މަޖިލީހުގެ ކޮމިޓީއެއް ބައްދަލުވުމެއްގައި ނިހާން ވާހަކަ ދައްކަވަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
21 އޯގަސްޓް 2016 - 17:47
ދިވެހި ސަރުކާރުގެ އަގު ވައްޓާލުމަށް ބޭރު މީހުންނަށް ފައިސާ ދީގެން ކުރިން ވެސް ތަފާތު ރިޕޯޓުތައް ނެރެފައިވާ ކަމަށް ވިދާޅުވެ، ސަރުކާރުން ހިޔާނާތާއި ވައްކަން ކުރާ ކަމުގެ ހެކި ހުރި ނަމަ ކޯޓަށް ދާން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ގޮވާލައްވައިފި އެވެ.
ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާ އިން ވަނީ ތަހުގީގީ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. މި ރިޕޯޓު މި މަހުގެ 30 ގައި ލަންޑަނުގައި ދައްކާލަން ވަނީ ނިންމާފަ އެވެ.
މި ރިޕޯޓާ ގުޅޭ ގޮތުން ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން އެސްޓީއޯގެ ވެރިޔަކަށް ހުންނެވިއިރު 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ހިންގެވި ކަމަށް ބުނެ ވެސް ބޭރުގެ ނޫހަކުން ރިޕޯޓު ކުރި އެވެ. މިފަދަ އެހެން ބައެއް ރިޕޯޓުތައް ވެސް ނެރެފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއިން އެއްވެސް ރިޕޯޓަކުން ސައްހަކަމެއް ފެނިފައި ނުވާ ކަމަށާއި މުޅިން ވެސް ހުންނަނީ ހީއެއްގެ މައްޗަށް ބިނާކޮށްފައި ކަމަށެވެ.
"އެކަމަކީ އަޅުގަނޑުމެން މާ ބޮޑަށް ކަންބޮޑުވާ ކަމަކަށް ނުވޭ. އަޅުގަނޑުމެން ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ވެސް ކަންބޮޑުވާ ކަމަކަށް ނުވޭ،" ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕާ އެކު ރައީސް ޔާމީން މިއަދު މުލިއާގޭގައި ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވި އެވެ.
އަލް ޖަޒީރާގެ ރިޕޯޓު ހަދާފައި ވަނީ، މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން ވިދާޅުވި ގޮތުގައި، ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް ނޫސްވެރިކަން ކުރަން އުޅުނު ކަމަށް ބުނެ މި ފަހުން ޑީޕޯޓުކޮށްލި ދެ މީހުންނާ ގުޅިގެންނެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ މީހުންކަން އެނގެން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް އިދިކޮޅު އިއްތިހާދުގެ އެއްވުމެއް ކަވަރުކުރަނިކޮށް މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ފުލުހުން ހައްޔަރުކުރީ އަލް ޖަޒީރާގެ ދެ ނޫސްވެރިންނެއް ނޫނެވެ. އެއީ އަލް ޖަޒީރާގެ ނޫސްވެރިން ކަމަށް ފުރަތަމަ އަޑު ފެތުރިގެން ދިޔަ ކަމުގައި ވިޔަސް، ފަހުން އެނގުނު ގޮތުގައި އެ ތަނުން ނޫސްވެރިޔަކީ ޕޯލަންޑުގެ އަންހެން މީހާ އެވެ. އެއީ ވެސް ފްރީލާންސްކޮށް ނޫސްތަކަށް ފޮޓޯ ނަގައިދޭ މީހަކަށް ވާއިރު، އޭނާއާ އެކު ހައްޔަރުކޮށް 10 އަހަރަށް ޑީޕޯޓުކޮށްލީ އޭނާގެ ފިރިމީހާ އެވެ.
މިދިޔަ މަހު ރާއްޖޭން ހައްޔަރުކޮށް ޑީޕޯޓުކޮށްލާފައިވާ ބޭރުގެ ދެ ނޫސްވެރިން އޭގެ ކުރިން ރާއްޖެ އައި ފަހަރަކު، ކުރީގެ ރައީސް ނަޝީދާ އެކު ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ދެ ފިޔަވަޅު ފަހަތަށް ފޭސްބުކް ޕޭޖު
"ސްޓީލިން ޕެރެޑައިސް"ގެ ނަމުގައި އަލްޖަޒީރާއިން ތައްޔާރުކުރި ޑޮކިއުމެންޓްރީ އިފުތިތާހު ކުރުމަށް މިހާރު ވަނީ ބައެއް ބޭފުޅުންނަށް ދައުވަތު ވެސް ފޮނުވައިފަ އެވެ. މި ރިޕޯޓުގައި "އާ ހެކި" ހިމެނޭނެ ކަމަށް ދައުވަތު ކާޑުގައިވެ އެވެ.
ދިވެހި ސަރުކާރުގައި އޮތް ހިޔާނާތުގެ ބޮޑެތި މައްސަލަތައް ދައްކުވައިދޭ އަލް ޖަޒީރާގެ ޑޮކިއުމެންޓަރީ ނެރޭ ހަފުލާ އަށް ފޮނުވި ދައުވަތު ކާޑު.
ނިހާން ވިދާޅުވި ގޮތުގައި ގައުމަކާ އަދި ހާއްސަކޮށް ގައުމެއްގެ ވެރިޔަކާ މެދު އެފަދަ ބޮޑު ތުހުމަތެއް ކުރަން ޖެހޭނީ ސާބިތު ހެއްކާ އެކުގަ އެވެ. އެކަމަކު، ދިވެހި ސަރުކާރާއި ރައީސް ޔާމީނާ ގުޅޭ ގޮތުން އެފަދަ ތުހުމަތެއް ކުރެވޭނެ ވަރުގެ ސާބިތު ހެކި ހުރި ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާނަ އަކީ ހަމަ ހިތަށް އަރާ ކޮންމެ އެއްޗެއް ލިޔަނީ،" ނިހާން ވިދާޅުވި އެވެ.
އެކަމަކު، ހެކި ހުރި ނަމަ އެ ހެއްކެއް ލަސް ނުކޮށް، ކޯޓުތަަކަށް ހުށަހެޅުމަށް އިދިކޮޅު ފަރާތްތަކަށް އޭނާ ގޮވާލެއްވި އެވެ.
ސްޓީލިން ޕެރެޑައިސް ނެރުމުގެ ހަފުލާ ބާއްވަނީ ލަންޑަންގައި ހުންނަ ރޯޔަލް ސޮސައިޓީ އޮފް އާޓްސްގަ އެވެ. އަލް ޖަޒީރާ ޓީވީގައި އެ ޑޮކިއުމެންޓްރީ ދައްކަން ފަށާ ދުވަހެއް އަދި ޝެޑިއުލަކަށް ނާރުވަ އެވެ.
ދައުވަތު ކާޑުގައި ރައީސް ޔާމީންގެ ނަން ނެތް ނަމަވެސް އެމަނިކުފާނުގެ ފޮޓޯފުޅުގެ އިތުރުން ނަޝީދުގެ ފޮޓޯފުޅު ޖަހާފައިވެ އެވެ. އަދި ދިވެހި ދެ ރުކަކާއި ރިޔާސީ ލޯންޗްކޮޅުގެ ސިފަ ހުރި ލޯންޗެއްގެ ފޮޓޯ ހިމަނާފައިވެ އެވެ.
މި ޑޮކިއުމެންޓްރީ އަށް ރައީސާއި ސަރުކާރުގެ ބަަހެއް ހޯދާފައި ނުވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޒާ
31 August 2016
އެއްވެސް ސައްކެތްނެތް ހެކިހުރިއްޔާކޯޓަށް ވަޑައިގަންނަވާ
ވާނުވާބެ
29 August 2016
ކޯޓަށް ދާށޭ ބުނަން ލަދުގަންނަން ޖެހޭނެ. ކިޔަންވާ އެތި ބޮޑު ކަމުން ނުކިޔާނަން.
ފަސީހު
29 August 2016
އޯކޭ ނިހާނު- ރިޕޯރޓްހެދީ ފައިސާ ދީގެން. އަޅެ އެއްފަހަރުނަމަވެސް 2013 އިންފެށިގެން މިއަދާހަމައަށް ނިހާނުގެ ބޭންކް އެކައުންޓްގެ ތަފްޞީލް ހާމަކޮށްދެއްވަބަލާ. އޭރުން ވަރަށް ސަޅިވަވާނެ
މުހަންމަދު 3
23 August 2016
ނިހާނަށް ކިހިނެއްތަ އެނގެނީ ކޮރަޕްށަނުގައި ބައިވެެރިވާމީހުންނާއި ނުވާމީހުން؟ ރައީސް ޔާމީން އަށް އެނގިވަޑައިގަތް ކަމަކަށް ނުވޭ، އެމަނިކުފާނުގެ ނައިބު ރައީސް، އެހާގާތްކޮށް 500 ޕަސެންޓުގެ އިތުބާރާއެކު އުޅުއްވަމުންވެސް، ދައުލަތުގެ މާލިއްޔަތުން 1000 މިލިޔަން ރުފިޔާ އަށްވުރެ ގިނަ ފައިސާ އަށް ޙިޔާނާތް ތެރި ވީއިރުވެސް. އެހެން ވެއްޖެއްޔާ ނިހާނު ރަނގަޅުވާނެ ރައީސަކަށް. އަހަރުމެން ބޭނުން ވަނީ، އެމީހެއްގެ ވޮޗުގައި ބޮޑެތި ކޮރަޕްށަނާއި، ޙިޔާނާތް ހިންގިޔަނުދޭނެ ފަދަ ޤާބިލު ރައީސެއް.
ދޮން އާމިރު
23 August 2016
ކޯޓޭ........................
ކަލޯ
22 August 2016
ނިހާނޫ ކަލޯ ވެސް ތިކަމުގެ ހެކިހުރިއްޔާ ދާންވީނު ކޯޓަށް އަބުރުގެ ދައުވާ ކުރަން ހުސްއަނގަ ނުތަޅާ
ހުސެން
22 August 2016
ގަތަރުގައި ވޯލްޑްކަޕް ބާއްވާން ހިންގި ކޮރަޕްޝަނުގެ ޑްކިއުމެންޓްރީ ހިތްވަރު ހުރިއްޔާ އަލްޖަޒީރާއިން ތައްޔާރުކޮށްބަލަ.
އުމަރު
22 August 2016
އޮޑިޓަރު ރިޕޯޓު އެއީ ހެކި، ދެން ހެކި ހުންނާނީ ކިހިނެއް މިހާރު ހެކިނައްތާލަމުންދާ ހަބަރުވެސް އެބައިވޭ ތިޔަ އަލްޖަޒީރާގެ ރިޕޯޓާ ގުޅިގެން، އެހެންކަމުން މިހާރު ދެން ސަރުކާރު ޖެހެނީ އިސްތިއުފާދޭން
ަސދ
22 August 2016
ރާއްޖޭގައި މިޕްރޮގްރާމް ބލޮކް ނުކުރެވޭނެ. މިހާރު ޔޫޓިއުބުން ލައިވް ކުރާގޮތަށްވެސް ހަމަޖެހެމުންދަނީ. ކެތް ކޮށްލާ. ޕޮލިހުން، މނޑފ އަދި ސަރުކާރުގެ ހުރިހާ މުވަށްޒަފުންނަށްވެސް މީތި ފެންނާނެ
އއހ
22 August 2016
ނިހާން އެއީ ވިލިމާލޭ މީހުންގެ މެމްބަރުތަ ނޫނީ ރައީސް ޔާމީނުގެ ތަރުޖަމާނުތަ....އިންތިހާބުކުރި ރައްޔިތުންގެ ކަމަކަށް ކީއްވެ ތިވަރަށް ނޫޅެނީ