މާކުރަތުގެ ބޮޑު ވައްކަމާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ރ. މާކުރަތުގެ ކައުންސިލް އިދާރާ އާއި ހެލްތު ސެންޓަރާއި ކޯޓު ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގައި އިތުރު ދެ މީހަކުު މިއަދު ހައްޔަރުކޮށްފި އެވެ.


ފުލުހުން މިއަދު ކުރިން ބުނެފައި ވަނީ މިިދިޔަ ބުރާސްފަތި ދުވަހު ހިންގި މި ބޮޑު ވައްކަމާ ގުޅިގެން ހަތަރު ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 19 އަހަރުގެ އިތުރުން 21 އަހަރުގެ ދެ މީހުންނާއި 62 އަހަރުގެ މީހެކެވެ.

އެ ހަތަރު މީހުންނަށް ފަހު ވެސް ފުލުހުން ވަނީ ދެ މީހަކު ހައްޔަރު ކޮށްފަ އެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އުމުރުން 34 އަހަރާއި 38 އަހަރުގެ ފިރިހެނަކު ފަހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 34 އަހަރުގެ މީހާ ހައްޔަރުކުރީ އެ އަތޮޅުގެ އިނގުރައިދޫ ބޭރުގައި އޮތް ދޯންޏަކުންނެވެ. އަނެއް މީހާ ހޯދީ ރ. ދޮންގަލި ނަމަކަށް ކިޔާ ފަޅު ރަށެއްގައި ހުއްޓަ އެވެ.

އެހެންކަމުން، މި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދަކީ ހަ އެކެވެ.

މާކުރަތު ކައުންސިލުން ކުރިން ބުނި ގޮތުގައި، ކައުންސިލް އިދާރާ އާއި ހެލްތު ސެންޓަރާއި ކޯޓު ފަޅާލައިގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގައިފަ އެވެ.

އާބާދީގައި 1،300 އެއްހާ މީހުން ހިމެނޭ ކައުންސިލުން ބުނީ، އެ ރަށުގައި ވައްކަމުގެ އެއްވެސް މައްސަލައެއް މީގެ ކުރިން ރިކޯޑް ކުރެވިފައި ނުވެ އެވެ. އަދި މިއީ، ރަށުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ވައްކަމުގެ ހާދިސާ ކަމަށް ބުންޏެވެ.