ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ. އޭނާ ވިދާޅުވީ އެމްޑީޕީ ޕްރައިމަރީ އިންސާފުވެރިވާނެ ކަމަށް. -- ފޮޓޯ: މިހާރު
06 ޖެނުއަރީ 2019 - 12:22
އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އެމްޑީޕީގެ ޓިކެޓް ދޭނެ މީހުން ހޮވަން ބާއްވާ ޕްރައިމަރީގައި ވޯޓް އޮޅުވައިލުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް އެޕާޓީން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ޕާޓީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ޕްރައިމަރީގައި ވޯޓްލުމާއި ގުނުން އޮންނާނީ ކެންޑިޑޭޓުންގެ މަންދޫބުންނާއި އާއްމު މެމްބަރުންނާއި މީޑިއާގެ ކުރިމަތީގައި ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
"މީގެ ކުރީގައި ވެސް އަޅުގަނޑުމެންގެ ޕްރައިމަރީތަކަކީ ވަރަށް އިތުބާރު ލިބިގެންވާ ގޮތަކަށް ބޭއްވި ޕްރައިމަރީތަކެއް. އެހެންވީމާ މި ޕްރައިމަރީ އަދި އެއަށް ވުރެ ވެސް ފުރިހަމަކޮށް ގެންދެވޭނެކަމަށް އަޅުގަނޑުމެންނަށް ޔަގީންކަން އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވެސް ވާދަކުރަން ވަނީ ނިންމައިފަ އެވެ. އެ ދާއިރާތަކުގެ ތެރެއިން ނުވަ ދާއިރާއަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައި ވާތީ ޕްރައިމަރީ ބާއްވާކަށް ނުޖެހެ އެވެ. އެހެންވެ އެޕާޓީން ޕްރައިމަރީ ބާއްވާނީ 77 ދާއިރާއަކަށް ކެންޑިޑޭޓުން ހޮވުމަށެވެ. ޕްރައިމަރީ ބާއްވާ ދާއިރާތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ކުރިމަތިލާފައި ވާއިރު އޭގެ ތެރޭގައި އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިސް ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
ޕާޓީގެ ނުފޫޒުގަދަ ބޭފުޅުންތަކެއް ވާދަކުރައްވާތީ އެ ބޭފުޅުންގެ ނުފޫޒު ޕްރައިމަރީއަށް ފޯރުމުގެ ފުރުސަތު އޮވެދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން އިމްތިޔާޒް ވިދާޅުވީ އެފަދަ އެއްވެސް ނުފޫޒެއް ނުފޯރާ ކަމަށެވެ. އެކަހަލަ ނުފޫޒެއް ފޯރުވާ ކަމުގެ ޝަކުވާއެއް މިހައިތަނަށް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެ ބޭފުޅުން މިޕާޓީގެ އެތެރޭގެ ޕްރައިމަރީ އަށް އެއްްވެސް ނުފޫޒެއް، އެއްވެސް ނުފޫޒެއް ފޯރުވާފައެއް ނުވޭ. ފޯރުވަމުންނެއް ނުދޭ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 18 ވާ ހުކުރު ދުވަހު އެވެ. ޕްރައިމަރީގައި ވޯޓުލުން އޮންނާނީ މެންދުރު ފަހު 2:30 އިން ރޭގަނޑު 8:00 އަށް ކަމަށް އެޕާޓީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްޒާ
06 January 2019
ވެރިކަންކުރާ ޕާޓީއައް ޕަލިމަންޓުގެ މެޖޯރިޓީ ދީގެން ނުވާނެ. އެކަމުގެ ހިތި އަޅުގަނޑުމެންވަނީ ނިމުނު ދައުރުގައި ތަހައްމަލް ކޮއްފަ. ޕާލިމެންޓު މެޖޯރިޓީ ލިބޭއިރައް ވެރިކަންކުރާ ޕާޓީ ޑިކްޓޭޓަރުންނައް ބަދަލުވެގެންދާނެ.. އަދި ކޮރަޕްޝަނުގެ ދޮރުތައް ފުޅާކޮއް ހުޅުވާލާނެ.. ސަރުކާރުންވެސަ އަސްލުޖެހޭނީ މަޖީލީހުގެ މައިނޯރިޓީގަ އޮވެގެން ޕާލިމެންޓުގެ އެތެރެއިން މަޝްވަރާއިން ކަންކަން ކުރަން ދަސްކުރަން. އެހެން ނޫނީ ކޮންމެބަޔަކުވެސް މަ ބޮޑޭވެގެން ޑިކްޓޭޓަރުވަނީ.
Fisaarikanbaleh
06 January 2019
އިންތި ކޮންއިރަކުހޭ ޔާނު ހައްޔަރު ކުރަނީ؟
މެސީ
06 January 2019
ފާހާނާ ތައްޓާ ދޮންނަމެޝިނާ ކޮންކްރީޓް މެޝިނަށް ވޯޓް އެޅީމަ ވަރަށް އިންސާފުވެރިވާނެ.
އަޙުމަދު ނިޔާޒް
06 January 2019
އޮޅުވާލުމެއް ނެތް. އެކަމަކު ތިޔަ ޕާޓީން ގެ ދަފުތަރުގަައި މަގޭ ނަން މިހާރުވެސް އެބައިން . ބ ތުޅާދޫ ދާއިރާގެ ގޮއިދޫފޮއްޓަށް ވޯޓުލާގޮތަށް . އެހެނަސް ޕާޓީއަށް ވަންނަން ދުވަހަކުވެސް މަށެއް ފޯމެއް ނުލަން .ކިހާ އިންސާފު ވެރި . އެއްވެސް އޮޅުނާލުމެއްނެތް . އަދިކޮބަ؟ މިކަން އޮޅުންފިލުވުމަށްލީ ސިޓީގެ ޖަވާބު 10 ދުވަސްވީއިރު އަދިވެސްނުލިބޭ . އިންތިމެން މިކަންކަން ރަގަޅަށް ބަލާބަލަ !
ޙާސިމް
06 January 2019
ނުފޫޒު ނެތް ކަން އިނގެނީ އެއް ކަމަކީ އެމް ޑީ ޕީ ގެ ބައެއް ކެނޑިޑޭޓްންގެ ކަމްޕެއިނު ލޯންޗު ކުރަން ނަސީދު އަށް ވަރަށް ފަސޭހަ ކަމާ އެކު ދެތީ ކިހާ ރީތި އިންތި ގެ ބަސް
ގިޔާސް
06 January 2019
ދާއިރާގެ ރައީސުންނާއި ، މަޤާމްތަކުގެ ނުފޫޒު ފޯރުވައި ، ވަޒީފާގެ ދަޅަދައްކައިގެން އެބަތިބި އެމީހުންގެ ކެންޕެއިނަށް ނެރެފައި އެކަން ޔަގީން ، ހަމަހަމަ ފުރުޞަތެއް ހޯދަން ލިބެން ބޭނުންނަމަ އެމީހުން ފުރަތަމަ މަޤާމްތަކުން އިސްތިއުފާ ދީ!
ސަމާލުވޭ
06 January 2019
އެކަމަކު އަހަރެން އެމް.ޑީ.ޕީހެ ޕްރައިމަރީގަ ވާދަކުރަން އުޅުނީމަ ދާއިރާ އަޑުގަދަ ދެތިންމީހަކު ގޮވީ ވޯޓް އަޅައިގެންވެސް ދެންހުރިމީހާ ހޮވާނަމޭ. އެންމެ ފަހު ވަގުތު ވޯޓް ނުލާ އެންމެންގެ ވޯޓް އަޅާނީ ތިމަންނާމެންނޭ. އެހެންވީމަ ޕްރައިމަރީގަ ވާދަ ނުކުރީވެސް.
ބަބުރަންޖީ ހާޖީ
06 January 2019
ވޯޓު އޮޅުވާނުލާފާނެ. އެކަމަކު ނުފޫޒުއެބައޮތް. ބައެއް ދާއިރާތަކަށް ވަކިބަޔަކުހޮވަން މިހާރުވެސް ހުރީ ފޫގަޅާފައި.
ފުވާދު ބެ
06 January 2019
އީސީ ޝަރީފު ބާއްވާ އިންތިޚާބަށް ވުރެ އެމްޑީޕީ އެތެރޭގެ އިންތިޚާބު ހަރުކަށި