ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން، މިނިސްޓަރުންގެ އެޕޮއިންޓްމަންޓަށް އެދިވަޑައިގަންނަވާތާ ތިން ދުވަސް ތެރޭގައި، މީގެ ފަހުން އެޕޮއިންޓްމަންޓް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ އަންގަވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ މެމްބަރަކު މިއަދު "މިހާރު" އަށް ވިދާޅުވީ މެމްބަރުންނަށް ގިނަވެގެން ތިން ދުވަސް ތެރޭގައި އެޕޮއިންޓްމަންޓް ލިބިވަޑައިގަންނަވާނެކަން ރައީސް ޔާމީން އެންގެވީ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ވައިބާގައި ދެއްކެވި ވާހަކަފުޅެއްގަ އެވެ.
"ބައެއް މެމްބަރުންގެ ޝަކުވާއަކަށް ވީ، ދާއިރާތަކުގެ ކަންކަމާ ގުޅޭ ގޮތުން މިނިސްޓަރުންނާ ބައްދަލުކުރަން އެދުމުން އެޕޮއިންޓްމަންޓް ނުލިބި ފަސް ދުވަސް، އަށް ދުވަސް ވާ ކަމަށް. އެ ހިތްހަމަނުޖެހުން ބައެއް މެމްބަރުން ވަރަށް ބޮޑަށް ފާޅުކުރެއްވީމާ، ރައީސް ވިދާޅުވީ މިނިސްޓަރުންގެ އެޕޮއިންޓްމަންޓަށް މެމްބަރުން އެދޭތާ ތިން ދުވަސް ތެރޭގައި މިހާރު އެޕޮއިންޓްމަންޓް ލިބޭނެ ކަމަށް،" މެމްބަރަކު ވިދާޅުވި އެވެ.
މަޖިލިހުގެ މެމްބަރުން، މިނިސްޓަރުންގެ އެޕޮއިންޓްމަންޓް ތިން ދުވަސް ތެރޭގައި ލިބިވަޑައިގަންނަވާ ގޮތަށް ރައީސް ޔާމީން ހަމަޖެއްސެވިއިރު، ޕީޕީއެމް ކޯލިޝަންގެ މަޖިލިސް މެމްބަރުންނާ އެމަނިކުފާނު އިއްޔެ ވަނީ ބައްދަލުކުރައްވައިފަ އެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ވެސް ބައެއް ބޭފުޅުން އެ ޝަކުވާ ކުރެއްވި ކަމަށްވެ އެވެ.

ތިން ގަޑިއިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ، ޕީޕީއެމް ކޯލިޝަނުން ނެރޭ ތްރީލައިން ވިޕާ ހިލާފަށް ބައެއް މެމްބަރުން ވޯޓު ދެއްވާ މައްސަލާގައި ވާހަކަފުޅު ދައްކަވައިފަ އެވެ. އެހެން ނަމަވެސް މެމްބަރުންނާ މެދު އަޅުއްވާނެ ފިޔަވަޅަކާ ބެހޭ ގޮތުން ސީދާ އެމަނިކުފާނު ވާހަކަފުޅެއް ނުދައްކަވާ ކަމަށް "މިހާރު"އާ ބައެއް ވާހަކަތައް ހިއްސާކުރެއްވި މެމްބަރު ވިދާޅުވި އެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަން ކުރުމާއި ނާޖާއިޒް ގޮތުގައި ބާރުގެ ބޭނުންކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާއިން މި މަހުގެ 30 ގައި ނެރޭ ތަހުގީގީ ރިޕޯޓާ ގުޅޭ ގޮތުން ވެސް ރައީސް ޔާމީން މެމްބަރުންނާ ވާހަކަފުޅު ދެއްކވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ވިދާޅުވީ މިފަދަ ރިޕޯޓްތައް އެމަނިކުފާނަށް އަލެއް ނޫން ކަމަށް. އަދި އެގޮތަށް ނެރޭ ރިޕޯޓްތަކާ ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަމަށް މެމްބަރުން ކައިރީގައި ރައީސް ވިދާޅުވި. ރައީސްގެ މޫނުމަތިން މި މައްސަލާގައި އެއްވެސް ހާސްކަމެއް ނުފެނުނު."

އަދި ޕީޕީއެމްގެ އެތެރޭގެ މައްސަލަތައް ހައްލުކުރުމާ ގުޅޭ ގޮތުން ވެސް ރައީސް ވަނީ މެމްބަރުންނާ އިއްޔެ ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ޕީޕީއެމްގެ ރައީސް މައުމޫން ރާއްޖެ ވަޑައިގެންނެވުމުން، އެ ޕާޓީގެ އެތެރޭގައި ހުރި މައްސަލަތައް ވާހަކަ ދައްކައިގެން ހައްލު ކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް އިއްޔެގެ ބައްދަލުވުމުގެ މަޝްވަރާތައް އެނގިވަޑައިގަންނަވާ އެހެން މެމްބަރަކު ވިދާޅުވި އެވެ.
"ރައީސްގެ ވިސްނުންފުޅު ހުރީ ޕީޕީއެމްގެ މައްސަލަ މިފަހަރު ކޮންމެވެސް ކޮޅެއްގައި ޖައްސަން،" އޭނާ ވިދާޅުވި އެވެ.