ކޮމަންވެލްތުގައި ބައިވެރިވާން ރަސްމީކޮށް ރައީސް ހުށައަޅުއްވައިފި

ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވާން ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާތީ އެ ޖަމާއަތުގެ މެމްބަރަކަށް އަލުން ހަދައިދޭން އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުށަހަޅުއްވައިފި އެވެ.


ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް، ޕެޓްރީޝިއާ ސްކޮޓްލެންޑް އަށް ރައީސް ފޮނުވި ސިޓީފުޅުގައި އެ ޖަމާއަތުގެ އުސޫލުތައް ގަބޫލުކޮށް އެކަންކަމަށް ރާއްޖޭން އިހުތިރާމް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ސިޓީފުޅުގައި، އިންސާނީ ހައްގުތަކާއި ޖިންސީ ހަމަހަމަކަމާއި ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތައް ރާއްޖޭން ގަބޫލުކުރާ ކަމަށާއި ތަރައްގީވަމުން އަންނަ ގައުމަކަށް ރާއްޖެ ވާއިރު އެކަންކަން މުހިންމު ކަމަށް ވެސް ބަޔާންކުރެއްވި އެވެ. އަދި ރާއްޖޭން ބޭނުން ވަނީ އެހެން ގައުމުތަކާ ވަކިވެގެން އުޅެން ނޫންކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ކޮމަންވެލްތުގައި އަލުން ބައިވެރިވުމަކީ ރައީސްގެ 100 ދުވަހުގެ އެއް ވައުދެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި 34 އަހަރު ވަންދެން ރާއްޖެ އޮތުމަށް ފަހު އެ ޖަމާއަތުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. އޭރުގެ ސަރުކާރުން ދެއްކި ސަބަބަކީ ރާއްޖޭގެ އެތެރޭގެ ކަންކަމާ ކޮމަންވެލްތުން ބެހުމެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން ސިޔާސީ ލީޑަރުން ޖަލަށް ލާން ފެށުމާއި، އަސާސީ ބައެއް ހައްގުތަައް ސަރުކާރުން ހަނިކުރަން ފެށުމުން، އެކަމާ ދެކޮޅަށް ކޮމަންވެލްތުން އަޑު އުފުލި އެވެ. އެކަމަކު ކުރީގެ ސަރުކާރުން ގަބޫލުކުރީ އެއީ ރާއްޖޭގެ ދާހިލީ ކަންކަމާ ބެހެން ކަމަށެވެ.

ރާއްޖެ ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖުލައި 9، 1982 ގަ އެވެ. އެ ޖަމާއަތުން ވަކިވީ އޮކްޓޫބަރު 13، 2016 ގަ އެވެ.

ކޮމަންވެލްތުން ރާއްޖެ އަށް އެކި ދާއިރާތަކުން ގިނަ އެހީތަކެއް ފޯރުކޮށްދީފައިވެ އެވެ.