އަދީބުގެ ހުކުމް ތަންފީޒުކުރާނަން: އިމްރާން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދުގައި ހުންނެވީ ޑޮކްޓަރުންގެ ލަފަޔަކާ ގުޅިގެން ކަމަށާއި ގޭގައި ބަހައްޓާނީ ދީފައިވާ މުއްދަތަށް ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބުދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އަދީބަށް ކޮށްފައިވާ ހުކުމްތައް ތަންތީޒުކުރުން ކުރިއަށްދާނެ ކަމަށެވެ.

އަދީބުގެ ސިއްހީ ހާލު ހުރި ގޮތުން ޑޮކްޓަރުން ދިން ލަޔަފާ އެއްގޮތަށް އޭނާ ގޭބަންދަށް ބަދަލުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ. އޭނާ ގޭބަންދުގައި ހުންނަވައިގެން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެވަޑައިގެން މިހާރު ވަނީ އޭނާއާ ގުޅުން ހުރި ޕާޓީއެއް ވެސް އުފައްދަވައިފަ އެވެ.

އެކަމަކު އަދީބަށް ސިޔާސީ ގޮތުން އެވަރުގެ މިނިވަންކަމަކާ އެކު އުޅުއްވާތީ އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.

އަދީބަށް ފުރުސަތު އެގޮތަށް ދީފައި ބާއްވަން ސަރުކާރުން ގަސްދު ކުރަނީތޯ ދެންނެވުމުން އިމްރާން ވިދާޅުވީ އަދީބު ގޭބަންދަށް ބަދަލުކޮށްފައި ވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށާއި ކަނޑައެޅިފައިވާ މުއްދަަތަށް އޭނާ ގޭބަންދުގައި ބަހައްޓާނެ ކަމަށެވެ.

"ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރެވިފައި އެވަނީ ޑޮކްޓަރުގެ އިރުޝާދުގެ މަތިން، ޑޮކްޓަރު ދެއްވާފައިވާ ލިއުމާ އެއްގޮތްވާ ގޮތުގެ މަތިން. އެހެންވީމާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެގޮތަށް އެ އަމަލު ކުރެވެމުންދާނެ،" އިމްރާން ވިދާޅުވި އެވެ.

"އެހެން ނަމަވެސް ހުކުމް ހަމަ ދެމި އެބަ އޮތް. ހުކުމް ތަންފީޒުކުރުމުގެ ކަންކަން ކަނޑައެޅިފައިވާ ގޮތަށް ކުރިއަށް ދާނެ ވާހަކަ ދަންނަވަން."

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަދީބު ގޭބަންދަށް ބަދަލުކުރަން ސަރުކާރުން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހު އެވެ.

ކިޑްނީގައި ހިލަ އުފެދުމުގެ އިތުރުން އަދީބުގެ ހަށިގަނޑުގައި ސިސްޓުތަކެއް އުފެދިފައިވާ ކަމަށް އޭރު ޑޮކްޓަރުން ބުނެފައިވެ އެވެ. އަދި ލޮލުގެ ފެނުމަށް އަސަރު ކުރާ ބައްޔެއް ކަމަށްވާ ގްލަކޯމާ އަށް ވެސް ފަރުވާދިނެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލަތަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި 33 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު މިހާތަނަށް ޖަލުގައި ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ހޭދަކުރައްވައިފަ އެވެ.

މިހާރު ތަންފީޒު ކުރަމުންދާ ހުކުމުގެ އިތުރުން އަދީބަށް ތުހުމަތުކުރެވޭ ބޮޑެތި އެހެން މައްސަލަތަކެއް އެބަ ހުއްޓެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މިންވަރު 1.4 ބިލިއަން ރުފިޔާއަށް އަރާކަމަށް އޭސީސީގެ ރިޕޯޓުން ދައްކަ އެވެ.