މުއްދަތު ހަމަވިއިރު ޖަމީލާއި އަކްރަމްގެ ހަބަރެއް ނުވި، ގާނޫނީ ފިޔަވަޅު އަޅާނަން: ފުލުހުން

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރެފައިވާ ކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގެ ތަހުގީގަށް ހާޒިރުވާން ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދާއި ރާއްޖެ ޓީވީގެ ކުރީގެ ޗެއާމަން އަކްރަމް ކަމާލުއްދީނަށް ދިން މުއްދަތު ހަމަވިއިރު ވެސް ދެ ބޭފުޅުންގެ ހަބަރެއް ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ސިޔާސީ ބޭފުޅުންނަށް ރާއްޖޭގައި ކުރިމަތިކުރުވަމުންދާ ހުރަސްތަކާ ހެދި އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޖަމީލާއި އަކްރަމް ހާޒިރުވާން ފުލުހުން ދިނީ ދެ ހަފުތާގެ މުއްދަތެވެ. އެ މުއްދަތު މިދިޔަ ހަފުތާއަށް ވަނީ ހަމަވެފަ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ ޖަމީލާއި އަކްރަމް ތަހުގީގަށް ހާޒިރުވެވަޑައިނުގެންފި ނަމަ ޣައިރު ހާޒިރުގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ކުރިން ވެސް ބުނެފައިވާނެ ކަމަށެވެ. އެގޮތުގެ މަތިން ފުލުހުން މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި ނަމަވެސް އެ ދެބޭފުޅުންނާ ދޭތެރޭ އަޅާނީ ކޮން ފިޔަވަޅުތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ކުރިން ވެސް އިއުލާންކޮށްފައިވާ ގޮތަށް ގާނޫނީ ފިޔަވަޅު އަޅާނެ،" އިސްމާއިލް ވިދާޅުވި އެވެ.

އަކްރަމް ކަމާލުއްދީން: ޖަމީލާއި އަކްރަމް ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައި.

ޖަމީލާއި އަކްރަމް ކަމާލުއްދީނާ ގުޅޭގޮތުން ފުލުހުން ހިންގާ ތަހުގީގު ކުށްވެރިކޮށް އިދިކޮޅު އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ދެ ބޭފުޅުންގެ މައްޗަށް ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އެ ދެ ބޭފުޅުން ހާޒިރުކުރުމުގެ ފަހަތުގައި ވަނީ އިއްތިހާދު ރޫޅާލުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޖަމީލް މާލެ ވަޑައިގަންނަވާނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މައްސަލާގައި، ރައީސް ޔާމީން ހައްޔަރު ކުރުމުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ވަނީ މިދިޔަ ޖޫން މަހު 17 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.