ޝަކީބުގެ މައްސަލަތަކެއް ބަލަން އޭސީސީން ސީއެސްސީއަށް ފޮނުވައިފި

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަކީބާ ގުޅޭ ގޮތުން އެ އޮފީހުގެ މުވައްޒަފުންތަކެއް ކަމާ ބެހޭ ބައެއް އިދާރާތަކަށް ފޮނުވި މައްސަލަތައް ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅައިފި އެވެ.


މި މަހު ކުރީކޮޅު ޑީޕީއީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭސީސީގެ އިތުރުން އެޗްއާރުސީއެމާއި ވަޒީފާއާ ބެހޭ ޓްރެބިއުނަލަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ޝަކީބުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެގޮތުން އެ އޮފީހުގެ އިސް މަގާމެއްގައި ހުންނެވި ޝަކީބްގެ އަނބިކަނބަލުން އުމްނިޔާ މުސްތަފާއާ އެހެން މުވައްޒަފުން ތަފާތުކުރާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ކަމާ ބެހޭ ފަރާތްތަކަށް ހުށައެޅި މައްސަލަތަކުގައި ޑީޕީއީގެ މުވައްޒަފުން އެދިފައި ވަނީ އެކަންކަން ބަލައި، ވީހާވެސް އަވަހަކަށް އޭނާ މަގާމުން ދުރުކޮށްދިނުމަށެވެ.

އޭސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ކޮމިޝަނަށް ހުށަހެޅި މައްސަލަތައް ބެލުމުގެ މެންޑޭޓް އޮތީ ސީއެސްސީއަށް ކަމަށް ވާތީ އެ ކޮމިޝަނުން އެ މައްސަލަ ބަލަން އަންގައި ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް މި ކަމުގައި ސީއެސްސީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ޝަކީބާ ގުޅޭ މައްސަލަ ހުށަހެޅި ޑީޕީއީގެ މުވައްޒަފަކު، ނަން ނުޖަހަން ޝަރުތުކޮށް، ބުނީ މުވައްޒަފުންގެ ފެންވަރު ބެލުން ފަދަ ކަންކަމުގައި ޝަކީބް މަގާމުގެ ނުފޫޒު ބޭނުންކުރަައްވައި، އޭނާގެ އަނބިކަނބަލުން، އެހެން މުވައްޒަފުންނާ ތަފާތުކުރުންތައް ގެންގުޅުއްވާ ކަމަށެވެ.

އޭގެ އިތުރުން ރަސްމީ ދަތުރުތަކުގެ ނަމުގައި އެ ދެ ބޭފުޅުން އޮފީސް ހަރަދުގައި ރާއްޖެއިން ބޭރަށް އަމިއްލަ ދަތުރުތައް ކުރަައްވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.

"ޝަކީބްގެ އަނބިކަނބަލުންގެ އިހުމާލުން ކަމެއް ވިޔަސް އެ މައްސަލައެއް ނުބަލާ. ޝަކީބު އެކަން ހުއްޓުވާ. އެހެން މުވައްޒަފަކު ކަމެއް ކޮށްފި ނަމަ އެ މައްސަލަ ބަލާ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި މުވައްޒަފު ބުންޏެވެ.

"ދެމަފިރިންގެ ތަނަކަށް މި އޮފީސް ހަދާފައި މިވަނީ. އެހެން މުވައްޒަފުންނަށް ވަރަށް އުނދަގޫ އޭގެ ސަބަބުން މަސައްކަތް ކުރަން."

އެކަމަކު ޝަކީބް ވަނީ އެ ހުރިހާ ތުހުމަތުތަކެއް ވެސް ދޮގުކުރައްވައިފަ އެވެ

އޭނާ ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ. އަދި މައްސަލަތައް ހުށައަޅާފައި ވާތީ ވަކިވަކި ތުހުމަތުތަކާ ގުޅޭ ގޮތުން އޭނާ ޖަވާބެއް ނުދެއްވި އެވެ.

"އޮފީހުގެ ކަންކަން ނިންމަނީ އަޅުގަނޑު އެކަންޏެއް ނޫން. ހިތްހަމަނުޖެހޭ ނިންމުމެއް ނިންމި ނަމަ އެކަން ހުށަހެޅުމުގެ ފުރުސަތު މުވައްޒަފުންނަށް އޮންނާނެ ދެއްތޯ؟،" ޓީވީ ޕްރޮގްރާމްތައް ހުށައެޅުއްވުމުގައި ވެސް މަޝްހޫރުކަން ހޯއްދަވާފައިވާ ޝަކީބް ވިދާޅުވި އެވެ.

ޑީޕީއީގެ ވެރިއަކަށް ޝަކީބް ހުންނަވާތާ 11 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ޑީޕީއީގައި އުމްނިޔާ މަސައްކަތް ކުރައްވާތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ދެ ބޭފުޅުން ކައިވެނިކުރެއްވީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިންނެވެ.