ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޔާމީންގެ މައްޗަށް ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރި މައްސަލައިގަ އެވެ. އިސްލާމިކް ބޭންކްގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފުން ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.
އެހެންވެ، ޔާމީން ހެއްކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ގަބޫލު ކުރެވޭތީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕީޖީގެ ވަކީލް ވަނީ އެދިވަޑައިގެންފަ އެވެ. އަދި އޭނާ އެދިވަޑައިގެންނެވި ގޮތަށް ގާޒީ އަހުމަދު ހައިލަމް ވަނީ ޔާމީން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރު ކުރައްވައިފަ އެވެ.

މި މައްސަލައިގައި ޕީޖީން ވަނީ ޔާމީން ބަންދު ކުރަން ޖެހޭ ސަބަބުތައް ހާމަކޮށް ލިޔުމެއް ވެސް ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ. ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޔާމީން ވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ހެކިންނަށް ގިނަ އަދަދެއްގެ ފައިސާ ހުށަހަޅާފައިވާ ކަމަށެވެ.
މީގެއިތުރުން، އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ފުލުހުންނަށް ހުށަހެޅި މައްސަލައެއް ނެގުމަށް ވެސް ޔާމީން މަސައްކަތް ކުރެއްވި ކަމަށް އައިޝަތު މުހައްމަދު ވިދާޅުވި އެވެ.
ފުލުހުންނަށް ހުށަހެޅި މައްސަލަ ތަހުގީގު ނުކޮށް، ދިގު ދެންމުމަށް ވެސް މަސައްކަތް ކުރެއްވުމާއި ތަހުގީގަށް މީހުން ދިން ބަޔާންތަކެއް ބަދަލު ކުރަން ޔާމީން މަސައްކަތް ކުރެއްވުމަކީ ހެއްކަށް ނުފޫޒު ފޯރުވުން ކަމަށް ބެލޭނެ ޖާގަ ވަރަށް ބޮޑަށް އޮތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ޔާމީންގެ އެކައުންޓަށް ވަން ފައިސާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާކަން އެއްވެސް އިދާރާއަކުން މިހާތަނަށް ބުނެފައި ނުވާ ކަމަށެވެ.
މި މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، މި މައްސަލައިގައި އަމުރެއް ނެރެން ޖެހޭ ކަމަށް ގަބޫލެއް ނުކުރަން،" ޝިޔާޒް ވިދާޅުވި އެވެ.
ޔާމީންގެ އެހެން ވަކީލެއް ކަމަށްވާ އާދަމް އާސިފް ވިދާޅުވީ ޔާމީން ހެއްކަށް ނުފޫޒު ފޯރުވާނަމަ، އެމަނިކުފާނުގެ މައްޗަށް ކުރަން ޖެހޭނީ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާ ކަމަށެވެ. އަދި ފުލުހުން ހިންގާ ތަހުގީގަކުން ހެއްކަށް ނުފޫޒު ފޯރުވައޭ ބުނުމުން ހަމަނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، ފުލުހުން ހިންގާ ތަހުގީގަކުން ހެއްކަށް ނުފޫޒު ފޯރުވައޭ ކިއާފައި ޕީޖީން ބަންދުގެ އަމުރު ނެރެދިނުމަށް ކޯޓުގައި ނޭދެވޭނެ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައްސަލައިގައި ހެކިންނަކީ ކޮންބައެއްކަން ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެހެންވެ، ޕީޖީގެ ވާހަކައަކީ އޮއްޓަރެއް ނެތް، ހިޔާލީ ވާހަކައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން އެއް މިލިއަން ޑޮލަރު ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ. އެ އެއް މިލިއަން ޑޮލަރު އޭސީސީއާ ހަވާލުކުރައްވަން އެމަނިކުފާނު ފުރަތަމަ އިންކާރު ކުރެއްވި އެވެ. އެކަމަކު ފަހުން އެއްބަސްވެވަޑައިގަތީ އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރައްވާ ގޮތަށެވެ.
އެގޮތުން އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް، އެއީ އެމްއައިބީގެ އެކައުންޓްގައި ހުރި ފައިސާކަން ދައްކަވަން އޮޅުވާލެއްވީ ކަމަށް ބަލައި، އެކަން ދައުލަތުން ފައްތަނީ މަނީ ލޯންޑަރިން އަށެވެ.
މަނީ ލޯންޑަކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދިޔައިރު، އެމަނިކުފާނު ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލައިގައި ވެސް ދައުވާ އުފުލައިދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ. އެ ދައުވާ، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ވެސް ވަނީ އުފުލައިފަ އެވެ.
ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑެރިންގެ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އިސްލާމިކް ބޭންކަށް ޖަމާކޮށްފައި ވަނީ އެމަނިކުފާނުގެ ފައިސާ އެވެ. އެއީ، ކެމްޕޭނަށް ރާއްޖޭގެ އެކި ފަރާތްތަކުން ދިން ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތްޕުޅުގައި ހުރި ފައިސާ ކަމަށް ވިދާޅުވި އެވެ.
ޔާމީނަށް ތުހުމަތުކުރާ މަނީ ލޯންޑެރިންގެ މައްސަލަތަކުގައި އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ވެސް ފުލުހުން ވަނީ ފްރީޒްކޮށްފަ އެވެ. އެ މައްސަލަ ޔާމީންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.