ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެރިދުއަށް މިއަދު ވަޑައިގެން އާއިލާއަކާ އެކު ފޮޓޯފުޅެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް
10 ޑިސެމްބަރ 2018 - 15:49
ސަރުކާރުން ހަމަ އެއްވެސް ރަށެއް ބާކީ ނުކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އއ. ފެރިދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަަރުކާރުގެ ކުރިމަތީގައި ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއް ކަމަށެވެ. ރައްޔިތުން ހަވާލުކުރި ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުން މަތީ ސަރުކާރު ދެމިއޮންނާނެ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ތިޔަ ބޭފުޅުންނަށް ޔަގީންކޮށްދޭން ބޭނުން ވަނީ އަޅުގަނޑު ހަމަ އެންމެ ރަށެއް ވެސް ބާކީ ނުކުރާނެކަން،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމުގެ ވައުދު ވެވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ދެއްކެވީ ކުރީގެ ސަރުކާރުން އަމަލުކުރި ގޮތުގެ ވާހަކަ އެވެ. މިއަދު ފާހަގަކުރާ ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިންސާނީ ހައްގުތަކާ މެދު ފާއިތުވި އަހަރުތަކުގައި ކަން ހިނގި ގޮތާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ. މިދިޔަ ފަސް އަހަރަކީ ދިވެހިންގެ އިންސާނީ ހައްގުތައް ހިމާޔަތް ނުކުރެވި ކަންކަން ފާލުން ނެއްޓިގެން ގޮސްފައި އޮތް ދުވަސްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަދި އެފަދަ ދުވަސްތަކަކަށް މި ރާއްޖެ އަނބުރާ ނުދާނެ ފަދަ ގޮތަކަށް ދައުލަތުގެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމުގައި އަޅުގަނޑު ދެކެން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދިނުމަކީ އެންމެ ބޮޑު އެއް ޒިންމާ ކަމަށާއި އަދުލު އިންސާފު ލިބޭނެ ގޮތް އިންތިޒާމް ހަމަޖައްސައި ދިނުމަކީ އެންމެ މުހިއްމު އަމާޒު ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފެރިދުއަށް ވަޑައިގެންނެވީ އެ އަތޮޅު އުކުޅަހަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. މިއަދުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުން ވެސް ބައިވެރިވަޑައިގެންނެވި އެވެ. ދެ ރަށުން ވެސް ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ރައީސަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމަނާ
18 December 2018
ބަހާ ޢަމަލާ ދިމާވަންޏާ ރަގަޅުވާނެ. އަދި ފެންނަނީ......
ޣަފޫރު
11 December 2018
ބާކީ ނުކުރާނެ. އެކަމަކު މާލެ ސަރަހައްދާއި އައްޑު ހުވަދޫ ކުޅުދުއްފުށި ކަހަލަ އާބާދީތަކުން ވޯޓު ހޯދަން މަޅި ޖަހާނެ 2023 ގައި. އެކަން އެނގޭ.
އަލީ ރާޖާ
10 December 2018
އެއްވެސް ޒަމާނެއްގައި އެއްވެސް ރަށެއް ބާކީ ނުކުރޭ. ފަޅުރަށެއް ވެސް. ވަރުވާއަށް މީހަކަށް ދީގެން ވެސް މާލޭގެ ހަވަރުން ކޮންމެ ވެސް އެއްވަރަކަށް ބަައި އެޅޭނެ ގޮތް ހަދާފައި އޮވޭ. ބާކީ ނުކުރާނެ މިހާރު ފަޅެއް ވެސް. އެކަން އެނގޭ ރައްޔިތުންނަށް.
ޖަޒީރާ ރާއްޖެ 123
10 December 2018
ޖަޒީރާ ރާއްޖެ ގެނެސްގެން ވީ އުފަލެއް ނެތް. ޢެމް.ޑަބްލިޔު.އެސް.ސީ ގަ މިހާރު ހިންގަން އުޅެނީ ޖުމްހޫރީ ޕާރޓީގެ ވެރިކަމެއް. އެހެން ޕާރޓީތަކަށް ސަޕޯރޓް ކުރާ މުވައްޒަފުންނަށް އެކިގޮތްގޮތުން ދުއްތުރާ ކުރަމުން ދަނީ. ޢެމް.ޑީ.ޕީ އިން މިކަމަށް ޚައްލެއް ހޯދާދޭން އެބަޖެހޭ.
އުއްމީދު
10 December 2018
ރަށްތަށް މި ވަނީ ބާކީވެފަ!އެއީ ރަށްތަކުގެ ރައްޔިތުން ވަނީ ރަށް ދޫކޮށް މާލެ ހިޖުރަ ކޮށްފަ އެއީ އަސާސީ ހައްގުތަކަށްޓަކައި.އަތޮޅު ގަ ވަޒީފާއެއްނެތް ފަޅުރަށްތަކުގަ ރިސޯޓުތަށް ހެދިޔަސް އަތޮޅު މީހުނަކަށް މާބޮޑު ފައިދޭއެއް ނެތް،ދެން ހުރިފަޅުރަށްކޮޅުވެސް އޮންނާނީ ކޮށްމެސް ދުރު ބަޔަކަށް ދީފަ އޭގެއިން އަތޮޅަކަށް ކައިރީ އޮތް ރަށަކަށްވެސް ފައިދާއެއް ނުވޭ.އަޅުގަނޑު އުއްމީދަކީ މިވެރިކަމުގަ އެކަންކަން ބަދަލުވެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ލިބުން.
ޖޯކަރު
10 December 2018
ޢިބޫ މި ދައްކަނީ ވަކި އާ ވާހަކައެއްތަ....ހަމަ ފެނާ ނަރުދަމާގެ ވާހަކަ....މާލެ ނޫން ރަށަކަށް ގޮއްސިއްޔާ ދައްކާނީ ކޮންމެ ރައީސް އަކުވެސް ހަމަ ބަަދަރު ހަދާ ވާހަކަ އާއި ފެނާ ނަރުދަމާގެ ވާހަކަ...
އާކާސް މުހައިމިނު ކުޅުއްފުށި
10 December 2018
ހޯރަ އިއްބެ ދޫކޮށްލީ އަޅެ ކިހާ ފައިސާއަކަށް... ހުސް ދޮގު ހަދާ، މީހުން ވަޒީފާތަކުން ކަނޑާ މީހެއްތީ
ކިއްލިބާޝާ
10 December 2018
ޖަޒީރާ ރާއްޖޭގާ ބާކީވާނީ އިންސާނާ. ރަށެއް ބާކީއެއްނުވާނެ.
ޖުމްރާ
10 December 2018
ރައީސް އިބޫ ކޮންމެ ވާހަކަފުޅެއް ދެއްކެވިޔަސް މަށަށް ދެއްކޭނީ ހޯރަ އިއްބެ ވާހަކަ..ހަމަހަމަ ކަމާއި އިންސާފުގެ ވާހަކަ ނުދައްކަވާ..އެކަންވާނީ އެއިރަކު ވެރިއަކަށް ހުންނަވާ ބޭފުޅެއްގެ ސިޔާސީ ފިއްތުން ހުންނަ ގޮތަކަށް ބާރުހުރި މީހުނަށް ފައިދާ ކުރާނީ..
1828
10 December 2018
ކޮންމެ ރަށެއް ބަކީ ނުކުރަން ކިތައް އައު ޕްރޮޖެކްޓް ފެށިއްޖެ؟