އެކްސިޑެންޓުވި، ޒަހަމްވި މީހާއަށް މިދަނީ އެހީވަމުން: އަލީ ސޯލިހް

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އިއްޔެ ހަމަޖެއްސެވި އަލީ ސޯލިހް ދުއްވެވި ކާރުން މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގި ކަމަށާއި ޒަހަމްވި ޒުވާނާއަށް އެހީތެރިވަމުން ގެންދަވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.


މިދިޔަ ހޯމަ ދުވަހުގެ ރޭ އައްޑޫ ސިޓީ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވީ އަލީގެ ކާރުން ޖެހުނު ސައިކަލް ދުއްވަން އިން ޒުވާނާއަށެވެ. އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

އެ ޒުވާނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

އެކްސިޑެންޓުވުމުން އަނިޔާވި މީހާއަށް އެހީތެރިނުވެ އަލީ ފިއްލަވައިގެން އުޅުއްވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ގެންދަނީ ފާޑުކިޔަމުންނެވެ.

އަލީއަށް ފާޑުކިޔާ ކޮށްފައިވާ ޓްވީޓެއް

ނަމަވެސް އެކަން ދޮގުކުރައްވައި އަލީ ވިދާޅުވީ އަނިޔާވި ޒުވާނާ މާލެ ގެންނަން ވެސް އޭނާ އެހީތެރިވެދެއްވި ކަމަށެވެ. އަދި ހޮސްޕިޓަލަށް ވަޑައިގެން އޭނާގެ ހާލު ބެއްލެވުމުގެ އިތުރުން އާއިލާއިން އެދޭ އެހީތެރިކަން ފޯރުކޮށްދެއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހިރީ އަޅުގަނޑުގެ އަތުގައި ޑޮކިއުމެންޓް. ސީޓީ ސްކޭނާއި ހުރިހާ އެއްޗެއް ނޯމަލް. އަޅުގަނޑު މިދަނީ އެކުއްޖާގެ ހާލު ބަލައި އެހީތެރިވަމުން،" ޖުމްހޫރީ ޕާޓީގެ ތަރުޖަމާންގެ މަގާމުގައި ވެސް ހުންނެވި އަލީ ވިދާޅުވި އެވެ.

އެ މައްސަލާގެ ތަހުގީގަށް ފުލުހުންނަށް އެއްބާރުލުން ނުދެއްވައި ފިއްލެވި ކަމަށް ކުރާ ތުހުމަތު ވެސް އޭނާ ވަނީ ދޮގުކުރެއްވި އެވެ. އަލީ ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލަން ޒުވާނާގެ އާއިލާއިން ބޭނުން ނުވުމުން ދެ ފަރާތުން ވާހަކަ ދައްކައި މައްސަލަ ނިންމަން އެންގީ ކަމަށެވެ.