ކޮމިޝަނުން 24 މައްސަލައެއް ބަލަން ނިންމައި ބޭރުގެ އެހީ ހޯދަނީ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބަލަން މިހާތަނަށް ނިންމާފައި ވަނީ 24 މައްސަލައެއް ކަމަށާއި އެ މައްސަލަތައް ބެލުމުގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.


ކޮމިޝަނުން ބަލަން މިހާތަނަށް ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި، ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލަ އާއި ޑރ. އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އިތުރުން، ކުޑަކުދިންގެ ހިޔާގައި މަރުވި ކުއްޖަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ގެއްލުނު މީހެއްގެ މައްސަލަ ވެސް ހިމެނެ އެވެ. އަދި ޖަލުގައި މަރުވެފައިވާ ބައެއް މީހުންނާއި މާރާމާރީތަކުގައި މަރާލާފައިވާ ބައެއް މީހުންގެ މައްސަލަތައް ވެސް ހިމެނެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ މީގެ އިތުރުން ވެސް އާންމުންގެ ފަރާތުން ހުށަހަޅާ މައްސަލަތަކަށް ރިޔާއަތްކޮށް، އިތުރު މައްސަލަތައް ބަލަން ނިންމުން އެކަށީގެންވާ ކަމަށެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ނޮވެމްބަރު 25 ގައި ކޮމިޝަންގެ މަސައްކަތް ފެށުމަށް ފަހު، ވަރަށް ހަލުވިކަމާ އެކު ދަނީ ކުރިއަށެވެ. އަދި ކުރިން ލަފާކުރި ވަރަށް ވުރެ އަވަހަށް މައްސަލަތައް ބެލެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ އޭޕްރީލް މަހު ކޮމިޝަންގެ މަސައްކަތް ނިންމާލެވޭނެ،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަހުގީގުތަކަށް ބޭރުގެ އެހީ ހޯދާނެ ކަމަށާއި އެގޮތުން އެފްބީއައިގެ ކޮންސަލްޓެންޓެއްގެ އެހީ ވަރަށް އަވަހަށް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެއީ ބޮޑެތި އަދި ދުވަސްވެފައި ހުރި މައްސަލަތައް ތަހުގީގު ކުރުމުގެ ތަޖުރިބާކާރެއް ކަމަށް ސުއޫދު ވިދާޅުވި އެވެ. މީގެ އިތުރުން އޮސްޓްރޭލިއާ އިން ވެސް މިފަދަ ތަޖުރިބާކާރެއްގެ އެހީ ދޭން ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ ޖަމާއަތަކުން އެހީ ދޭން ހުށަހެޅުމުން އެކަން ވެސް ކޮމިޝަނުން ވަނީ ގަބޫލުކޮށްފަ އެވެ. އަދި ރާއްޖޭގެ ޕްރޮފެސަރު ހަސަން އުގައިލް ވެސް އެހީތެރިކަން ދެއްވަން ނިންމަވައި ވަރަށް އަވަހަށް މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި، ގޭންގުގެތަކުގެ ބާރު ގަދަވެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގައި ގޭންގުތަކުން ބާރު ހިންގާފައި އެބަ ހުއްޓެވެ. ގޭންގުތަކުގެ ބާރު ބައެއް ފަނޑިޔާރުންގެ މައްޗަށް އެބަ އޮތް ކަމަށާއި އެހެންކަމުން މިހާރު ކްރިމިނަލް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނާ އެކު އިންސާފު ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ކޮމިޝަނުން ބަލަން ނިންމި މައްސަލަތައް:

1. މ. ޝައިނިން ސްޓާ، އަހްމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލަ

2. އެމްއެމްއޭ ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ އިބްރާހިމް އާގިލް މަރާލި މައްސަލަ

3. 2014 ވަނަ އަހަރު ހިނގާފައިވާ މަރުގެ މައްސަލައެއް

4. ލ. ކަލައިދޫގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި އުމުރުން 14 އަހަރުގެ އަހްމަދު ވިޝާލް މަރުވި މައްސަލަ

5. ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލަ

6. ހ. ދޫހިމެރިގޭ ނަދާލް ރަޝީދުގެ މަރުގެ މައްސަލަ

7. ހ. ފިލިކުރިގޭ މޫސާ ނައީމް ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ވަނިކޮށް ކުއްލި ގޮތަކަށް މަރުވި މައްސަލަ

8. ގ. ފެހިމާގޭ އަލީ އަބްދުﷲ ޖަލުގައި ހުކުމް ތަންފީޒުކުރަނިކޮށް މަރުވި މައްސަލަ

9. ދ. ކުޑަހުވަދޫ އަބްދުﷲ މާހިލް ގެއްލިފައިވާ މައްސަލަ

10. ރައުދާ އާތިފްގެ މަރުގެ މައްސަލަ

11. ޖަލުގައި ހުކުމް ތަންފީޒުކުރަނިކޮށް ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު މަރުވި މައްސަލަ

12. ޏ. ފުވައްމުލަކު އޮޅުތެރޭގެ މުހައްމަދު ޝަފީއު އިބްރާހިމް ގެއްލިފައިވާ މައްސަލަ

13. ހއ. ތަކަންދޫ ޖަނަވަރީގޭ އަބްދުއްޝަކޫރު އަބްދުﷲ މަރުވި މައްސަލަ

14. ރ. އުނގޫފާރު ގުލްފާމުގޭ ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލަ

15. ސ. ފޭދޫ ޗަނބޭލީގޭ ޔާމީން ރަޝީދު މަރާލި މައްސަލަ

16. ހ. އޮގަސްޓާ އަހްމަދު ނަޒީފް ޝައުކަތު، އަޑު ޕާކުތެރޭ މަރުވެފައި އޮއްވައި ފެނުނު މައްސަލަ

17. މ. މާކަރީ މުހައްމަދު ޝަހުދުގެ މަރުގެ މައްސަލަ

18. މާލެ، ހާބަރު ޅިޔަނު ކެފޭ ތެރޭ ބަންގްލަދޭޝް މީހެއް ކަމަށްވާ ޝާހީން މިއާ މަރާލި މައްސަލަ

19. ލ. މުންޑޫ ނޫވިލު، އަލީ ޒިޔަދަމް އަށް ހަމަލާދީ މަރާލި މައްސަލަ

20. 2016 ވަނަ އަހަރު މާލޭގައި ހިނގާފައިވާ މަރުގެ ދެ މައްސަލަ

21. ހ. ހަންޑްރެޑް ފްލާވާ އަހްމަދު ޖައިލަމް ޝާކިރު މަރާލި މައްސަލަ

22. ފުވައްމުލަކު ދޫޑިގަމު ނާޝިދު މޫސާގެ މަރުގެ މައްސަލަ

23. ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުން ދިޔަ އަހްމަދު މިޝްފާގު ގެއްލިފައިވާ މައްސަލަ

24. 2016 ވަނަ އަހަރުގެ ކުޑަކުދިންގެ ހިޔާގައި ފަސް މަހުގެ ކުއްޖަކު މަރުވި މައްސަލަ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. ތަހުގީގުކުރާ އިދާރާތަކަށް ލިބިގެންވާ ބާރުތައް ލިބޭ ގޮތަށް އުފައްދާފައިވާ މި ކޮމިޝަނާ ހަވާލުކޮށްފައި ވަނީ ޖެނުއަރީ 1، 2012 އިން ފެށިގެން ހިނގާފައިވާ އެފަދަ މައްސަލަތައް ބެލުމަށެވެ.