އޮޕަރޭޝަނުގައި އަތުލައިގަތް 69 ބިދޭސީއަކު ގަވާއިދާ ހިލާފު: އިމިގްރޭޝަން

މިިދިޔަ ހަފުތާގައި ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް 80 މީހުންގެ ތެރެއިން 69 ބިދޭސީންނަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި ތިބި މީހުންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.


އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ހަލީލް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފެށި އޮޕަރޭޝަނުގައި އަތުލައިގަތް މީހުންގެ ތެރެއިން، ގަވައިދާ އެއްގޮތަށް އުޅޭ 11 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު އިމިގްރޭޝަނުން އޮޕަރޭޝަން ފެށީ ޒިކުރާ މިސްކިތް ކައިރީގަ އާއި ގަޑިބުރު ހުންނަ ސަރަހައްދުންނެވެ.

"ދޫކޮށްލި މީހުންގެ ތެރޭގައި، އޮޕަރޭޝަން ކުރިއަށްދަނިކޮށް އެ ސަރަހައްދުން ލާފައި ދަނިކޮށް އަތުލައިގެން ނަމަވެސް އެ ވަގުތު އައިޑެންޓިފިކޭޝަނެއް ދެއްކޭނެ ގޮތެއް ނެތް މީހުން ހިމެނޭ. އެކަމަކު ސްކޭނިން އަށް ފަހު އެއީ ގަވާއިދާ އެއްގޮތަށް އުޅޭ ބައެއްކަން ކަށަވަރުވުމުން ދޫކޮށްލާފައި ވާނީ،" ހަލީލް ވިދާޅުވި އެވެ.

އިމިގްރޭޝަނުން މިހާރު އަންނަނީ ހުޅުމާލޭ ޖަލުގެ ޑިޓެންޝަން ސެންޓަރުގައި ތިބި 69 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތްކުރަމުންނެވެ.

"އެމީހުންނަކީ ވޯކު ވިސާ އާކޮށްފައި ނެތް ގަވާއިދާ ހިލާފަށް ރާއްޖޭގައި ތިބި މީހުން،" ހަލީލް ވިދާޅުވި އެވެ.

އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން ކުރިއަށްއޮތް ތަނުގައި މާލޭގެ އިތުރުން ރަށްރަށުގައި ވެސް ކުރިއަށްގެންދަން ނިންމައިފަ އެެވެ.