ހުޅުމާލޭގައި އަޅާ 7،000 ފްލެޓް ނިމޭނީ އަންނަ އަހަރު ފަހުކޮޅު: މިނިސްޓަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރަން ފެށި 7،000 ފްލެޓްގެ މަސައްކަތް ނިމޭނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ މިއަދު ވިދާޅުވެއްޖެ އެވެ.


"ހިޔާ" މަޝްރޫއުގެ ދަށުން އިމާރާތް ކުރަން ފެށި އެ ފްލެޓްތަކަށް އަންނަ އެޕްރީލް މަހުގެ ތެރޭގައި ދިރިއުޅެން ވަދެވޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ވެރިކަން ބަދަލުވި ފަހުން ހައުސިން މިނިސްޓްރީން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާތިފާ ވިދާޅުވީ އެ ފްލެޓްތައް ނިމޭނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް މިނިސްޓަރު ވަނީ މައުލޫމާތު ހޯއްދަވައިފަ އެވެ.

7،000 ފްލެޓް ބަހާލި ކެޓަގަރީތައް.

އާތިފާ ވިދާޅުވި ގޮތުގައި ފްލެޓްތަކުގެ މަސައްކަތް ނުހުއްޓި ކުރިއަށް އެބަދެ އެވެ. ފްލެޓްތައް ނިމެންވާއިރަށް، އެ ސަރަހައްދުގެ މަގު ހެދުން ފަދަ ނިންމަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރި ކަން ފާހަގަކުރެއްވި އެވެ.

ފްލެޓްތަކުގެ މަސައްކަތް ނުނިމުނަސް، އެ މަޝްރޫއަށް ކުރިމަތިލީ 20،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ޝަރުތު ހަމަވާ 7،000 މީހުން ވަނީ ހޮވައިފަ އެވެ. ފްލެޓް ލިބުނު ކަމުގެ ލިއުން ވެސް ބައެއް މީހުންނާ ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއުގައި ވެސް ފްލެޓް ދިނީ ބޭއިންސާފުން ކަމަށް ތުހުމަތު ކުރެ އެވެ.

އެހެންވެ މި ސަރުކާރުން ވަނީ ފްލެޓް ދިން ގޮތް ބެލުމަށް ކޮމެޓީއެއް އެކުލަވާލައިފަ އެވެ. ކުރީގެ ސަރުކާރުން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ މެދު ގޮތް ނިންމާނީ، އެ ކޮމެޓީގެ ލަފާ ލިބުމުން ކަމަށް މިނިސްޓަރު އާތިފާ ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫ އަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ދިނީ އެންމެ 704 މީހުންނަށެވެ. އެ ފްލެޓްތައް ދިނީ ބޭއިންސާފުން ކަމަށް ތުހުމަތު ކުރަމުން ދަނިކޮށް، ގެދޮރުވެރިކަމުގެ މަޝްރޫއު ހުޅުވާލައި ފްލެޓް ދިން ގޮތާ މެދު ވެސް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

އެ ތުހުމަތުތައް ދޮގު ކުރައްވައި މިނިސްޓަރު މުއިއްޒު ވިދާޅުވެފައި ވަނީ، ދެ މަޝްރޫއުގައި ވެސް ފްލެޓް ދޫކުރީ އިންސާފުން ކަމަށެވެ. ފްލެޓް ލިބިފައި ތިބި މީހުންގެ އަތުން އަތުލުމަކީ އެ މީހުންނާ މެދު ބޭއިންސާފުވުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.