މިދިޔަ ބުދަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ގެދޮރަށް ލިބުނު ގެއްލުމުގެ އަގު 1.2 މިލިޔަން ރުފިޔާ އަށް ވުރެ އިތުރު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު (އެންޑީއެމްސީ) އިން ބުނެފި އެވެ.
އެންޑީއެމްސީގެ އިދާރާގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ސެންޓަރުގެ ޕްރޮޖެކްޓް ކޯޑިނޭޓާ ހިސާން ހަސަން ވިދާޅުވީ ފެންބޮޑުވި ހާދިސާގައި ގެއްލުން ލިބުނީ ޖުމްލަ 214 ތަނަކަށް ކަމަށާއި އޭގެ ތެރެއިން 173 ތަނަކަށް ލިބުނު ގެއްލުންތައް ވަަޒަން ކުރެވިފައިވާ ކަމަށެވެ.
"ޑެމޭޖް އެސެސްމެންޓް ހަދާ ނިމި އަޅުގަނޑުމެންގެ ސިސްޓަމަށް ހުރިހާ ފޯމްތަކެއް އަޅާލީމާ މިހާރު ޓޯޓަލް ޑެމޭޖް ލޮސް އެއްގެ ގޮތުގައި އެބަ ދައްކާ 1.2 މިލިޔަން ރުފިޔާ،" ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ގެތަގެ ތެރެއިން މިހާތަނަށް ގެއްލުންތައް ވަޒަން ނުކުރެވި ހުރި ގެތަކުގެ ވެރިންނާ ވެސް ގުޅިފައިވާ ކަމަށާއި އެ ގެތައް އަދި ނުބެލި ވަނީ މީހުންގެ މަސައްކަތް ހުރި ގޮތުން ކަމަށެވެ. އަދި ވިދާޅުވީ ގެއްލުންތައް ބަލައި ވަޒަން ކުރެވިފައިވާ ގެތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ހޯމަ ދުވަހު ސަރުކާރު ހުޅުވުމުން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ބޯކޮށް ވާރޭ ވެހި މާލޭފައި ފެންބޮޑުވެ، ގެދޮރަށް ފެން ވަނުމުގެ ސަބަބުން ގެއްލުން ލިބުނުގެތަކުގެ ތެރެއިން ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ ޖުމްލަ ހަ ގެއަކަށެވެ. އެ ގެތަކަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ފެން ޖެހުމުގެ ސަބަބުން ހިފަައި ގެންގުޅޭ ތަކެތި ހަލާކުުވުމާއި ޖަންކްޝަންތަކުން ލީކްވެ، ނަޖިހުގެ އަސަރު ކުރުން ހިމެނެ އެވެ. އެގޮތުން ގެއްލުން ލިބުނު ގިނަ ގެތަކެއް ސާފުކުރުމާއި ކުނި އުކާލައި ދިނުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އާއި އެންޑީއެމްސީ ގުޅިގެން ވަނީ ކޮށްފަ އެވެ. އަދި އެ ގެތަކަށް އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ އިން އެހީތެރިވެދީފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.
ބުދަ ދުވަހު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި 220 މިލިމީޓަރަށް ވުރެ ގިނަ މިންވަރަކަށް ވާރޭ ވެހުނެވެ. އެމިންވަރަށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭގެ ގެތަކަށް ގެއްލުން ވި އިރު 168 ގެއިން ކަރަންޓް ކެނޑުނެވެ. އަދި ދެ ގެެއެއްގައި މީހުންނަށް ދިރިނޫޅެނޭ ވަރު ވެގެން ހުސްކުރަން ޖެހުނެވެ.
ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް އެހީތެރިވާން ހަމަޖެހިފައި ވަނީ ކިހިނެއްތޯ "މިހާރު" ން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ހިސާން ވިދާޅުވީ ކާރިސާތަކުގައި ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރިވާނީ ބަދަލަށް ބަދަލުދޭ އުސޫލުން ނޫން ކަމަށެވެ.
"މިހާރު މި ހެދިފައި ހުންނަ ރިލީފް ގައިޑްލައިންގެ ތެރޭން، އެ ފަރާތްތަކަށް ލިބުނު ގެއްލުންތައް އެސެސްކުރުމަށް ފަހު ކޮންމެ ވެސް ރަމްޒީ އެހީއެއް ، ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދޭ އުސޫލުން އެހީތެރިވާނީ،" އޭނާ ވިދާޅުވި އެވެ.