ޖޭޕީ އަށް ބައެއް ދާއިރާތައް ދޭން ޕީޕީއެމުން ނިންމައިފި

އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވާދަ ކުރާ ބައެއް ދާއިރާތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ކެންޑިޑޭޓުން ނުނެރުން ނިންމައިފި އެވެ.


މަޖިލިސް އިންތިޚާބުގައި ވާދަކުރުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީ އާއި ރައީސް ޔާމީނާ މަޝްވަރާ ކުރައްވާފައިވާ އިރު، އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ގެންދަވަނީ ޖުމްހޫރީ ޕާޓީން ބޭނުންވާ ބައެއް ދާއިރާތަކަށް ޕީޕީއެމާއި ޕީއެންސީން ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓުންގެ ނަން ނެގުމަށް އަންގަމުންނެވެ.

އެގޮތުން މިހާރު ވެސް ގެމަނަފުށީ ދާއިރާގެ މެމްބަރަކަށް ހުންނެވި ޖަމީލް އުސްމާން އިންތިޚާބުގައި ވާދަ ނުކޮށް ޖުމްހޫރީ ޕާޓީން ވާދަކުރައްވާ އަލީ އާދިލް އަށް ފުރުސަރު ދިނުމަށް ޔާމީން ވަނީ އަންގަވައިފަ އެވެ. ޔާމީން ސަރުކާރުގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އާދިލަކީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ އެވެ.

ދެ ޕާޓީން ދޫކުރަން ނިންމި ގޮނޑިތަކުގެ ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމި ހިސާބުން ސަރުކާރު ކޯލިޝަންގެ ތެރޭގައި ވަނީ ދެބަސްވުން އުފެދިފަ އެވެ. އެމްޑީޕީން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެ ޕާޓީ އަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފަ އެވެ.

ގާސިމް ވިދާޅުވީ އެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކާ އެކު މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ސަރުކާރު ކޯލިޝަނުން މަޖިލިސް އިންތިޚާބުގައި އެކުގައި ވާދަ ކުރަން އެއްބަސްނުވެވުނު ނަމަވެސް ކޯލިޝަންގައި ދެން ހިމެނޭ އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުން ރައީސް ޔާމީނާ ގުޅެން ބޭނުމެއް ނުވެ އެވެ. އެ ދެ ފަރާތުން ވެސް ބުނަނީ ބޭނުންވަނީ ސަރުކާރު ހިމާޔަތް ކުރަން ކަމަށެވެ.

ޖޭޕީ އަށް ބައެއް ދާއިރާތައް ދޭން ޕީޕީއެމުން ނިންމިއިރު ސިޔާސީ މަސައްކަތްތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތް ކުރަން ޖެހިދާނެ ފަދަ ހާލަތެއް ނާންނާނެ ކަމަށް ސަރުކާރު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް ކުރިން ވަނީ ވިދާޅުވެފަ އެވެ.

މިހާރުގެ އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާ ގުޅިގެން މަޖިލިސް އިންތިޚާބުގައި ވާދަކުރަން ޖޭޕީން ނުކުންނަ އިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ސަރުކާރު ކޯލިޝަނަށް ވޯޓު ދޭން ޖެހޭ ސަބަބުތައް ވިދާޅުވެ ދެއްވަމުންނެވެ. ނަޝީދު ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި އެ ބޭފުޅުން ތިބި އިރު ފެށި ދަތުރު އަދި ނުނިމޭ ކަމަށާއި ސަލާމަތުގެ އައްސޭރި އަކަށް ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދީގެން ކަމަށެވެ.