ނޫސްވެރިކަމުގެ އަލިމަސް ގަލަން އަށް ބޭފުޅަކަށް

ނޫސްވެރިކަމުގެ އަލިމަސް ގަލަން ރާއްޖޭގެ ނޫސްވެރިކަމުގެ ތަޖުރިބާކާރު އަދި ޚިދުމަތްތެރި އަށް ބޭފުޅަކަށް މިރޭ ލިބިވަޑައިގެންފި އެވެ.


ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމަށާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން ބޭއްވި ޖަލްސާގައި އަލިމަސް ގަލަން ހާސިލްކުރެއްވި ބޭފުޅުންނަކީ ނޫސްވެރިކަމުގެ ދާއިރާ އިން ޕީއެޗް.ޑީ ހާސިލްކުރެއްވި ފުރަތަމަ ދިވެއްސަކަށް ވެވަޑައިގެންނެވި "ހަވީރު" ނޫޙުގެ ކުރީގެ އެޑިޓަރު ޑރ. އަލީ ރަފީގު، "އާފަތިސް" ނޫހުގައި އިސް ދައުރެއް އަދާކުރެއްވި އަބްދުﷲ ނައީމް އިބްރާހީމް، "މިހާރު"ގެ އެޑިޓަރު މޫސާ ލަތީފު، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު، މުހައްމަދު ސައީދު މޫސާ ވަޖުދީ، ހޯރަފުށީ މުހައްމަދު ސަލީމް، ސަން އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު އަދި ވީމީޑިއާގެ އިސް ހިންގުންތެރިޔާ އިމާދު ލަތީފެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް އަދި ނޫސްވެރިކަމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ޝަހީބަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ "އަލިމަސް ގަލަން" ދެއްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މި ބޭފުޅުންނަށް އަލިމަސް ގަލަން އަރުވާފައި ވަނީ ނޫސްވެރިކަން ކުރިއަރުވައި އެ ދާއިރާ އިން ދިގު މުއްދަތަކަށް ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގު ވަޒަންކޮށެވެ.

ނޫސްވެރިކަން ކުރިއަރުވައި ދެމެހެއްޓުމުގެ އަގު ވަޒަންކޮށް، އަލިމަސް ޝަރަފުގެ ގަލަން ވެސް މިރޭ އަށް ބޭފުޅަކަށް ވަނީ އަރުވައިފަ އެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ޑރ. މުހައްމަދު ޒާހިރު ހުސެން، އައްބާސް އިބްރާހީމް، ސީނާ އަހުމަދު ޒާހިރު، އިބްރާހީމް ރަޝީދު މޫސާ، ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު މިރޭ ހާސިލްކުރެއްވި އަބްދުﷲ ސޯދިގު (ސޯދުބެ)، ކޮޕީ މުހައްމަދު ރަޝީދު އަދި އަބްދުﷲ ފާރޫގު ހަސަން އެވެ.

ނޫސްވެރިކަމުގެ ގަލަން މިރޭ ހާސިލް ކުރި ބައެއް ނޫސްވެރިން ކުރީގެ "ހަވީރު" ގެ ޗެއާމަން ޑރ. ޒާހިރާ އެކު ފޮޓޯއެއް ނަގަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އޭގެ އިތުރުން، ނޫސްވެރިކަމުގެ ރަން ގަލަން ނުވަ ބޭފުޅަކު މިރޭ ހާސިލްކުރެއްވި އެވެ. އެ ބޭފުޅުންނަކީ "އާފަތިސް"ގެ ކުރީގެ އެޑިޓަރު ފެއަރީ އަހުމަދު ޒާހިރު، ޕީއެސްއެމްގެ އެގްޒެކެޓިވް އެޑިޓަރު މުހައްމަދު ޖަމީލް، "މިހާރު"ގެ މެނޭޖިން އެޑިޓަރު އަދި "ދޯ" މަޖައްލާގެ އެޑިޓަރު އިސްމާއީލް ނަސީރު، "މިހާރު"ގެ ލޯކަލް އެޑިޓަރު އަހުމަދު ހަމްދޫން، "ސަން އޮންލައިން"، "ވީނިއުސް" އަދި "އަވަސް"ގެ އެޑިޓަރުކަން ކުރައްވާފައިވާ އާދަމް ހަލީމް (މުންޑޫ)، ދާދި ފަހަކާ ޖެހެންދެން ރާއްޖެ ޓީވީގެ ސީއޯއޯއަކަށް ހުންނެވި ހުސެން ފިޔާޒު މޫސާ، ސީއެންއެމް ވުޖޫދަށް ގެންނެވި އިސްމާއީލް ރަޝީދު، "ހަވީރު" އަދި "މިހާރު"ގެ ސީނިއާ އެޑިޓަރުކަން ކުރައްވާފައިވާ އަހުމަދު އަބްދުﷲ ސައީދު އަދި "މިހާރު"ގެ ސީނިއާ އެސިސްޓެންޓް އެޑިޓަރު - ފޮރިން ހަސަން އާމިރު އެވެ.

މިރޭގެ ޖަލްސާގައި، އެކި ދާއިރާތަކުން މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް ހާސިލްކުރި ނޫސްވެރިންނަށް ވެސް ވަނީ އެވޯޑް ދީފަ އެވެ.