ގަވައިދާއި އުސޫލުތަކުގެ ބޭރުން ނުފޫޒު ފޯރުވައިގެން އޭވިއޭޝަން ދާއިރާއިން ކަންކަން ކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ސިވިލް އޭވިއޭޝަން ދުވަހާ ގުޅިގެން އައިޝާ ދެއްވި ހިތާބުގައި ވިދާޅުވީ ގަވައިދުތަކުގެ ތެރެއިން، ވަކި ކުލައަކަށް ބެލުމެއް ނެތި، ހުއްދަ ހޯދުމުގެ ހުރިހާ ފުރުސަތެއް ވެސް އޮންނާނެކަން ހުރިހާ ފަރާތަކުން ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ.
"ވަކި ފަރާތަކަށް ނިސްބަތްވުން ނުވަތަ ވަކި ފަރާތެއްގެ ނުފޫޒު ބޭނުންކުރުމުގެ ބަދަލުގައި ނިޒާމުގެ ތެރެއިން ކުރިއަށް ދިއުން އެއީ އަޅުގަނޑުމެންގެ އާދައަކަށް ހަދަން ޖެހޭ ކަމެއް،" ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ ފްލައިމީގެ ވެރިޔާ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ވިދާޅުވި އެވެ.
އައިޝާގެ ހިތާބުގައި ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ނިންމާފައިވާއިރު އެއީ ސަރުކާރުން ކުރާނެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ކަމަށެވެ.
އޭނާ އެ އިޝާރަތްކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ފަށައިގެން މިހާރު ވެސް ކުރިއަށް ގެންދާ މަޝްރޫއުތަކަށް ވުން އެކަށީގެންވެ އެވެ.
އައިޝާ ވިދާޅުވީ ވީއައިއޭ ތަރައްގީ ކުރުމުން ފަތުރުވެރިންނަށާއި ދިވެހިންނަށް ބައިނަލްއަގުވާމީ ފެންވަރެއްގެ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ.
"ފަސިންޖަރުންގެ އަދަދު އިތުރު ކުރެވި، އެކަށީގެންވާ ހިދުމަތް ލިބޭނެ ގިމަތައަކާއި ވައިގެ މަގުން އިމްޕޯޓް، އެކްސްޕޯޓުގެ ހިދުމަތަށް ފެންވަރު ރަނގަޅު ކާގޯ ގިމަތައަކާ އެކު ނިންމާލެވޭނެ މި މަޝްރޫގެ ސަބަބުން ދިވެހި އިގްތިސާދުގެ ހުރިހާ ދާއިރާއަކަށް ފައިދާވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެއާޕޯޓުގެ ތާރީޚުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ރަންވޭގެ މަސައްކަތް ވަނީ ނިންމައިފަ އެވެ. އަދި އާ ޓާމިނަލްގެ މަސައްކަތް ކުރިއަށް އެބަ ދެ އެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އެއް ނިޒާމަކުން ގުޅާލުމަކީ އާ ސަރުކާރުގެ ވައުދެކެވެ.
އައިޝާ ވިދާޅުވީ އެކަން ކުރުމަށް ބައިނަލްއަގުވާމީ އުދުހުންތަކާ ގުޅިފައިވާ އެތެރޭގެ އުދުހުންތަކެއް ވެސް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ. މިހާރު ރާއްޖޭގައި ހިންގާ ޑޮމެސްޓިކް 12 އެއާޕޯޓުގެ އިތުރުން އެހެން އެއާޕޯޓްތަކެއް ވެސް ކުރިއަށް އޮތް ތަނުގައި ހުޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރަނގަޅު ކުރަން ޖެހޭ ކަންކަން ފާހަގަކުރައްވަމުން އައިޝާ ވިދާޅުވީ އެއާޕޯޓުތަކުގެ ސަލާމަތީ ކަންކަން ބައިނަލްއަގުވާމީ ފެންވަރަކަށް ބަދަލު ކުރަން ޖެހިފައިވާ ކަމަށެވެ.