ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ހުޅުވާލައިފި އެވެ.


މި ފަހަރުގެ، ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު މި އަހަރުގެ އޮގަސްޓް 29 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މާޗު މަހުގެ 14 ވަނަ ދުވަހާ ހަމައަށް މީޑިއާ ކައުންސިލުން ވަނީ ހުޅުވާލައިފަ އެވެ.

ނޫސްވެރިކަން ކުރިއެރުވުމަށް ދޭ މި އަހަރުގެ އިނާމަށް ކޮންމެ ދާއިރާއަކުން ދެ އިނާމެއް ދޭން ވަނީ ހަމަޖައްސައިފަ އެވެ. އެއީ އޮންލައިން ނުވަތަ ޕްރިންޓު މީޑީއާގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ދޭ އިނާމާއި ބްރޯޑްކާސްޓިން ކެޓަގަރީން ރޭޑިއޯ ނުވަތަ ޓީވީގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ދޭ އިނާމެވެ. ނަމަވެސް، އެންމެ އުންމީދީ ނޫސްވެރިޔާއަށް ދޭ އިނާމަކީ ދެ ކެޓަގަރީން އެންމެ ފާހަގަކޮށްލެވޭ ނޫސްވެރިޔާއަށް ދޭން ހަމަޖައްސާފައި އިނާމެކެވެ. އެހެންވެ، މި އަހަރު ޖުމްލަ 17 އިނާމެއް ނޫސްވެރިންނަށް ދޭނެ އެވެ.

މީގެ އިތުރުން، މިދިޔަ އަހަރާ ޚިލާފަށް ކޮންމެ ނޫސްވެރިއަކަށް އޭނާގެ ނަން ހުށަހެޅޭނީ އެންމެ ދާއިރާއަކަށް ކަމަށް އެމްއެމްސީ މި ފަހަރު ވަނީ ކަނޑައަޅައިފަ އެވެ. އެއީ ވީހާ ވެސް ގިނަ ނޫސްވެރިންނަށް އިނާމު ދިނުމަށް ކަމަށް އެމްއެމްސީގެ މެމްބަރު އަހުމަދު ޖަދުއާން ވިދާޅުވި އެވެ.

"އެހެންކަމުން ދެ އިނާމު، ނުވަތަ ތިން، ހަތަރު، ފަސް އިނާމެއް އެއް ބޭފުޅަކަށް ލިބުމުގެ ފުރުސަތެއް މި ފަހަރަކު ނޯންނާނެ. އެއީ ވީހާވެސް ގިނަ ނޫސްވެރިންނަށް މި ފުރުސަތު ދިނުމަށްޓަކައި އަޅުގަނޑުމެން މި ގޮތަށް ބަދަލު ގެނައީ،" އޭނާ ވިދާޅުވި އެވެ.

އެވޯޑަށް ހުށަހެޅޭ ދާއިރާތައް

1. އިޖްތިމާއީ ދާއިރާ.

2. ސިޔާސީ ދާއިރާ.

3. ޝަރުއީ އަދި ގާނޫނީ ދާއިރާ.

4. ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާ.

5. ކުޅިވަރުގެ ދާއިރާ.

6. ފޮޓޯގްރަފީގެ ދާއިރާ.

7. ވީޑިއޯގްރަފީގެ ދާއިރާ.

8. ފީޗާގެ ދާއިރާ.

9. އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު.

މި އަހަރަށް ކަނޑައަޅާފައިވާ ނުވަ ދާއިރާތަކުގެ ތެރެއިން އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާނީ އެ ނޫސްވެރިޔަކު މަސައްކަތްކުރާ މީޑިއާގެ އިދާރާ އަކުންނެވެ.

މީގެ އިތުރުން، ފޮޓޯގްރަފީ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާ އަކަށް ކުރިމަތިލާ ނަމަ ފަސް ލިޔުމެއް ނުވަތަ އުފެއްދުމެއް ހުށަހަޅަން ޖެހެ އެވެ. ފޮޓޯގްރަފީ ދާއިރާއަށް ކުރިމަތިލާ މީހުން މިދިޔަ އަހަރެކޭ އެއްފަދައިން ހުށަހަޅަން ޖެހެނީ 10 ފޮޓޯ އެވެ.

މީޑިއާ ކައުންސިލުން ނޫސްވެރިންނަށް އެވޯޑު ދޭން ފެށިތާ ފަސް އަހަރު ވެފައިވާއިރު، އެކި ދާއިރާތަކުން މިދިޔަ އަހަރު އެވޯޑު ލިބުނު ނޫސްވެރިންނަށް ފައިސާގެ އިނާމުގެ ގޮތުގައި 15،000ރ. އާ އެކު އިތުރު އިނާމުތައް ދީފައި ވެ އެވެ.

އެމްއެމްސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކައުންސިލުގެ ބައެއް މެމްބަރުން ބައިވެރިވަޑައިގަންނަވަނީ -- ފޮޓޯ: އެމްއެމްސީ

ނޫސްވެރިކަމުގެ ހާއްސަ ދެ އިނާމެއް މި އަހަރު ދޭ ގޮތަށް އެމްއެމްސީން ވަނީ ހަމަޖައްސައިފަ އެވެ.

މީޑިއާ ކައުންސިލުން އާއްމުކުރި އުސޫލުގައިވާ ގޮތުން އިނާމަށް ނަން ހުށަހަޅާ ނޫސްވެރިންނަކީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އެ އަހަރުގެ ޑިސެމްބަރު 31 އާ ހަމައަށް މަދުވެގެން ނުވަ މަސް ވަންދެން މީޑިއާގައި މަސައްކަތް ކޮށްފައިވާ މީހުންނަށް ވާން ޖެހެ އެވެ.