ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާ ތިން ތަނެއްގެ މަސައްކަތް ހުއްޓުވައިފި

ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާ ތިން ތަނެއްގެ މަސައްކަތް ހުއްޓާލަން ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އަންގައިފި އެވެ.


ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް "މިހާރު" އަށް މިއަދު ވިދާޅުވީ އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ 163 ތަނެއް އިއްޔެގެ ނިޔަލަށް ބަލައި ފާސްކޮށްފައިވާ ކަމަށާއި އިތުރު ސަމާލުކަމެއް ދީގެން ބަލަން ޖެހޭ ހަތް ތަނެއް ފާހަގަކުރެވިފައިވާ ކަމަަށެވެ.

"އިއްޔެއާ ހަމައަށް ޖުމްލަ 163 ތަނެއް ވަނީ ބަލާފައި. މަސައްކަތް ކުރަމުންދާ ސައިޓްތައް އަދިވެސް މިދަނީ ބަލަމުން. އިއްޔެ ތިން ތަނަކަށް ސްޓޮޕް އޯޑަރު ވެސް ވާނީ ނެރެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިސްޓްރީގެ ސާވޭޔަރުން މިހައިތަނަށް ބެލީ އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ތަންތަން ކަމަށް ވިޔަސް ބާ އިމާރާތްތަކުގެ ކަންތައްތައް ވެސް ބަލާނެ ކަމަށެވެ.

"އަދި މިބެލީ ހަމަ އެކަނި މަސައްކަތް ކުރަމުން އަންނަ ސައިޓްތައް. އެކަމަކު ބާ އިމާރާތްތަކުގެ ކަންތައްތައް ވެސް އަޅުގަނޑުމެން ބަލާނަން،" އަސްލަމް ވިދާޅުވި އެވެ.

އިމާރާތްކުރުމުގެ މަސައްކަތް އެކަށީގެންވާ ރަނގަޅު އުސޫލަކުން ކުރިއަށް ގެންދިއުމަށްޓަކައި ހަދަމުން އަންނަ ބިލްޑިން ކޯޑްގެ މަސައްކަތް މިހާރު އޮތީ ނިމުމަކާ ވަރަށް ކައިރީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ މަސަައްކަތް ނިންމައި އަންނަ ޖެނުއަރީ މަހު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވޭ ވަރު ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ މަސައްކަތަކީ ހަގީގަތުގައި މިދިޔަ މާޗް މަހާ ހިސާބަށް ނިމިފައި އޮންނަން ޖެހޭ ކަމެއް. ދެން ވަރަށް ބޮޑު ބައެއް މިހާރު އޮތީ ނިމިފައި. އަޅުގަނޑުމެން މި އުއްމީދުކުރަނީ ޖެނުއަރީ މަހު އޭޖީ އޮފީހަށް ފޮނުވޭ ވަރު ވާނެ ކަމަށް،" އަސްލަމް ވިދާޅުވި އެވެ.

މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ތަންތަނުގައި ސަލާމަތީ ކަންތައްތައް ހުރި ނެތްގޮތް ބެލުުމުގެ ހާއްސަ މައްސައްކަތެއް ޕްލޭނިން މިނިސްޓްރީން ފެށީ ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، ލިބުނު ޒަހަމް ތަކަކަށް ފަރުވާ ދެނިކޮށް، އުމުރުން ހަތް އަހަރުގެ ރަވްޝާން ޖިއާން މަރުވުމާ ގުޅިގެންނެވެ. އާދީއްތަ ދުވަހު ހިނގި އެ ހާދިސާގައި ޒަހަމްވި ބަންގްލަދޭޝްގެ ދެމަފިރިއެއްގެ ޖިއާން މަރުވީ ޖެހިގެން އައި ދުވަހު އެވެ.