ސިނަމާލެ ބްރިޖު
24 ޑިސެމްބަރ 2018 - 15:45
ސިނަމާލެ ބްރިޖް ހުރަސްކޮށް ކުރާ ކުރާ ދަތުރުތަކަށް ޓެކްސީތަކުން މިހާރު ނަގާ އަގުތަކުގައި އެކަން ކުރިއަށް ގެންދެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
އެކަމަކު ޓެކްސީ ޑްރައިވަރުންނާ އެކު ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު "މިހާރު"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އާ އަގުތައް ކަނޑައަޅަން އަންނަ މަހު ފޯރަމެއް ބައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ޓެކްސީގެ އަގުތައް އިއުލާނު ކުރާނީ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްގެން. އެގޮތުން އެކަމާ ގުޅޭ ފޯރަމެއް އަންނަ މަހު ބޭއްވުމަށް މިދަނީ މަސައްކަތް ކުރަމުން،" އައިޝާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މިގެންނަ ބަދަލުތަކަކީ ޓެކްސީ ޑްރިވަރުންނާއި އާންމުން ވެސް ހިތްހަމަޖެހޭނެ ފަދަ ބަދަލުތަކަށް ހެދުމަށް."
ހުޅުލެ އާއި ހުޅުމާލެ އާއި މާލެއާ ދެމެދު ކުރާ ދަތުރުތަކުގެ އަގު، ސިނަމާލެ ބްރިޖް ހުޅުވުމާ އެކު އޭރުގެ ސަރުކާރުން އިއުލާންކުރި އެވެ. އޭރު ކަނޑައެޅީ ހުޅުލެ އާއި މާލެއާ ދެމެދު 35، އަދި ހުޅުމާލެ އާއި މާލެއާ ދެމެދު 40ރ އެވެ.
އެކަމަކު ފުރަތަމަ ދުވަހުން ފެށިގެން ވެސް ބުރިޖް ހުރަސްކުރާ ދަތުރުތަކަށް ޓެކްސީތަކުން އާންމުކޮށް ނަގަނީ ކޮޅަކަށް 100ރ އެވެ. އަދި ކުރިން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް އެ ދަތުރުތައް ކުރާ ޓެކްސީތައް ހުއްޓުވުމުގެ މަސައްކަތް އިއްޔެ ފުލުހުން ފެށުމުން ޓެކްސީ ޑްރައިވަރުން ވަނީ ބްރިޖް ހުރަސްކޮށް ދަތުރުކުރުން ވަގުތުކޮޅަކަށް ހުއްޓާލައިފަ އެވެ.
ޓެކްސީ ދަތުރުތައް އަލުން ފެށީ އައިޝާއާ ބައްދަލުކޮށް، މަޝްވަރާކުރުމަށް ފަހު އެވެ.
މިނިސްޓަރު ވިދާޅުވީ އެ ބައްދަލުވުމުގައި ޑްރައިވަރުންގެ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކުރި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުޅުލެ އާއި ހުޅުމާލެއަށް ކުރާ ދަތުރުތަކަށް އާ ސަރުކާރުން ވަކި އަގެއް ކަނޑައަޅައި، އިއުލާންކޮށްފައެއް ނުވާނެ އެވެ. އެހެންކަމުން އަގުތައް ކަނޑައަޅަންދެން މިހާރު ވެސް ދަތުރުތައް ކުރާ ރޭޓްތަކުގައި ޓެކްސީތަކަށް ދަތުރު ކުރުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވި އެވެ.
އައިޝާ ވިދާޅުވީ ކުރީގެ ސަރުކާރުން ބްރިޖު ދަތުރުތަކަށް އަގުތައް ކަނޑައެޅީ ޓެކްސީ ދުއްވާ ފަރާތްތަކާ މާ ބޮޑު މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ. އެކަމަކު މި ސަރުކާރުން އަގުތައް ކަނޑައަޅާނީ އެފަރާތްތަކާ ވެސް ފުރިހަމައަށް މަޝްވަރާކޮށްގެން ކަމަށް ވިދާޅުވި އެވެ.
ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި 40ރ. އަކީ ބްރިޖު ހުރަސްކޮށް ކުރާ ދަތުރުތަކަށް ކުޑަ އަގެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނިކަމަނާ
25 December 2018
ގްރެބް ނޫނީ އުބަރ ތައާރަފް ކޮބަލަ.. މި ޓެކްސީ ތައް ހަމަ ބިމަށް އޭރުން ފައިބަފާނެ
މަރޭމިތުރާ
25 December 2018
[[އަގުހެޔޮ ކުރެވޭނީ ގޭހުންނޭ! އަގު ކުޑަވާ ގޮތަކުންނޭ!]]................................ މާލޭގައި ޓެކްސީ އެންމެ އަގުހެޔޮކޮށް ކުރެވޭނީ ކޮންމެ ޓެކްސީއެއްގައި ޕްރެޕޭން ގޭހުން ދުއްވޭނެ ސިސްޓަމް ހަރުކޮށްގެން. މިސިސްޓަމަށް ދާނީ 1500 ޑޮލަރު. އަދި މީގެ އިތުރަށް ގޭސް ރާއްޖެއަށް ގެނެސްގެން. މާލޭގައި މިކަން ފެށިދާނެކަމަށް ދެކެން. މާލޭގައި އެހާގިނަ ޓެކްސީނެތް. މިސިސްޓަމް ގެނެސްފި ނަމަ ހުރިހާޓެކްސީގައި ހަރުކުރާނެ!
ށަލި
25 December 2018
ސަރުކާރަކަށް ޓެކްސި މައްސަލައެއް މީޓަރު ނުލާ ހައްލެއް ނުކުރުވޭނެ. ވިޔަފާރީގައި ހިގާނީ ފައިދާވާ ގޮތައް. ޓެކްސީތަކަށް ބާރު ލިބިފައި މިއޮތީ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ނެތީމަ. ޓެކްސީގައި ޕަސިންޖަރުން ތިއްބަސް މަގުމަތިން އިތުރުމީހުން އަރުވައިގެން 10 މިނެޓުން 50 ލިބޭ. އެހެންވީމާ އަގު 80-70ރ އަށް ތިރިވިޔަސް ގާތީ ނުކުރުން. އޮޕޮޓިއުނިޓީ ކޮސްޓް މުހިއްމީ، ދުއްވުމާއި ތެލުގެ ހަރަދެއް ނޫން. ޓެކްސީ ޑްރައިވަރުން މޯރަލީ ރަގަޅުކުރަން ނޫޅުއްވާ!
ލައީ
25 December 2018
60 މީހުންގެ ހައްގުތަ ނުވަތަ ރާއްޖޭގެ 2/3 މީހުންގެ ހައްގުތަ މުހިންމީ! އިރުބާރެއްނެތް މިނިސްޓަރެއް. ބަހާ އަމަލާދިމާނުވޭ. ޖަޒުބާތުގަ ކަންކަން ނުކުރެވޭނެ. އަޑުއަހާ، ކޮޅުތައްބަލާފަ ނިންމަންވާނީ. ބުރިޖު ތޯލްކޮބާ؟
މިސްރާބު
25 December 2018
ބައްލަވާ ގެޡެޓް ކުރެވިފައިވާ ޤަވާއިދެއް މިނިސްޓަރ އަނގަބަހުން ބުނެލުމުން ބާތިލްވޭތޯ؟ ޤަވާއިދާއި ޚިލާފު ކަމެއް ކުރަން ގޮވާލެއްވީ ކަައް ނުވާނެތޯ ތިޔަ؟ އިންސާފު އާއި އުސޫލު މިއަދު ކޮބައިތޯ؟
ޛުން
25 December 2018
މީޓާހަރުކުރޭ......
ޢަބްދުﷲނާފިޒް
25 December 2018
ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި 40ރ. އަކީ ބްރިޖު ހުރަސްކޮށް ކުރާ ދަތުރުތަކަށް ކުޑަ އަގެކެވެ. ދަތުރަކަށް 400 ރުފިޔާވިއަސް ތި ޑްރައިވަރުން ބުނާނީ ކުޑައޭ، އެކަމަކު 15 ކމ ގެ ދަތުރަކަށް 40 ރުފިޔާއަށްވުރެ ބޮޑުވީމަ ބޮޑޭ، 15 ކމ ގެ ދަތުރަކަށް ކިތައް ލީޓަރުގެ ޕެޓްރޯލަ ޚަރަދުވޭބާ! ޓެކްސީ ޑްރައިވަރުންވެސް ބޭނުންވަނީ އެއްފަހަރާ މުއްސަނދިވާން.
ރޯނުއެދުރު
25 December 2018
ޓެކްސީ ޑުރައިވަރުން ހިތައްއެެރިވަރަކަށް އެކަންކުރަން ދޫކޮށްލުމަކީ ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނިކަމެެތި ރައްްޔިތުމީހާއަށް ނެތްކަން ހާމަވާ ވަރަށްބޮޑު ހެއްކެއް
ޏ.ސިޓީ
25 December 2018
ޓެކުސީ ޑުރައިވަރުން މީ ވަރަށް ގަދަ ބައެއް.. މި މުޖުތަމައުއަށް ބޮޑު ބަލާއަކަށް ތިމީހުނާ ހެދި.. ހުރިހާ ކަމެއް ސިޔާސީ .. ކޮބާ ރައްޔިތު މީހާގެ ހައްގު؟
އަލިހަންޑޯ ޓޮލޭޑޯ
25 December 2018
1 ލީޓަރ ޕެޓްރޯލުން ސްޕޯސްޓްސް ކާރެއްގައި 10 ކިލޯމީޓަރަށް ދަތުރުކުރެވޭނެ. ޓެކްސީކުރާ ބާވަތުގެ ކާރުތަކަށް 10 ކިލޯމީޓަރަށް އެއްލީޓަރު ޕެޓްރޯލަށްވުރެ ކުޑަކޮށް ދަތުރުކުރެވޭނެ. ބްރިޖްގައި 3 ކިލޯމީޓަރު ހުންނަނަމަ ދެކޮޅަށް ވާނީ 6 ކިލޯމީޓަރު. އެވަރުގެ ދަތުރަކަށް 0.6 ލީޓަރު ޕެޓްރޯލުން ސްޕޯސްޓް ކާރަކަށް ދަތުރުކުރެވޭނެ. އެއީ ގާތްގަނޑަކަށް 12 ރުފިޔާ ލީޓަރަކަށް ބަލާނަމަ 8 ރުފިޔާއަށްވުރެ ކުޑަޚަރަދެއް. ގިނަވެގެން ނެގެންވާނީ 25 ރުފިޔާ. އެއީ ތެލުގެ އަގުގެ 3 ގުނަ