19 ޑިސެމްބަރ 2018 - 14:54
އަބުރުގެ ގާނޫނު އަލުން ގެންނަވާނެ ކަމުގެ އިންޒާރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ދެއްވުމުން ރާއްޖޭގެ ބައެއް މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިދއަ ހޯމަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، "ވަގުތު ޖެހުމުން އަބުރުގެ ގާނޫނު ވެސް އަންނާނެ" ކަމަށް ވިދާޅުވީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ފާޑުކިއަމުން ދާތީ އެކަމަށް ރައްދު ދެއްވަ އެވެ.
"މިއަދު އަބުރާ ބެހުމުގެ ގާނޫނު ދިޔަސް މާދަމާ އެކަން ނާންނާނެ ކަމަށް ހީކުރައްވަނީތޯ؟ ނޫން، އެހެނެއް ނޫން. އެކަން ވެސް އަންްނާނެ. އެކަން ވެސް އަންނާނެ އަންނަންވީ ވަގުތު ޖެހުނީމާ،" ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އެ ވާހަކަފުޅާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ސަން މީޑިއާގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ އަބުރުގެ ގާނޫނު އަނބުރާ ގެނެސް ނޫސްވެރިންނަށް ޖިނާއީ ދައުވާ ކުރުމަކީ ވަރަށް ހަނި ވިސްނުމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް އެޕާޓީއަށް އޮތަސް އެގޮތަށް ބިރު ދެއްކުމަކީ އޭގެ ނަތީޖާ ރަނގަޅުވާނެ ކަމެއް ނޫން ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ގަބޫލުކުރަން މީހުންގެ އަބުރު ކަތިލައިގެން ނުވާނެ ކަމަށް. އެކަމަކު ދެން އެގޮތަށް އެ ގާނޫނު އަނެއްކާ ގެނެސްގެން މީހުންގެ ވިސްނުން ތަޅުލައިގެން އަބުރު ރައްކާތެރި ކުރުން އެއީ ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ގާނޫނެއް ހެދީ ރާއްޖޭގެ މިނިވަން މީޑިއާއަށް އަމާޒުކޮށްގެންނެވެ. އަދި އެ ގާނޫނުގައި ހުރި ބޮޑެތި ޖޫރިމަނާތަކާ ހެދި ނޫސްވެރިކަމަށް ވަރަށް ބޮޑު ހުރަހެއް އެޅުނެވެ. އެތައް މިލިއަން ރުފިޔާއަކުން ރާއްޖެ ޓީވީ ޖޫރިމަނާކޮށް، ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން ހޯދަން ޖެހޭ ވަރަށް، ބްރޯޑްކާސްޓިން ކޮމިޝަނުން އެ ޗެނެލްއާ ދެކޮޅަށް ފިޔަވަޅުތައް އެޅި އެވެ.
ޒާހިރު ވިދާޅުވި ގޮތުގައި ޑިމޮކްރަސީއެއްގައި އަބުރު ރައްކާތެރި ކުރުމަކީ ވެސް ޑިމޮކްރެޓިކް ޕްރޮސެސްއެއްގެ ތެރެއިން ކުރެވިދާނެ ކަމެކެވެ. އެގޮތުން ތަނަކާ ނުވަތަ ބަޔަކާ ބެހޭ ގޮތުން ރަނގަޅު ނޫން މައުލޫމާތެއް އާއްމު ކުރެވިއްޖެ ނަމަ ފުރަތަމަ އޮންނަން ޖެހޭނީ އޭގެ ހަގީގަތް ހާމަކޮށްދިނުމުގެ ފުރުސަތު ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަނގަޅު ނޫން މައުލޫމާތެއް ވެއްޖެއްޔާ ދެން އޭގެ ހަގީގަތް ހާމަކުރީމާ އެ ނިމުނީ،" ޒާހިރު ވިދާޅުވި އެވެ.
އަވަސް އޮންލައިންގެ މެނޭޖިން އެޑިޓަރު ނާއިފް އަހުމަދު ވިދާޅުވީ ގާސިމް އެގޮތަށް ވާހަކަފުޅު ދެއްކެވިޔަސް އުއްމީދު ކުރައްވަނީ އަބުރުގެ ގާނޫނު އަނބުރާ ނައުމަށް ކަމަށެވެ. ނަމަވެސް ދައުލަތުގެ އެއް ބާރުގެ ވެރިިޔަކަށް ހުންނެވި ބޭފުޅަކު އެކަހަލަ ވާހަކަފުޅެއް ދެއްކެވުމުން ނުތަނަވަސްކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުލަތުގެ އެއް ބާރުގެ ވެރިޔަކަށް ހުންނެވި ބޭފުޅަކު އަދި ރައްޔިތުންގެ މަޖިލީހުގެ ބޮޑު ކޮންޓްރޯލެއް އޮންނަ ބޭފުޅަކު އެކަހަލަ ވާހަކަފުޅެއް ދެއްކެވުމަކީ ނޫސްވެރިންނަށް ނުތަނަވަސްކަން ލިބޭނެ ކަމެއް،" ނާއިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން ނޫސްވެރިކަމަށް ޖާގަ ހުޅުވާލަން މަސައްކަތް ކުރާ ވަގުތެއްގައި ކޯލިޝަނުގެ އިސް ބޭފުޅަކު އެގޮތަށް ވާހަކަފުޅު ދެއްކެވުމެވެ.
ރައީސް އިބްރާހިމް މުހަައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނު އެންމެ ފުރަތަމަ ތަސްދީގުކުރެއްވީ އަބުރުގެ ގާނޫނު އުވާލުމުގެ ބިލެވެ. އެ ގާނޫނު އުވާލުމަކީ އެމަނިކުފާނުގެ ރިޔާސީ އެއް ވައުދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަރީމާ
20 December 2018
ދެން ނުދާނަން ކޯޓަކަށް ކިތަންމެ ވަރެއް އެރުވިޔަސް. އުފަލާ އަބުރާ އަރާމަށްވުރެ މިއަދު މަށަށް މީނާ މާމުހިންމުވެއްޖެ.
ނަޞްރުﷲ
20 December 2018
ވަރަށް ތާއީދު އެ ޤާނޫނަށް އިސްލާޙް ގެނެސް އެޤާނޫނު އަލުން ގެންނަން.
އަޙުމަދު،
20 December 2018
ތި ނުގެނެވިގެން އުޅޭ އެއްޗެއް ވިއްޔާ އަވަހަށް ގެނެބަލާ، ދެތިން ފަޅުރަށާ ދެތިން ފަޅު ނުލިބުނަސް އެވަރުން ސޭޓަށް ފުދޭނެތޯއެވެ.
KAWSAR
20 December 2018
ފިޔަފެޅީމާ ވާގޮތް. މީނާ ޖަރުމަނުގަ ހުރި ގޮތައް ބެހެއްޓިނަމަ މާރަނގަޅުވީސް. އެމްޑީޕީގެ ބުރަމަސްކަތުންކަން ސަލާމަތް ވިކަމެއް ނޭނގި ހަނދާން ނެތިފަ މިހުރިހާ މީހުން މިތިބީ.
ކިޔުންތެރި
20 December 2018
ހުރިހާނުބަޔަކީ ހަމަ ތީޔައީ
ހާމިދު ޝާހިދު
20 December 2018
އަބުރުގެ ޤާނޫނަކީ ދީނީ ގޮތުންވެސް އޮންނަންޖެހޭ ޤާނޫނެއް. އެޤާނޫނަކީ އެތައް ބައެއްގެ އަބުރު ހިމާޔަތް ކޮށްދޭނެ ޤާނޫނު. ރައީސް ޔާމީން އެ ޤާނޫނު ވުޖޫދަށް ގެންނެވީ އެސަބަބަށްޓަކާ.
ދަމޮކްރަސީ
20 December 2018
ޑިމޮކްރަސީގަ އޮންނަގޮތަކީ މީހަކާ ބެހޭގޮތުން ކޮންމެފަދަ ދޮގު ވާހަކަތަކެއް ދައްކާފަ، އަނެއްދުވަހު އެވާހަކަތަކަކީ ރަގަޅު ވާހަކަތަކެއް ނޫންކަމަށް ބުނުމުން އެނިމުނީ ދެއްތޯ ހިރިގާ!
ސައްހަ
20 December 2018
ދީނާ ގައުމަށް ލޯބިކުރުމަކީ ރައްޔަތުންގެ އަގަމަތީ ގައި މަލަން އަޅައިފާ ބޭތިއްބުމުމެއް ނޫން ރައިއްޔަތުންނަށް ބިނާ ކުރުވަނިވި ހިޔާލް ފާޅުކުރުމުގެ ފުރުސަތް ދީފާ ކުރަން ވީ ކުރަަަަަަަަަަަންވީ ކަމަކީ އަދުލް ޢިންސާފް ގާއިމްކޮއްދޭންވީ ! މިހާރުވެސް އެއޮތީ 2 ކޮމިސަނައް ދޭންޖެހޭ އެއްބާލުން ނުދީ ޤާސިމް މަޖިލިސް ޗުއްޓީ އަށް ފޮނުވައި ލާފާ ދޯ މޮޅުވާހަކަ ދެއްކިޔަކަސް މިއީ ޙަޤީގަތަކީ ނޫންތަ ؟؟؟؟؟؟
ހުސްނާމުހުސިން
20 December 2018
ސިޔާސީ ބޮޑުންގެ ތެރޭގައި ވަރަށް ހުދުމުހުތާރު އަމިއްލައެދުން ބޮޑު މީހުން އެބައުޅޭ. މިއީ ވަރަށް ކަންބޮޑުވާ ދެރަވަރު ކަންތައްތައް.
ޔާމީނު
20 December 2018
ހާދަ އަވަހަށޭ ދޯ ތި ކަން ބޮޑުވީ. ކަންބޮޑު ނުވ. ތިޔަ ކަން ބޮޑުވަނީ އަނެއްކާވެސް ދިވެހިރާއްޖޭގެ ދުސްތޫީ ނިޒާމުގެ ތެރެއަށް އެ ޤާނޫނު ވައްދައި މީޑިއާ ތަކުގައި އުޅުއްވާ ބޭފުޅުންނާއި މެދު ޝަރުޢީ ކޯޓުތަކުން ފިޔަވަޅު އަޅާފާނެތީ ދޯއެވެ. ޤާސިމް އިބްރާހީމްގެ ވާހަކަ ފުޅުގައި އެހެން ވިދާޅުވެފައި އެބައޮތްތޯއެވެ. އެހެން ކަމުން އޮނަރަބުލް ޤާސިމް އަށް ފާޑު ކިޔަންޖެހޭ ސަބެއް އޮތްކަމަށް އަޅުގަނޑު ނުދެކެމެވެ. މަޙްޝަރުގައި އެހުރިހާ ކަމަކާއި ކުރިމަތިލާން ޖެހޭނެއެވެ.