މަޖިލީހާ މެދު ކޯލިޝަން ލީޑަރުން މާދަމާ މަޝްވަރާ ކުރަނީ

ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުން މާދަމާ ބައްލުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މަަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ނިންމައިފި އެވެ.


ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ކޯލިޝަނާ ދޭތެރޭގައި ޔަގީންކަން އެބަ އޮތް ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ކޯލިޝަންގެ އެއްްބާރުލުން ލިބޭނެ ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ކޯލިޝަނާ ދޭތެރޭގައި އިރާދަކުރެއްވިއްޔާ. ކޯލިޝަނުގެ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ މަރުތަކާއި މީހުން ގެއްލުވައިލުމުގެ ހާދިސާތައް ބަލަން އުފެއްދި ކޮމިޝަނާއި ކޮރަޕްޝަން މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނަށް ގާނޫނީ ބާރުދޭން ހުށަހެޅި ބިލް ފާސްނުކޮށް މަޖިލިސް ޗުއްޓީ އަށް ދިޔަ މައްސަލައިގައި ސުވާލު ކުރުމުންނެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ޗުއްޓީގެ ތެރޭގައި ޚާއްސަ ޖަލްސާއެއް ބާއްވައިގެން އެ ބިލްގެ މަސައްކަތް ކުރަން އެދިވަޑައިނުގަންނަވާ ކަމަށެވެ.

"ކޮންމެހެން މަޖިލީހުގެ ޗުއްޓީ ތެރޭގައި ޚާއްސަ ޖަލްސާއެއް ބާއްވައިގެން އެކަން ކުރުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް. އެކަަމަކު އަޅުގަނޑަށް މި މަސައްކަތް ކުރިއަށް ގެންދެވޭނެ. އިރާދަކުރެއްވިއްޔާ މާދަމާ އަނެއްކާވެސް ހުރިހާ ލީޑަރުންގެ ބައްދަލުުވުމެއް ބާއްވަން މި ތައްޔާރުވަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ބައްދަލުވުމުގައި މަޖިލިސް ކުރިއަށް ގެންދާނެ ގޮތުގެ އިތުރުން ގިނަ ކަންތައްތަކާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ކޯލިޝަނާ މެދު ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ވިދާޅުވެފައި މިވަނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ އާއި ޖުމްހޫރީޕާޓީއާ ދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ގޮނޑިއަކަށް ވާދަކުރަން އެމްޑީޕީން ނިންމާފައިވާ ނިންމުމާ މެދު ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ހޯމަ ދުވަހު ވަނީ ނުސީދާ ގޮތެއްގައި ނުރުހުން ފާޅުކުރައްވައިފަ އެވެ. މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ޖޭޕީ އަށް ވެސް ކެރޭނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ. ހުރިހާ ގޮނޑިއަކަށް ވާދަކުރަން އެމްޑީޕީން ނިންމާފައި ވާއިރު އެ އިންތިހާބުގައި ބަހާލައިގެން ދާއިރާތަކަށް ކުރިމަތިލާން ޕާޓީތަކުން ކުރިން ވަނީ އެއްބަސްވެފަ އެވެ.