އާ ބިންގަލެއްގައި ސިއްހީ ހިދުމަތް އާރާސްތުކުރަން ފަށައިފިން: މިނިސްޓަރު

އާ ބިންގަލެއްގެ މަތީގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތާ އެއްގޮތަށް ސިއްހީ ހިދުމަތް އާރާސްތުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.


ހޮސްޕިޓަލްތަކުގެ އިސްވެރިންނަށް އަމާޒުކޮށް ބާއްވާ ކޮންފަރެންސްގައި އަމީން ވިދާޅުވީ އާ ބިންގަލެއްގައި ސިއްހީ ހިދުމަތް ފަށާފައިވާއިރު ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އެ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމާއި އުމްރާނީ ގޮތުން ސިއްހީ ދާއިރާއަށް ކުރިއެރުން ގެނައުމާއި ތަމްރީނާއި ހުނަރު ދިނުމުގެ ޕްރޮގްރާމްތައް އިތުރުކުރުން ހިމެނޭކަމަށް ވިދާޅުވި އެވެ.

ހޮސްޕިޓަލްތަކުގެ އިސްވެރިންނަށް އަމާޒުކޮށް ބާއްވާ ކޮންފަރެންސްގައި، ހޮސްޕިޓަލުތަކުގެ އިސްވެރިންތަކެއް ބައިވެރިވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ކޮންމެ ދުވަހަކު ދިމާވާ ހާދިސާތަކާއި ބައްދަލުވާ ބަލި މީހުންނާއި ދިމާވާ ކަންތައްތަކުން، ހިދުމަތް ފޯރުކޮށްދިނުމަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށެވެ. ދިމާވާ ހިތާމަވެރި ހާދިސާތަކުގެ ތެރެއިން މާޔޫސްވެގެން ނުވާނެ ކަމަށާއި އެއްބަޔަކު އަނެއް ބަޔަކު ގުޅިގެން ހިދުމަތް ފުރިހަމަކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކަށް ވެސް އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން ހޮސްޕިޓަލްތަކަށް ވަސީލަތްތައް ހަމަކުރުމާއި މާލީގޮތުން ހުރި ގޮންޖެހުންތައް ފާހަގަކުރެއްވިި އެވެ. ނަމަވެސް ބައްޔެއް ވެގެން އަންނަ މީހަކަށް އެ ގޮންޖެހުންތައް ހުރިކަމަށް ބުނެ ހިދުމަތް މަޑުކުރެވޭކަމަށް، ލަސްކުރެވޭކަށް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ އެ ގޮންޖެހުންތަކާއެކު ވަރަށް ފުރިހަމައަށް ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މުހިއްމު. ހޮސްޕިޓަލުތަކުގެ އިސްވެރިންނަކީ ރާއްޖޭގެ ސިއްހީ ނިޒާމު ފުރިހަމައަށް އެއަށް އިތުބާރާއި ޔަގީންކަމާއެކު ފޯރުކޮށްދިނުމުގެ އެންމެ މުހިއްމު ބޮޅުތަކެއް. އެއް ބޮޅާއި އަނެއް ބޮޅާ ގުޅިގެން ނޫނީ ޔަގީންކަމާއެކު ފޯރުކޮށެއް ނުދެވޭނެ،" ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ ހަމައެކަނި ވަޒީފާއަކަށް ކުރާ ކަމެއްގެ ގޮތުގައި ނުބަލާ އިންސާނީ ހިދުމަތެއް ފޯރުކޮށްދިިނުމަށް ކުރާ މަސައްކަތެއް ކަަމަށް ބަލަން މިނިސްޓަރު އެދިވަޑައިގެންނެވި އެވެ. އަދި ކަންކަން ދިމާވުމުން އެކަންކަން ބެލުމުގައި ހަދާފައިވާ އިންތިޒާމުތަކަށް އިސްކަންދީގެން ރިއާޔަތްކުރުމުން އޭގެ ސަބަބުން ފުރިހަމަކަންް އަންނާނެ ކަމަށް ވިދާޅުވި އެވެ.

ދެ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ކޮންފަރެންސްގައި ހުރިހާ އަތޮޅެއްގެ ހޮސްޕިޓަލުތަކުން 40 އިސްވެރިން ބައިވެރިވެ އެވެ. އެ ހޮސްޕިޓަލުތަކުން ހުށަހެޅި ކަންބޮޑުވުންތަކާއެކު ސިއްހީ ދާއިރާއަށް މުހިއްމު ބަދަލުތަކެއް އަންނާނެ ކަން ފާހަގަކުރެއްވި އެވެ.

.