ހުޅުމާލޭގައި އިތުރު ފްލެޓްތައް އަޅައި ބޯހިޔާވަހިކަމުގެ އަގު ހެޔޮކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވައުދުވެވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން، ހައްލު ހޯދަން މި ސަރުކާރުން އިސްކަންދޭ އެއް ކަމެއްގެ ގޮތުގައި، ރައީސް ފާހަގަކުރެއްވީ، ބޯހިޔާވަހިކަމުގެ މައްސަލަ އެވެ.
އެމަނިކުފާނު ވިދާޅުވީ މާލޭގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެއާއެކު ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ އަގު ހެޔޮކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަމާޒަކީ މީގެކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށް ވުރެ ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލަ އަށް އަދުލުވެރި އަދި އިތުބާރު ހިފޭ ހައްލެއް ހޯދަން "ހައުސިން ނީޑް އެސެސްމަންޓެއް" ހެދުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އެ މަސައްކަތް ނިމުމުން މުޅި ރާއްޖެ އަށް އަމާޒުކޮށް ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު އެކުލަވާލައި މި އަހަރު ތަންފީޒު ކުރަން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި އަހަރު އަލަށް ހަދާ 550 ހައުސިން ޔުނިޓުގެ މަސައްކަތް ވަރަށް އަވަހަށް ބީލަމަށް ހުޅުވާލާނެ ކަމަށެވެ. މަސައްކަތް ފަށައި މިހާތަނަށް ނުނިމި ހުރި 1،500 އަށް ވުރެ ގިނަ ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތް ވެސް އަލުން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
"ކުރީ ސަރުކާރުގެ 'ހިޔާ' މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ލިއުން ދީފައިވާ މީހުންނާއި މަތިން ޕޮއިންޓް ލިބި ފްލެޓް ނުލިބުނު މީހުންގެ މައްސަލަތަކަކީ ވެސް ކުރީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ މައްސަލަތަކެއް،" ރައީސް ވިދާޅުވި އެވެ.
ހައްގުވެރިން ބާކީކޮށް، ފްލެޓް ބެހި މައްސަލަ ބަލަން އެމަނިކުފާނު ވަނީ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.
އެ މައްސަލައިގެ އިތުރުން ގެދޮރުވެރިކަމުގެ މަޝްރޫއުގެ ކަންކަމާއި ގުޅީފަޅު މަޝްރޫއުގެ މައްސަލަ ވެސް މި ސަރުކާރުން ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާ ގުޅޭ ދެ ގާނޫނު ކަމަށް ވާ ހިޔާވަހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ އުސޫލްތައް ބަޔާންކުރާ "ޓެނެންސީ އެކްޓާ"އި އެއް މެދު އިމާރާތްތަކާ ބެހޭ އުސޫލްތައް ކަނޑައަޅައިދޭ "ކޮންޑޮމީނިއަމް އެކްޓް" އެކުލަވާލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ހިންގަން ނެޝެނަލް ހައުސިން ކޯޕަރޭޝަން"ގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ވެސް ސަރުކާރުން އޮތީ ވިސްނައިފަ އެވެ.