ޔާމީން ހުންނެވީ ސާބިތުކަންމަތީ، ސަޕޯޓަރުން ހިތްވަރު އާކުރުމަށް އެދިވަޑައިގެންނެވި: ވަކީލު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު މާފުށީ ޖަލުގައި ބަންދުކޮށްފައިވާއިރު، އެމަނިކުފާނު ހުންނެވީ ސާބިތުކަންމަތީ ކަމަށް ވަކީލު އަބްދުﷲ ޝިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ޕާޓީ، ޕީޕީއެމްގެ ރައީސް ޔާމީންގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރީ ކްރިމިނަލް ކޯޓުން އިއްޔެ އެގޮތަށް އަމުރުކުރުމުންނެވެ.

ޔާމީން، ޖަލަށް ގެންދިޔަ ފަހުން އެމަނިކުފާނާ އެކު މިއަދު ބޭއްވެވި ފުރަތަމަ ބައްދަލުވުމަށް ފަހު، ވަކީލު ޝިޔާޒް ވިދާޅުވީ ޔާމީން ހުންނެވީ ސާބިތުކަމާ އެކު ކަމަށާއި އެގޮތުގައި ސަޕޯޓަރުން ވެސް ދެމިތިބުމަށް ޔާމީން އެދިވަޑައިގެންނެވި ކަމަށެވެ.

"ސަޕޯޓަރުން ވެސް ހިތްވަރު އާ ކުރައްވައި އަޒުމް ވަރުގަދަކޮށް، ސަފުތައް ބަދަހި ކުރައްވައިގެން ތިއްބެވުމަށް [ރައީސް ޔާމީން] އެދިވަޑައިގެންނެވި،" ޔާމީންގެ ޝިޔާޒް ކުރެއްވި ޓުވީޓެއްގައި ވެ އެވެ.

ޔާމީންގެ ވަކީލް ޝިޔާޒުގެ ޓުވީޓު

ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.

އިސްލާމިކް ބޭންކް ގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން އެއް މިލިއަން ޑޮލަރު ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ. އެ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލުކުރައްވަން އެމަނިކުފާނު ފުރަތަމަ އިންކާރު ކުރެއްވި އެވެ. އެކަމަކު ފަހުން އެއްބަސްވެވަޑައިގަތީ އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރައްވާ ގޮތަށެވެ. އެގޮތުން އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް، އެއީ އެމްއައިބީގެ އެކައުންޓްގައި ހުރި ފައިސާކަން ދައްކަވަން އޮޅުވާލެއްވީ ކަމަށް ބަލައި، އެކަން ދައުލަތުން ފައްތަނީ މަނީ ލޯންޑަރިން އަށެވެ.

ޔާމީނާ ގުޅޭގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އަހުމަދު ލުގުމާން މިއަދު ވިދާޅުވީ އެމަނިކުފާނު ހުންނެވީ މާފުށީ ޖަލުގެ "ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓެއް"ގައި ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކީ ރަނގަޅު ފެންވަރަކަށް ހަދާފައި ހުންނަ ގޮޅިތަކެކެވެ. އެ ގޮޅިތައް ހަދާފައި ހުންނަނީ ކޮޓަރިއަކާއި ކޮރިޑޯއެއްގެ އިތުރުން ބެކްޔާޑެއް ވެސް ހިމެނޭ ގޮތަށެވެ. ކޮޓަރީގައި އޭސީ އާއި އެނދާއި މަޑުގޮދަނޑި އަދި އަލަމާރި ވެސް ހުރެ އެވެ. އައިސްއަލަމާރި އާއި އެއްޗެހި ދޮންނަ އޮޓޯ މެޝިން ވެސް ބަހައްޓާފައި ހުރެ އެވެ. ފާހާނާގައި ހޫނު ފެނާއި ފިނިފެނުން ފެންވެރެން ހުރެ އެވެ.

އެހެން ކުށްވެރިންނާ ޚިލާފަށް ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ބައިތިއްބާ ބޭފުޅުންނަށް ހާއްސަ ކެއުންތައް ލިބެ އެވެ. އަދި ކަސްރަތު ކުރުމަށް ނުކުމެ އުޅުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާފައި އޮވެ އެވެ.

އެ ގޮޅިތަކުގައި ތިބޭ މީހުންގެ ސިއްހީ ކަންކަން ގާތުން ބަލަމުން އަންނައިރު ކިޔާނެ ފޮތްތަކާއި ނޫސް އެ ގޮޅިތަކުގައި ލިބެން ހުރެ އެވެ.