އެއް މިލިއަން ޑޮލަރު އޭސީސީއާ ހަވާލުކުރާކަށް ނުޖެހޭނެ: ޔާމީން

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނު އެސްއޯއެފުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްލާމިކް ބޭންކުގެ އެކައުންޓަކަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ކޮރަޕްޝަނުގެ ފައިސާކަން ސާބިތު ނުވާ ކަމަށާއި އެހެންވެ އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލުކުރަން ޖެހޭ އެއްޗެއް ނޫން ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


އެމަނިކުފާނުގެ މިހެން ވިދާޅުވީ އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު އޭސީސީގެ ބެލުމުގެ ދަށުގައިވާ އެކައުންޓަކަށް ޖަމާކުރަން އެންގުމުން އެކަމުގައި އޮޅުވާލި ކަމުގެ ތުހުމަތުގައި ޕޮލިހަށް ހާޒިރުކުރުމުން ހަތަރު ގަޑިއެއްހާއިރު ފުލުހުންގެ އިދާރާގައި ހޭދަކުރެއްވުމަށް ފަހު ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު ހަވާލުކުރަން އޭސީސީން އެދުމުން ޔާމީން އެއްބަސްވެވަޑައިގަތީ، އެމަނިކުފާނާއި އޭސީސީ ހިއްސާވާ ގޮތަށް އެސްކްރޯ އެކައުންޓެއް ހުޅުވައި އެ ފައިސާ ހަވާލުކުރައްވާށެވެ. އެ ކޮމިޝަންގެ އެންގުމާ އެއްގޮތަށް ފައިސާ ޖަމާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވަނީ ލިޔުމުން އޭސީސީ އަށް އަންގަވައިފަ އެވެ. ނަމަވެސް އެކަމުގައި އޮޅުވާލުންތަކެއް އުޅޭކަން ފަހުން ފަޅާއެރީ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މިއަދު ސުވާލުކުރީ އެސްއޯއެފްގެ ޗެކަކުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު، އޭސީސީގެ ބެލުމުގެ ދަށުގައި ހުރި އެކައުންޓަށް ޖަމާކުރި ގޮތަކާ ދޭތެރޭ ކަމަށެވެ. އެގޮތުން އެ ފައިސާ ޖަމާކޮށްފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ތުހުމަތުކުރި ކަމުގައި ވިޔަސް، ހަގީގަތުގައި އެއީ އޭސީސީއަށް ހަވާލުކުރަން ޖެހޭ ފައިސާ ނޫން ކަމަށް ވިދާޅުވި އެވެ.

މީގައި ބުރަދަނެއް ހުރި އެއްވެސް މައްސަލައެއް އަޅުގަނޑު ހަގީގަތުގައި ގަބޫލެއް ނުކުރަން އުޅޭނެކަމަކަށް. އަޅުގަނޑުގެ އެކައުންޓުގައި ފައިސާ ހުރިއްޔާ އެއީ ކޮން ފައިސާއެއްތޯ، ޕޮލިސް އިން އެކަން ސާފުކުރާ ހިސާބަށް ގޮސްފައި ތުހުމަތުތަކެއް ކުރީމަ އެ ތުހުމަތުތަކުން ބަރީއަވުމަށްޓަކައި އަޅުގަނޑު ދޭން ބޭނުންވާ މައުލޫމާތު، ދޭން ބޭނުންވާ ޖަވާބު ދެވޭނެ: ޔާމީން

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ގާނޫނާ ހިލާފު ފައިސާއެއްކަން އޭސީސީން ސާބިތުކުރަން ޖެހޭ ކަމަށެވެ. އެ ފައިސާ އަތުލަން ޖެހޭނީ އެކަން ބެލުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

"އޭސީސީއާ އަޅުގަނޑާ ދޭތެރޭ އޮތް އެގްރިމެންޓަކީ ރަނގަޅު ނިޔަތުގައި، އަޅުގަނޑު އިސްވެ ހަމަ އަޅުގަނޑު ވެސް އެ ފައިސާ ވަކިން ބަހައްޓަން ބޭނުންވެއޭ ބުނެގެން ކޮށްފައި އޮތް އެގްރިމެންޓެއް. ހަގީގަތުގައި އެ ފައިސާ އަޅުގަނޑު [އޭސީސީއާ ހިއްސާވެގެން އުފެއްދި އެކައުންޓުގައި] ބަހައްޓާކަށް ނުވެސް ޖެހޭ. އެއީ އޭސީސީން ސާބިތުކުރައްވާފައި، ދެން އެއީ ހަގީގަތުގައި ގާނޫނާ ހިލާފު ފައިސާކަމަށް ވަންޏާ އެ ފައިސާ އަޅުގަނޑު އަތުން ގެންދަން ޖެހޭނީ. ވަކިން ބަހައްޓާކަށް ނުވެސް ޖެހޭ،" އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާ އަށް ވަޑައިގަތުމަށް ކުރީގެ ރައީސް ޔާމީން ކާރުގައި އިންނަވައި މީހަކާ ސަލާމް ކުރައްވަނީ. --މިހާރު ފޮޓޯ:ނިޝާތު

ޔާމީން ވިދާޅުވީ އެސްކްރޯ އެކައުންޓް ހުޅުވައި އެއަށް ފައިސާ ޖަމާކުރީ އެއްބަސްވި ގޮތަކަށް ނޫން ކަމަށް އޭސީސީން ތުހުމަތުކުރާ ކަމަށެވެ. އެއަށް އެމަނިކުފާނު ދެއްވި ޖަވާބަކީ، އޭސީސީގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމެވެ. އަދި އެއްބަސްވުމާ ހިލާފަށް ފައިސާ ޖަމާކުރިކަމަށް ވަންޏާ މިހާ ގިނަ ދުވަސް ވެގެން ދިޔައިރު އެކަން އަންގާލުން ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.

"...އެ އެގްރިމެންޓާ އެއްގޮތަށް އަޅުގަނޑު ފައިސާ ޖަމާކޮށްފައި، އަޅުގަނޑު ހިތުން ފައިސާ އެހެރީ ޖަމާކޮށްފައި. އެ ފައިސާ އެބަހުރި، އެއް މިލިއަން ޑޮލަރުގެ ފައިސާ އެބަހުރި. އެކަމަކު އޭގައި އެބޭފުޅުން ނަންގަވަނީ އިޖުރާއީ މައްސަލައެއް. އިޖުރާއީ މައްސަލައެއް ނަގާއިރު ވެސް އެބޭފުޅުން އަޅުގަނޑު ކައިރީގައި ވިދާޅުން ރަނގަޅު މިއޮއްހާ ދުވަސް ވެގެން ދިޔައިރު ވެސް. އެގްރިމެންޓަކީ މިދިޔަ މާޗު 25 ވަނަ ދުވަހު ސޮއިކުރެވުނު އެގްރިމެންޓެއް،" ޔާމީން ވިދާޅުވި އެވެ.

"އެގްރިމެންޓުގައި ކަންކަން ތަންފީޒުކުރަން އުޅޭ މަރުހަލާގައި އެ އެގްރިމެންޓާ ހިލާފަށް ނުވަތަ އެގްރިމެންޓުގައި ބުނާ ގޮތް ނޫން އެހެން ގޮތަކަށް ކަމެއް ދާކަމުގައި ވަންޏާ ނުވަތަ ދުވަސްވެފައި ހުރި ކަމަށް ވަންޏާ އޭސީސީން އަޅުގަނޑާ އެވާހަކަ ދައްކަންވީ. ދެއްކެވީމަ އެ ވިދާޅުވާ ގޮތަށް ރަނގަޅުކުރުމަކީ އަޅުގަނޑު އަތްމަތީގައި އޮތް ކަމެއް. އެކަހަލަ ކަމެއްގައި މައްސަލައަކަށް ވެގެން ޖިނާއީ ތަހުގީގެއް ކުރާ ހިސާބަށް މި މައްސަލަ އޭސީސީން ގެންދެވީމަ ތަންކޮޅެއް ހިތުގައި އެހެން ކަހަލަ އިހުސާސްތަކެއް ހިމެނޭ."

އެ ފައިސާއާ ދޭތެރޭ އެއްވެސް ގޮތެއް ނިންމޭނީ އެމްއެމްޕީއާރުސީގެ މައްސަލަ އޭސީސީން ތަހުގީގުކޮށް ނިންމުމުން ނުވަތަ ޝަރުއީ ކޯޓަކުން އެ ފައިސާ ދޫކޮށްލަން އަމުރު ކުރުމުން ކަމަށް ޔާމީން ވިދާޅުވި އެވެ.

ތަސައްރަފު ފުދިގެން ސަރުކާރުން ވެސް ކަންތައް ކުރިއްޔާ ރަނގަޅުވާނީ. އަޅުގަނޑުމެންގެ ސަރުކާރު ހިނގާ ދިޔައިރު މީހުންގެ މައްސަލަތަކުގައި ބޮޑެތި ޖަރީމާ ހިންގިއްޔަ ނޫނީ މީހުން ތަހުގީގަށް ހާޒިރުކޮށް މިކަހަލަ ކަންތަކެއް ނުކުރަން: ޔާމީން

ރިޔާސީ އިންތިހާބުގެ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެކަން ބަލައިދޭން އެދުނީ، އެމްއެމްއޭގައި އުފައްދާފައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެގޮތުން ސެޕްޓެމްބަރު 5 ގައި 10 މިލިއަން ރުފިޔާ އަދި ސެޕްޓެމްބަރު 10 ގައި 12.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އެ ޔުނިޓުން ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އެއްވެސް ބުރަދަނެއް ހުރިކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"މީގައި ބުރަދަނެއް ހުރި އެއްވެސް މައްސަލައެއް އަޅުގަނޑު ހަގީގަތުގައި ގަބޫލެއް ނުކުރަން އުޅޭނެކަމަކަށް. އަޅުގަނޑުގެ އެކައުންޓުގައި ފައިސާ ހުރިއްޔާ އެއީ ކޮން ފައިސާއެއްތޯ، ޕޮލިސް އިން އެކަން ސާފުކުރާ ހިސާބަށް ގޮސްފައި ތުހުމަތުތަކެއް ކުރީމަ އެ ތުހުމަތުތަކުން ބަރީއަވުމަށްޓަކައި އަޅުގަނޑު ދޭން ބޭނުންވާ މައުލޫމާތު، ދޭން ބޭނުންވާ ޖަވާބު ދެވޭނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހާ ހަމައަށް ރައީސަކަށް ހުންނެވީ އެމަނިކުފާނު ކަމަށާއި އެހެންވެ އެފަދަ ބޮޑެތި ގޯސްތައް ހައްދަވާފާނެ ކަމަށް މީހުން ވިސްނުމަކީ ވެސް ގޯސް ކަމެއް ކަމަށެވެ. އަދި ސިޔާސީ ބޭފުޅަކަށް ވާތީ އެފަދަ ދަތިތައް އުފުއްލަވަން ޖެހޭ ކަންތައްތައް ކުރިމަތިވެވަޑައިގަންނަވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާ އަށް ވަޑައިގަތުމަށް ކުރީގެ ރައީސް ޔާމީން ކާރަށް އަރާވަޑައިގަންނަވަނީ. --މިހާރު ފޮޓޯ:ނިޝާތު

"އެފަދަ ދަތިތައް ކުރިމަތިވުމަކީ ދެރަކަމެއް. އެއަށް ވުރެ ތަސައްރަފު ފުދިގެން ސަރުކާރުން ވެސް ކަންތައް ކުރިއްޔާ ރަނގަޅުވާނީ. އަޅުގަނޑުމެންގެ ސަރުކާރު ހިނގާ ދިޔައިރު މީހުންގެ މައްސަލަތަކުގައި ބޮޑެތި ޖަރީމާ ހިންގިއްޔަ ނޫނީ މީހުން ތަހުގީގަށް ހާޒިރުކޮށް މިކަހަލަ ކަންތަކެއް ނުކުރަން."

އޭސީސީއާ ޔާމީން ހަވާލުކުރެއްވި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވި ކަމުގެ ތުހުމަތުގައި އާޒިމާ ވެސް ވަނީ މީގެ ކުރިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ.

ޔާމީން މިއަދު 1:30 އަށް ފުލުސް އޮފީހަށް ހާޒިރުކުރި އިރު ޕޮލިހުންގެ މައި މަރުކަޒު ހުންނަ ސަރަހައްދު އޮތީ އެއްކޮށް ބަންދުކޮށްފަ އެވެ.

ޔާމީން ޕޮލިހަށް ވަޑައިގަތީ އެމަނިކުފާނުގެ ގެކޮޅުން، ކާރުކޮޅުގަ އެވެ. އަދި ސަޕޯޓަރުންގެ ބަޔަކު އެ ހިސާބުން ހިނގާފައި، ހުސެއިން އާދަމް ބިލްޑިން ހުންނަ ސަރަހައްދަށް ގޮސް އެ ތަނުގައި އެއްވެ ތިއްބެވެ.

މަނީ ލޯންޑްރިންގެ މައްސަލައިގައި ޔާމީނަށް ކުރާ ތުހުމަތާ ގުޅިގެން ޑިސެމްބަރު 15 ވަނަ ދުވަހު ވެސް ޔާމީން ފުލުހަށް ހާޒިރު ކުރި އެވެ.

ޔާމީނަށް ތުހުމަތުކުރާ މައްސަލަތަކުގައި އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ފުލުހުން ވަނީ ފްރީޒްކޮށްފަ އެވެ. އެ އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.