އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ކެންޑިޑޭޓުން ބާ ޖަމާލުއްދީންގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
06 ފެބުރުއަރީ 2019 - 15:12
ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާ އަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހެޅި ނަމަވެސް އޭގެ ތެރެއިން ހަ ދާއިރާއެއް އަދާލަތު ޕާޓީ އަށް ދޫނުކުރަން އަދި ނުނިންމާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
މަޖިލީހުގެ 87 ދާއިރާގެ ތެރެއިން އެމްޑީޕީ ވާދަނުކުރަނީ ހަމައެކަނި ނިލަންދޫ ދާއިރާ އަށެވެ. އެހެން ހުރިހާ ދާއިރާތަކަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމު މިއަދު ހުށަހެޅީ މަޖިލީހުގެ އިންތިޚާބުގައި އެކުގައި ވާދަކުރުމުގެ ޝައުގުވެރިކަން އަދާލަތު ޕާޓީން ފާޅުކޮށްފައި ވަނިކޮށެވެ.
ބައެއް ދާއިރާތައް އަދާލަތަށް ދޫކޮށް، އެކުގައި ވާދަކުރަން އެ ޕާޓީން ހުށަހެޅި ހުށަހެޅުމާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ވެސް ބޭއްވި އެވެ.
އޭގެ ފަހުން، ޓިކެޓް ދޫކޮށްލަން ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުންނާ އެކު މަޝްވަރާތައް ކުރި އެވެ. އަދާލަތަށް ދޫކޮށްލަން ވިސްނި ދާއިރާތަކަކީ ވައިކަރަދޫ ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި މަހިބަދޫ ދާއިރާ އާއި ކާށިދޫ ދާއިރާ އާއި މިލަންދޫ ދާއިރާގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާ އެވެ.
ޓިކެޓް ދޫކޮށްލަން އެ ދާއިރާތަކުގެ ކެންޑިޑޭޓުން އަދި އެއްބަހެއް ނުވެ އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް މިއަދު ވިދާޅުވީ ފޯމު ހުށަހެޅިއަސް އަދާލަތާ އެކު މަސައްކަތް ނުކުރަން އަދި ނުނިންމާ ކަމަށެވެ. އެފަދަ ނިންމުމެއް ނިންމާނީ ގައުމީ މަޖިލީހުން ކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ އަމާޒަކީ މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރުމެވެ. އެމްޑީޕީއާ އަށް އެއްބާރުލުންދޭނެ ޕާޓީތަކާ ގުޅިގެން ވާދަކުރަން އެމްޑީޕީން ތައްޔާރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕާޓީގެ ލީޑަޝިޕުން ވަނީ ދާއިރާގެ ވަރަށް ގިނަ މީހުންނާ އަދި ކެންޑިޑޭޓުންނާ ވެސް ބައްދަލުކޮށް ހިޔާލު ހޯއްދަވާފައި. އަދި މަޝްވަރާ ކުރުމުގެ މަރުހަލާގައި އޮތީ. ވަކި ނިންމުމެއް އަދި ނުނިންމާ،" އަފްޝަން ވިދާޅުވި އެވެ.
"އަދާލަތު ޕާޓީއާ އެކު ވެސް އަޅުގަނޑުމެން މަސައްކަތް ކުރުމުގެ ރޫހު އެބައޮތް. މަސައްކަތް ކުރަން ތައްޔާރަށޭ ތިބީ."
ސަރުކާރު އެކުލަވާލަން ސިޔާސީ ޕާޓީތަކުން ހެދި ކޯލިޝަން އެއްބަސްވުމުގައި އޮތީ، ރިޔާސީ އިންތިޚާބުގެ އިތުރުން މި އަހަރުގެ މަޖިލީސް އިންތިޚާބާއި އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ގުޅިގެން ވާދަކުރުމަށެވެ. އަދި ޕާޓީތަކަށް ހިއްސާ ބަހާނީ، ސަރުކާރުގައި އެ ޕާޓީއެއް ތަމްސީލްވާ ނިސްބަތުން ކަމަށް ވެސް އެއްބަސްވުމުގައިވެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފިޔަވައި އެހެން ސިޔާސީ ޕާޓީތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ސޮއިކުރި އެއްބަސްވުމާ އެއްގޮތަށް މަޖިލީސް އިންތިޚާބުގައި ވާދަކުރަން އެމްޑީޕީން ދެކޮޅު ހެދީ އެވެ. އެމްޑީޕީން ދެކޭ ގޮތުގައި އެއީ، މަޖިލީސް އިންތިޚާބަށް އެކުލަވާލި އެއްބަސްވުމެއް ނޫނެވެ.
އެކަމާ ހެދި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު ވަނީ ހިޔާލު ތަފާތުވެފަ އެވެ. އެއްބަސްވުމާ އެއްގޮތަށް ވާދަނުކުރެވުމުން ޖުމްހޫރީ ޕާޓީ އާއި މައުމޫން ވެސް މަޖިލީހަށް ކެންޑިޑޭޓުން ނެރެން ހަމަޖައްސާފައި ވަނީ ކޯލިޝަނާ ވަކިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
07 February 2019
ކުރިމަތިލައިގެން ހޮވުނަސް ބުނާނަންތޯ ދާއިރާތަށް ނުދޭކަށް ގޮތެއް ނުނިންމަމޭ؟
ރާއްޖެ ނެތިދިއުން
07 February 2019
އިންތިޚާބު މިނި އެދާއިރާތަކަށް އެމްޑީޕީން ނެރުނު މީހުން ހޮވުނަސް، އަދާލަތަށް އެދާއިރާތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ނުދިން ކަމަކަށް ނުވާނެ. ހަމަ ކޮންމެ މީހަކު ވެސް ކުރިމަތި ލައިގެން ހޮވެންވީނުން ދޯ؟
ރާއްޖެ
07 February 2019
ތިކަމެއް ފެއްޓި އިރުވެސް "ހިޔަޅަށް" އެނގޭނެ އެމްޑީޕީ މެންބަރެއް އަދާލަތަށް ދާއިރާއެއް ދޫނުކުރާނެކަން.
ޖިނާޙް
07 February 2019
އެމްޑީޕީގަ ވަކި މީހެއްގެ ބާރު ނެތްކަމާއި ޑިމޮކްރަސީ އޮތްކަން މިހިނގާ ކަންކަމުން އެބައެނގޭ. ޕްރައިމަރީ، އަދާލަތު މަޝްވރާ ، ޤައުމީ މަޖުލިސް، މެމްބަރުން އެއްބަސް ނުވުން. މީ އެމްޑީޕީ ފައްކާވުން
ބުއްޖޭ
07 February 2019
އަޖައިބެއް. ހުވާކުރިޔަސް ތިމަންނަމެން ވެރިކަމެއްވެސް ނުކުރަމޭ ބުނެފާނެ މިވެރިން. ހަމަ މިހެން ކިޔާ ކޮންމެ އެއްޗަކަށް އޯކޭވެގެން އަދާލަތު ޝޭޚުން މިހާރު ތިބެން ޖެހޭ ކޮންމެވެސް ސަބަބެއް އޮންނާނެތާ ދޯ؟
ވާލުސޮރު
06 February 2019
އަމިއްލަ ޕާޓީ ގެ މެންބަރުން (އެބަހީ ކެންޑިޑޭޓުން) "ލަދުގަންނަވާލައިފިނަމަ" ދާއިރާތަކުގެ ރައްޔިތުން ޕާޓީ ދޭތެރޭ ދެކޭނެގޮތަކާމެދު ވިސްނާލުންވެސް (މިހާލަތުގަ) ބުއްދިވެރި.
ޖަހޯބަރާ
06 February 2019
އަދާލަތަށް މިވީ ގޮތަކީ ހިޔަޅު ބުއްދި ބޭނުންކޮށް ގެން ފަސްވަރަކަށް ގޮނޑި ލިބޭތޯ އުޅެނިކޮށް މަރިޔަނބު ގެއްލި ކަތިވަޅި ގެއްލި ދެމީދާ ފެހިި ބުޅަލަށް ވީގޮތްވެފަ މިއޮތީ.!
ބަނޑޭރި
06 February 2019
ދެންތިބީ ހުސް މަރުމޯލުންތޯ
މިޝް
06 February 2019
ޅޮސް އިދޯއްޔެކޯ، ޅޮސް އުދޯއްޔެކޭ. ކޮންމެހެން ތިޔަ އުދޯލި ހިއްލަން އުޅުއްވނެކަމެއްނެތް. މިރާއްޖޭގެ ރައްޔިތުންނަށް ރައީސު ނަށީދު ދަސްވެ ބާވެއްޖެ.
ކިނބޫ
06 February 2019
ފޯމު ހުށަހެޅިއަސް އަދާލަތަށް ދާއިރާތައް ނުދޭކަށް އަދި ނުނިންމާ. ރައީސްކަމުގެ ހުވާ ކުރިޔަސް ރައީސް ކަމަކަށް ނުނިންމާ. މަޖިލިހަށް ހޮވުނަސް މަޖިލިސް މެންބަރަކަށް ވާން ނުނިންމާ. މީ ކޯޗެކޭ ކިޔާ ބައެއްތަ؟