޮންނާނީ އޮގަސްޓް މަހުގެ ފަހުކޮޅެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮމްޕިއުޓާ ސައިންސް އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއާ ގުޅޭ ގާތްގަނޑަކަށް 100 ތަޖުރިބާކާރުން ބައިވެރިވާނެ އެވެ.

އައިއީއީއީގެ މެމްބަރު ޕްރޮފެސަރު ހަސަން އުގެއިލް "މިހާރު" އަށް މިއަދު ވިދާޅުވީ އުކުޅަހުގައި އޭއައި ކޮންފަރެންސް ބާއްވަން ހުށަހެޅުއްވީ އޭނާ ކަމަށެވެ. ކޮންފަރެންސްގެ ޓެކްނިކަލް ކޮމެޓީން އެގޮތަށް ހުށަހެޅުމުން އައިއީއީއީން ވަނީ އެކަން ފާސްކޮށްފަ އެވެ.

އުގެއިލް ވިދާޅުވި ގޮތުގައި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ އުކުޅަހުގައި ބޮޑު ކޮންފަރެންސެއް ބާއްވަން ހުށަހެޅުއްވީ، އެއީ ތިމާވެއްޓާ ރައްޓެހި އަދި ވަރަށް ހިތްގައިމު ރަށަކަށް ވެސް ވާތީ ކަމަށެވެ.

"ބޭނުންވީ ރިސޯޓެއްގެ ބަދަލުގައި މީހުން އުޅޭ ރަށެއްގައި ކޮންފަރެންސް ބާއްވަން. އުކުޅަހަކީ އަޅުގަނޑަށް ވަރަށް ކަމުދާ ރަށަކަށް ވެފައި، ބޭނުންވާ ވަސީލަތްތައް ވެސް ހުރުމުން ނިންމީ އެ ރަށުގައި ބާއްވަން،" ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ހުންނެވި ދިވެހި ހަމައެކަނި ޕްރޮފެސަރު ވިދާޅުވި އެވެ.

އައިއީއީއީން ކޮންމެ އަހަރަކު ވެސް ކޮމްޕިއުޓާ ސައިންސާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ ބޮޑެތި ކޮންފަރެންސްތައް ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވަ އެވެ. ނަމަވެސް މިއީ އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅޭ ގޮތުން އެ ޖަމާއަތުން ބާއްވާ ފުރަތަމަ ކޮންފަރެންސެވެ. އަދި ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ބޮޑު ކޮންފަރެންސް ވެސް މެ އެވެ.

އުގެއިލް ވިދާޅުވީ ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ކޮންމެ އަހަރަކު ވެސް ކޮންފަރެންސް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އާޓިފިޝަލް އިންޓެލިޖެންސަކީ ކޮމްޕިއުޓާ ސައިންސްގައި މިހާރު އެންމެ ޝައުގުވެރިކުރުވަނިވި ބަދަލެވެ.

އުކުޅަހުގައި ބާއްވާ ކޮންފަރެންސްގެ ޖެނެރަލް ޗެއާކަން އުގެއިލްއާ ވަނީ ހަވާލުކޮށްފަ އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ބޮޑު ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމަކީ ދިވެހިންނަށް ލިބޭނެ ފަހުރެއް ކަމަށެވެ. އަދި ރާއްޖޭގައި ސައިންސް އާއި ޓެކްނޮލޮޖީ ކުރިއަރުވަން ހުޅުވިގެންދާނެ ދޮރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.