ޔޫތު މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކުރާއިރު އެ މީހުންގެ ދަރިން ގެންދެވޭ ގޮތަށް ހަމަޖައްސައިފި

ޔޫތު މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކުރާ ވަގުތު އެ މީހުންގެ ދަރިން އޮފީހަށް ގެންގޮސް، އެ ކުދިންނާ އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.


ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކުރާ ވަގުތު އެ މީހުންގެ ތުއްތު ކުދިންނަށް އެތަނަށް ޒިޔާރަތްކޮށް، ވަގުތު ހޭދަ ކުރުމުގެ ފުރުސަތު ވަކި އުސޫލެއްގެ ތެރެއިން ހަމަޖައްސާފައިވާ ކަމަށެވެ.

މަހްލޫފް ވިދާޅުވީ އެކަމާ ބެހޭ އުސޫލެއް އެކުލަވާލާނީ އެ މިނިސްޓްރީގެ ކަމާބެހޭ ޑިޕާޓްމެންޓްތަކުގެ ވެރިން ކަމަށާއި އެކަމުގެ އުސޫލު އެކުލަވާލެއްވުމަށް ފަހު ހިއްސާ ކުރައްވާނެ ކަމަށެވެ. އެގޮތަށް ފުރުސަތު ދިނުމުގެ ބޭނުމަކީ އޮފީހުގައިި މުވައްޒަފުން ބުރަކޮށް މަސައްކަތުގައި އުޅޭ އިރު، ދަރިންނާ އެކު އޮފީހުގައި ވަގުތު ހޭދަކޮށްލަން ފުރުސަތު ދިނުން ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"އޭރުން ދަރިފުޅަށް ވެސް ފެންނާނެ މަންމަ ނުވަތަ ބައްޕަ މިހާ ބިޒީކޮށް މި އުޅެނީ މިހެންވެގެން ކަން." މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ފާހަގަަވެގެން ގޮސްފައި ވަނީ އާ ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ މިނިސްޓަރުންގެ ތެރެއިން ވެސް ވަރަށް ތަފާތު ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން އޭނާ އަށް ދައުލަތުން ހަމަޖައްސާފައިވާ ކާރުކޮޅު ޕާކް ކުރުމަށް އޭނާ ދިރިއުޅުއްވާ ގެ ކައިރީގައި ޕާކިން ޒޯނެއް ހެދުމުން އެކަަމުގެ ޝަކުވާ އާންމު ރައްޔިތަކު ސޯޝަލް މީޑިއާގައި ކުރެއްވުމުން މަހްލޫފް ވަނީ އެތަނުން ޕާކިން ޒޯން ނަަންގަވައި، އާންމު ޕާކިން އަށް އެތަން ދޫކޮށްލައްވައިފަ އެވެ.

މީގެ އިިތުރުން މަހްލޫފް މިނިސްޓްރީއާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ބައްދަލު ކުރެއްވި މީހުންގެ ތެރޭގައި ވެސް އެ މިނިސްޓްރީގެ މަސައްކަތު މީހުން ހިމެނެ އެވެ.