ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓްރީގެ މަސައްކަތްތަކަށް މި ސަރުކާރުން ދެ މިނިސްޓްރީ އުފައްދާފައިވާއިރު، ޒިންމާތައް އަދި ސާފެއް ނޫނެވެ.
ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީ އަކީ މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތަށް، ގިނަ މަޝްރޫއުތަކެއް ހިންގި ޒިންމާ ބޮޑު ތަނެކެވެ. ސަރުކާރާއި ސިޓީ ކައުންސިލްތަކާ މެދު އުފެދުނު މައްސަލަތަކުގައި، އެ ކައުންސިލްތަކުން ކުރަމުން އައި ބައެއް މަސައްކަތްތައް ވެސް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރި އެވެ.
ދެ މިނިސްޓްރީއެއް މެދުވެރިކޮށް، އެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭން މި ސަރުކާރުން ބޭނުންވާތީ، އުފެއްދީ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓާއި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އެވެ.
ހައުސިން މިނިސްޓަރަކަށް އާމިނަތު އާތިފާ އައްޔަން ކުރެއްވިއިރު، ޕްލޭނިން މިނިސްޓަރަކީ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. ދެ މިނިސްޓްރީއެއް އުފައްދާފައި އޮތް ނަމަވެސް މަސައްކަތްތައް އަދި ކުރިއަށް ގެންދަނީ އެއް އިމާރާތެއްގަ އެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މިނިސްޓްރީގެ ޒިންމާތަކަކީ ކޮބައިތޯ ސުވާލުކުރުމުން މިނިސްޓަރު އާތިފާ ވިދާޅުވީ ކުރިއެކޭ އެއްގޮތަށް ބޯހިޔާވަހިކަމުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އެ މިނިސްޓްރީން ކަމަށެވެ. އޭގެތެރޭގައި އަތޮޅުތަކުގެ ތެރެއިން ވެސް ސަރަހައްދީ ތަރައްގީގައި ހިމެނޭ ތަނެއް ނަމަ މަސައްކަތްތައް ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް ވިދާޅުވި އެވެ.
"ސިޓީ ކައުންސިލްގެ ވެސް ޒިންމާތަކަކާ އެކީގައި ކުރިން މިތަން އޮތީ. އެހެންވީމަ މޭންޑޭޓުގެ ފުށުއެރުންތަކެއް އެބަހުރި. އެކަމަކު ދެ މިނިސްޓްރީ ވެސް އެކުގައި މަސައްކަތް ކުރަމުން މި އަންނަނީ،" އާތިފާ ވިދާޅުވި އެވެ.
މިއަށްވުރެ އިތުރަށް، މިނިސްޓްރީގެ މަސައްކަތްތައް އަދި ސާފުވެފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދެ މިނިސްޓްރީގެ ޒިންމާތައް ކަނޑައެޅުމުގެ މަސައްކަތް، އެނގިފައިވާ ގޮތުގައި، ރައީސް އޮފީހުން އަންނަނީ ކުރަމުންނެވެ.
ހައުސިން މިނިސްޓްރީގެ މުވައްޒަފުން މިހާރު އަންނަނީ ދެ މިނިސްޓްރީ އަށް ބަހާލަމުންނެވެ. ސަރުކާރުގެ ހުރިހާ އިދާރާތަކުގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުގައި އެއްހަމައަކުން އަމަލުކުރަން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައެޅި އާ އޮނިގަނޑާ އެއްގޮތަށް، ދެ މިނިސްޓްރީ އަށް މުވައްޒަފުން ބަހާލިއިރު ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލުމުގެ ބިރު އޮތެވެ.
އެއީ، އާ އުސޫލުގައި ޖީއެސް3 އަދި ޖީއެސް4ގެ މުވައްޒަފުން ނުހިމެނޭތީ އެވެ. އެ ރޭންކުގެ ގާތްގަނޑަކަށް 40 މުވައްޒަފުން ހައުސިން މިނިސްޓްރީގައި އުޅެ އެވެ.
މިނިސްޓަރު އާތިފާ ވިދާޅުވީ މުވައްޒަފުން ވަޒީފާ އިން ވަކިވެދާނެ ކަމުގެ ބިރާއެކު ކުރި މަޝްވަރާތަކަށް ފަހު ގަބޫލުކުރައްވަނީ އެ މައްސަލަ މިހާރު ހައްލުވީ ކަމަށެވެ.