އައްޑޫ ރައްޔިތުން ޓާޝަރީ ހޮސްޕިޓަލަކަށް ކުރާ އުންމީދު މި ސަރުކާރުން ހަގީގަތަކަށް ހަދައި ދޭނެ ކަމަށާއި މިހާރުގެ އެންމެ ބޮޑު އަމާޒަކީ ހިތަދޫގައި ކުރިއަށް ގެންދާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފެށުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިތަދޫގައި އިމާރާތްކޮށްފައިވާ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލު ކުރަން ކުރިއަށް ގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ފަހު މިނިސްޓަރު މީޑިއާތަކަށް ވިދާޅުވީ އައްޑޫގެ އާ ހޮސްޕިޓަލަކީ ރައްޔިތުންގެ އުންމީދާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެއް ކަމަށެވެ.
އެހެންވެ އެތަނުގެ މަސައްކަތް ނިންމައި ވީހާ އަވަހަކަށް ހިދުމަތް ދެވޭނެ ގޮތްތަކެއް ސަރުކާރުން ވަރަށް ހަމަޖައްސައިދޭން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މިދިޔަ އަހަރުން ފެށިގެންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެތަން ހޮސްޕިޓަލަކަށް ބަދަލުކުރަން ހަވާލުކޮށްފައި ވަނީ އެލިއާ ކޮންސްޓްރަކްޝަނާ އެވެ. އެގޮތުން މަސައްކަތް ނިންމައި މި އަހަރުގެ ޖުލައި މަހު ހޮސްޕިޓަލް ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް ކުރިން ބުނެފައިވެ އެވެ.
އިމާރާތަށް ގެންނަން ޖެހޭ ބޮޑެތި ބަދަލުތައް މިހާރު ވަނީ ނިންމައިފަ އެވެ. ދެން މައިގަނޑު ކަމަކަށް ކުރަން އޮތީ ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ހޯދައި، އިންސްޓޯލް ކުރުމެވެ. އެތަނަށް ބޭނުންވާ ސާމާނު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
އާ ހޮސްޕިޓަލްގެ މަސައްކަތްތައް ބައްލަވާލެއްވި ނަމަވެސް، އެތަނުގައި ހިދުމަތް ދޭން ފެށޭނެ އިރެއް އަމީން ވިދާޅެއް ނުވެ އެވެ. އެކަމަކު މިނިސްޓަރު ވިދާޅުވީ އާ ހޮސްޕިޓަލް ހިންގާނެ ގޮތަކާ ދޭތެރޭ ތަފާތު ވިސްނުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ސަރުކާރުން އެ ހޮސްޕިޓަލް ހިންގާނީތޯ ނޫނީ އެހެން ބަޔަކާ ހަވާލުކޮށްގެން ހިންގާނީތޯ އަދި ނުނިންމާ ކަމަށް ވިދާޅުވި އެވެ.
"އައްޑޫގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޓާޝަރީ ހޮސްޕިޓަލެއްގެ މުހިއްމުކަން ބޮޑު. އެހެންވެ މި އުންމީދު ހަގީގަތަކަށް ހަދައިދޭން މި ސަރުކާރުން މަސައްކަތް ކުރާނެ،" އަމީން ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި އައްޑޫގެ އާ ހޮސްޕިޓަލް ވެގެން ދާނީ މާލޭން ވެސް ނުލިބޭ ހިދުމަތްތައް ލިބޭ އަދި ކަށީގެ މައްސަލަތަކަށް ހާއްސަ ތަނަކަށެވެ.
އަމީން އިއްޔެ އައްޑު އަށް ފެއްޓެވި ދަތުރުގައި މިއަދު ވަނީ އައްޑޫ ސިޓީ ކައުންސިލާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެގޮތުން ސިއްހީ ހިދުމަތް ދިނުމުގައި ކައުންސިލާ ގުޅިގެން މިނިސްޓްރީން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.