މަޖިލިސް އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި

އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން މިރޭ ހުޅުވާލައިފި އެވެ.


މަޖިލިސް އިންތިހާބަށް ކުރިމަތިލާން ހުޅުވައިލިކަން އީސީގެ ރައީސް އަހުމަދު ޝަރީފް އިއުލާން ކުރެއްވީ ކޮމިޝަނުގެ އާ ލޯގޯ އާއި ކުލަ އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އިންތިހާބަށް ކުރިމަތިލާން ހުޅުވައިލިކަން އިއުލާނު ކުރެއްވި ނަމަވެސް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާ ތާރީހެއް ޝަރީފް ވިދާޅެއް ނުވެ އެވެ.

އިންތިހާބަށް ކުރިމަތިލާން ހުޅުވައިލިކަން އިއުލާނު ކުރެއްވުމުގެ ކުރިން ޝަރީފް ވިދާޅުވީ ރައްޔިތުން ބޭނުންވާ ފަދަ ދެ ފުށް ފެންނަ އިންސާފުވެރި އިންތިހާބަކަށް މަޖިލިސް އިންތިހާބު ވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެފަަދަ އިންތިހާބެއް ރައްޔިތުންނާ ހަމައަށް ގެނެވޭނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

"މި އިންތިހާބު ބޭއްވުމުގައި ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ، ސިވިލް ސާވިސް ކޮމިޝަނުން، އޭސީސީން ފެށިގެން އަދި މިނިވަން އެހެނިހެން މުއައްސަސާތަކާ އަދި ސަރުކާރުގެ ފަރާތުންނާ، މި ހުރިހާ ފަރާތްތަކުން އެހީތެރިކަމާ އެއްބާރުލުން ލިބިގެން ރައްޔިތުން ބޭނުންވާ ފަދަ ހާމަކަން ބޮޑު، އިންސާފުވެރި އިންތިހާބެއް އަޅުގަނޑުމެންނަށް ރައްޔިތުންނާ ހަމައަށް ގެނެސް ދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރަން ޖެހޭ އިދާރީ ހުރިހާ މަސަައްކަތެއް މިހާރު ގާތްގަނޑަކަށް ނިމިއްޖެ ކަމަށެވެ. ނަމަވެސް ބަޖެޓްގެ ތާށިކަން ހުރުމުން އެ ވާހަކަ ކަމާ ބެހޭ މުއައްސަސާއަށް އަންގާފައިވާނެ ކަމަށާއި އިންތިހާބަށް ބޭނުންވާ އިތުރު ބަޖެޓް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނަށް ކުރާ ބައެއް ތުހުމަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވައި މިރޭ ވެސް ބައެއް ފަރާތްތަކަށް އޭނާ ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ އެއްވެސް ޕާޓީއަކާ ދޭތެރޭގައި އަދި އެއްވެސް ރައްޔިތަކާ މެދުގައި ވެސް ގާނޫނުން ބޭރުން އަމަލުކޮށްފައި ނުވާނެ ކަމަށެވެ.

"ކޮމިޝަނުގެ އެފަދަ [ގާނޫނުން ބޭރުން އަމިއްލަ ގޮތަކަށް އަމަލުކުރުމުގެ] ވިސްނުމެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.