އިމިގްރޭޝަންގެ ދެ ވެރިއަކު ސަސްޕެންޑްކޮށްފި

މޯލްޑިވްސް އިމިގްރޭޝަންގެ އެސިސްޓަންޓް ކޮންޓްރޯލާގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ސަސްޕެންޑްކޮށްފި އެވެ.


"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އިމިގްރޭޝަންގެ ދެ ވެރިއަކު ސަސްޕެންޑް ކުރީ އެއް މަސް ދުވަހަށެވެ. ނަމަވެސް، ދެ ބޭފުޅުން ސަސްޕެންޑް ކުރީ މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިގަންނަވާ ގޮތަށެވެ.

ސަސްޕެންޑް ކުރި ދެ ބޭފުޅުންގެ ތެރެއިން ހާމިދު ފަތުހުﷲ އަކީ އިމިގްރޭޝަންގެ ޒިންމާދާރުވެރިޔާ އެވެ. ހާމިދުގެ އިތުރުން ކޮމިޝަނުން ސަސްޕެންޑް ކުރީ އަބްދުﷲ ވަހީދެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) "މިހާރު" އަށް މިއަދު ވިދާޅުވީ އެ ދެ ބޭފުޅުން ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ކަމަށެވެ. އެކަމަކު، ކޮމިޝަނުން ބަލަމުން ދަނީ ކޮން މައްސަލައެއް ކަން އެނގިވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ވަނީ ހާމިދުގެ ބަދަލުގައި އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާގެ މަގާމަށް އެތަނުގެ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު މޫސާ ރަމީޒު އައްޔަން ކޮށްފަ އެވެ.

އިމިގްރޭޝަންގެ ތެރޭގައި ކޮރަޕްޝަން އިތުރުވެ ގަވައިދާހިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެކަން ހައްލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން، ބިދޭސީން ގެނައުމަށް ހުއްދަ ދޫކުރުމާ ގުޅޭ ބައެއް ކަންކަން އިމިގްރޭޝަނުން ވަކިކޮށް، ދާދި ފަހުން ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

ނަމަވެސް، ވޯކް ވިސާ ޖަހައިދޭނީ އަދިވެސް އިމިގްރޭޝަނުންނެވެ.