އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް ފުރިހަމަ އަޣުލަބިއްޔަތު ހޯދައިދޭން އަދާލަތު ޕާޓީ އަށް ކުރެވެން އޮތް މަސައްކަތެއް ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އަދާލަތު ޕާޓީން ނިންމީ 13 ދާއިރާއަކަށް ކެންޑިޑޭޓުން ނެރޭށެވެ. އެކަމަކު އެ އަދަދު އަށް ދާއިރާ އަށް މަދުކޮށް، މިރޭ ވަނީ ކެންޑިޑޭޓުންނާ ޓިކެޓް ހަވާލުކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އަދާލަތު ޕާޓީން މަސައްކަތް ކުރީ އަނިޔާވެރި ވެރިކަމަކުން ރައްޔިތުން ސަލާމަތްކޮށް، އަދުލުވެރި ވެރިކަމެއް ގާއިމްކޮށްދޭން ކަމަށެވެ. އެފަދަ ވެރިކަމެއް ގާއިމްވީ، އެ ޕާޓީން ވެސް ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ކަމަށް ވިދާޅުވި އެވެ.
"ވެރިކަން ދަމަހައްޓަން ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވެސް އަދާލަތު ޕާޓީން މިދަނީ ވަމުން،" އިމްރާން ވިދާޅުވި އެވެ.
މަޖިލީހަށް އަދާލަތު ޕާޓީން ކުރިމަތިލަނީ ވެސް، އިމްރާން ވިދާޅުވި ގޮތުގައި، އެ މަގްސަދުގަ އެވެ.
ޓިކެޓް ހަވާލުކުރި ކެންޑިޑޭޓުން:
ކެލާ ދާއިރާ: ތޫބާ ރަޝީދު، ފާށަނާ، ހއ. ކެލާ
މަކުނުދޫ ދާއިރާ: އަނާރާ ނައީމް
ވައިކަރަދޫ ދާއިރާ: ހުސެއިން ސަގީފް، ހިސާން، ހދ. ވައިކަރަދޫ
އިނގުރައިދޫ ދާއިރާ: އަހްމަދު ހުސެއިން، ފެހިވިލަ، ރ. ކިނޮޅޮސް
ކާށިދޫ ދާއިރާ: އަހްމަދު އަދީބް، ގަހާ، ކ. ކާށިދޫ
މަހިބަދޫ ދާއިރާ: އަލީ އާޒިމް/ ފުނަމާގެ، އދ. ހަންޏާމީދޫ
މުލަކު ދާއިރާ: އައިޝަތު ރިޔާސާ، އަސުރުމާގެ، މ. ކޮޅުފުށި
ނިލަންދޫ ދާއިރާ: މުސްހަބު މުހައްމަދު، މާޝް، ފ. ދަރަނބޫދޫ
އަދާލަތު ޕާޓީގެ ޓިކެޓް ހޯދަން އެދުނު 13 ދާއިރާގެ ތެރެއިން، ޓިކެޓް ދޫކޮށްލި ކެންޑިޑޭޓުންނަށް އިމްރާން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އެއީ، މިވަގުތަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް އެ މެމްބަރުން ވެސް ގަބޫލުކުރާތީ އުފާކުރައްވާ ކަމަށް ވިދާޅުވެ، އެ ޕާޓީއާ އެކު ސަރުކާރަށް އެހީތެރިވުމުގައި ދެމިތިބެން އެދިވަޑައިގަތެވެ.
އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ އަބަދުވެސް ދެމިއޮންނާނީ ސަރުކާރުގެ ތެރެއިން ރައްޔިތުންގެ ވައުދުތައް ފުއްދަން ވާގިވެރިވާ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. މަޖިލީސް އިންތިޚާބުގައި އެ ޕާޓީއާ ގުޅިގެން ސަރުކާރަށް މެޖޯރިޓީ ހޯދައިދޭނެ ފަރާތްތަކާ އެކު މަސައްކަތް ކުރަން އަދާލަތު ޕާޓީ އަދިވެސް ތައްޔާރަށް އޮތް ކަމަށް ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަނުން ކުރިން ނިންމާފައި އޮތީ، މަޖިލީސް އިންތިޚާބުގައި ވެސް އެކުގައި ވާދަކުރާށެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ޕާޓީތަކަށް ހިއްސާ ބަހާނީ، އެ ޕާޓީއެއް ސަރުކާރު ތަމްސީލްކުރާ ނިސްބަތުންނެވެ.
އެ އެއްބަސްވުމާ އެއްގޮތަށް މަޖިލީސް އިންތިޚާބުގައި ވާދަކުރަން އެމްޑީޕީން ދެކޮޅު ހެދުމުން ޕާޓީތަކުން ވާދަކުރަން ނިންމީ ވަކިވަކިންނެވެ. އެ ހާލަތުގައި ވެސް ގުޅިގެން މަސައްކަތް ކުރަން އަދާލަތުން އެމްޑީޕީ އަށް ހުށަހެޅި އެވެ.
އަދާލަތުގެ ހުށަހެޅުމަކީ، ދެ ޕާޓީން ވެސް ދޫ ދީގެން، އެކުގައި ވާދަކޮށް ސަރުކާރު ކޯލިޝަނަށް ގިނަ ގޮނޑިތައް ކާމިޔާބު ކުރުމެވެ. މި ހުށަހެޅުމަށް ތާއީދު ހޯދަން، އެމްޑީޕީގެ ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމަކުން ޚިޔާލު ހޯދައި، ހަ ދާއިރާއެއްގެ ޓިކެޓް ދޫކޮށްލަން ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުންނާ އެކު މަޝްވަރާ ކުރި އެވެ. އެކަމަކު އެކަން ކާމިޔާބެއް ނުވި އެވެ.