އަދީބު (ފުރޮޅުލީ ގޮނޑީގައި) ކަރެކްޝަން އާއި ފުލުހުންގެ ބެލުމުގެ ދަށުން ހޮސްޕިޓަލްގައި.
10 ޖެނުއަރީ 2019 - 18:10
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިއްހީ ބޭނުމަށް ޖަލުން ގޭ ބަންދަށް ބަދަލުކުރުމަށް ފަހު އަނބުރާ ގެންދިޔައީ އިގުރާރުވި ގޮތާ ހިލާފުވެފައި ވާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
ކަރެކްޝަނަލް ސާވިސް އިން މިއަދު ނެރުނު ބަޔާނުގައި ބުނީ އަދީބު ގެއަށް ބަދަލުކުރި އިރުވެސް، އެހެން ގައިދީންނެކޭ އެއްފަދައިން އިގުރާރެއްގައި ސޮއިކުރުވާފައިވާ ކަމަށާއި އެގޮތުން ސޮއިކުރާ އިގުރާރާ ހިލާފުވުމުން އަލުން ޖަލަށް ބަދަލުކުރުމަކީ އާއްމުކޮށް އަމަލުކުރަމުން އަންނަ އުސޫލު ކަމަށެވެ. އަދީބު ޖަލުގައި ބަހައްޓައިގެން އޭނާ އަށް ފަރުވާ ނުދެވޭ ފަދަ ސިއްހީ އިތުރު މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް ކަރެކްޝަންސުން ބުންޏެވެ.
ކިޑްނީގެ މައްސަލައަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އަދީބު ގޭބަންދަށް ބަދަލުކުރީ އެފަދަ ބަލިމީހަކަށް އެކަށީގެންވާ މާހައުލަކަށް އޭނާ ބަދަލުކުރަން އައިޖީއެމްއެޗްގެ ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ. ނަމަވެސް ގޭ ބަންދަށް ބަދަލު ކުރުމުން އޭނާ ވަނީ ސިޔާސީ ކަންކަމުގައި ހަރާތްތެރިކޮށް އުޅުއްވައި، އޭނާ އިސްވެ ހުންނަވާ ސިޔާސީ ޕާޓީއެއް ވެސް އުފައްދަވާފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އެ މަނިކުފާނުގެ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލަ އާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި އަދީބު ޖަލަށް ބަދަލުކުރީ ޑޮކްޓަރުންގެ ލަފަޔާ ހިލާފަށް ކަމަށް އޭނާގެ އާއިލާގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ވަނީ ބުނެފަ އެވެ. އެޗްއާރުސީއެމުން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ވަނީ އަދީބު ޖަލަށް ބަދަލުކުރީ ޑޮކްޓަރު ދީފައިވާ ލަފައާ ޚިލާފަށް ކަމަށެވެ. "ހޯމްލީ އެންވަޔަރްމެންޓެއްގައި" އަދީބު ދެ މަސް ވަންދެން ބަހައްޓަން ޑޮކްޓަރު ލަފާ ދިނަސް، ކަރެކްޝަންސުން އެ ލަފައަށް އަމަލު ނުކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ އެޗްއާރުސީއެމްގައި ބަޔާނުގައި އެ މިނިސްޓްރީން ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެެއް އޭނާ ނުދެއްވަ އެވެ.
މިދިޔަ ނޮވެމްބަރު މަހު އަދީބު ގެއަށް ބަދަލުކުރީ އޭނާގެ ކިޑްނީގައި އުފެދިފައިވާ ހިލަކޮޅުތަކެއް ނެގުމަށް ކުރި އޮޕަރޭޝަނަކަށް ފަހު އެވެ. އޭނާ އަލުން ޖަލަށް ބަދަލު ކޮށްފައި ވަނިކޮށް އިތުރަށް ހާލު ގޯސްވެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު، އޭނާ އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެލްސް
11 January 2019
އަދީބުގެ ވަރަށް ގިނަ ރައްޓެހި ގޭންގު ކުދިން ޖަލުގަ ތިބޭނެ. އެކުދިންނާއެކު ހެޕީކޮށް އަދީބަށް އުޅެވޭނެކަމަށް މި ބަލަނީ.
ހަސަނު
11 January 2019
އަދީބު ޖަލުގަ އެ ހުންނަނީ ވަރަށް ހޯމްލީ އެންވާރަމަންޓެއްގަ.. މީގާ ވާނުވާގަ އުޅޭތަން ފެންނަނީ އެޗްއާރު އެމް...
ސޮސެޖް
11 January 2019
ޖަލުން ގެޔަށް ބަދަލްކުރީމަވެސް މަޑުމަޑުން ހުންނާކަށް ނޭގުނު. އުޅެން ނޭގުނު މީހާޔަށް މަރުވާންވެސް ނޭގޭނެ.
ގައުމީދޫ
11 January 2019
ގަވާއިދާ އެއްގޮތަށްވިޔަސް، ގަވާއިދާ ޚިލާފަށްވިޔަސް އަދީބަކީ ޖަލުގައި ހުންނަންޖެހޭ މީހެއް. ސިޔާސީ ޕާޓީ ހަދައިގެން ޓާކޫރު ހެދިގެން މިގައުމުގައި އުޅެވެންޖެހޭނެ މީހެއް ނޫން. ގައުމާއި ރައްޔިތުންނަށް މި ގަރުނުގައި އުފެދުނު އެންމެ ބޮޑު ޚިޔާނާތްތެރިޔާ.
އެމްސް
11 January 2019
އެޗްއާރްސީއެމް އިން ބަޔާން ނެރޭ އިރު ވެސް މައްސަލައާއި ގުޅުން ހުރި ހުރިހާ މުވައްޞަސާއެއްގެ ބަސް ނަގަން ވާނެ
އަލީގެ މަލީ
10 January 2019
މޮޅު ވާހަކައެއް ބުނެލީ ދޯ... ހަމަ ގޮނޑިކޮއްކޮ.... ޢިމްރާން ވެސް ބިރުގަތީ ދޯ... އަޖައިބު ޕާޓީ ހެދުމަކީ އެކަން ކުރެވޭވަރު މީހުނަށް ކުރެވޭ ކަމެކޭ... ޢަލީ ނަޒީރާ، އިމްރާނާ ދެން ކީއްތޯ ކުރާނީ... އެމްޓީޑީ ރާއްޖޭގެ ވެރިކަންވެސް ކުރާނެ އަދި ބަލަން ތިބޭ...
ސަލާން
10 January 2019
ކޯންޗެއް މަތިޖަހަން ތިއުޅެނީ އަދި ހާދަފަހަކުން ހޭވެރިކަންވީކަމަށް ތިހެދީ! އެބޭޅާ ޖަހާނެ ހުރިހާކުޅިއެއް ޖަހާ ހަމަވީމަ ރޭވިފައިވާގޮތަށް ގެންދިޔައީ! މުސްތޮބޭ ބުނިހެން ސަމާސާކުރަންއުޅެންޏާ ދެފަރާތަށް ހެލިލާފައި ވެއްޓިދާނެ!
ފޮނިޓައްޕު ހަސަނު
10 January 2019
އަދީބާއި ޔާމީނު ބާއްވަން ވީ އެއްގޮޅިއެއްގައި.
ބޮޑާހާކާ
10 January 2019
އަދީބުބަހައްޓަބލަ 33 އަހަރުވަންދެން ސަންގިރިއްލާ ރިސޯޓުގައި
ޣައުމު
10 January 2019
ޢޭނާ ބަހައްޓަން ޖެހޭނީ ހުކުމާ އެއްގޮތަށް ޖަލުގަ.
ދުރުމި
10 January 2019
ސިޔާސީ އެހެން ކުއްވެރިންނެކޭ އެއްފަދައިން އަދީބްއަށްވެސް ރާއްޖޭންބޭރަށްގޮސް ފިލުމުގެ ހައްގު ލިބިގެންވޭ..