ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަކުރަައްވަން ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރަށް ޕީޕީއެމުން ދިން ޓިކެޓް ދޫކޮށްލައްވައިފި އެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ނ. ހޮޅުދޫ ދާއިރާއަށް ވާދަކުރަން އާޒިމާއަށް ޕީޕީއެމުން ކުރިން އޮތީ ޓިކެޓް ދީފަ އެވެ. ނަމަވެސް އެ ފުރުސަތު ދޫކޮށްލައި، އާޒިމާ މަޖިލީހަށް ވާދަ ނުކުރައްވަން ނިންމެވީ އަމިއްލަ ސަބަބުތަކަކަށްޓަކައި ކަމަށް އެނގިފައިވެ އެވެ.
ކުރިން ބަންޑާރަ ނައިބު ކަން ވެސް ކުރެއްވި އާޒިމާ އެންމެ ފަހުން ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގަ އެވެ.
އާޒިމާގެ އިތުރުން ވެސް ކުރީގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް ބައެއް ބޭފުޅުންނަށް ޕީޕީއެމް އިން އޮތީ ޓިކެޓް ދީފަ އެވެ.
ޕީޕީއެމް އާއި ޕީއެންސީ އިން މިހާރު ވަނީ ކޯލިޝަނެއް އެކުލަވާލައި، މަޖިލިސް އިންތިޚާބުގައި ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރަން ނިންމައިފަ އެވެ.