މާލޭގެ މަގުތަކުގައި ކުނި ގިނަވާ ސަބަބުތައް ދެނެގަތުމުގެ ސާވޭއެއް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ފަށައިފި އެވެ.
އެ ކުންފުނިން މިއަދު ބޭއްވި ނިއުސް ބްރީފިންއެއްގައި މެނޭޖިން ޑައިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ، މާލޭގެ މަގުތަކުގައި ކުނި ގިނަ ވަނީ ވެމްކޯގައި ރަޖިސްޓަރީ ނުކުރާ ގޭގެ އިން މަގުތަކަށް ކުނި ނެރޭތީ އާއި ކުންޏަށް ނުވާ ފަދަ ބޮޑެތި ކުނި މަގުމައްޗަށް ނެރެފައި ބަހައްޓާތީ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިހާރު ވެސް މާލޭގެ 10،000 ގެއެއް ވެމްކޯގައި ރަޖިސްޓަރީ ކޮށްފައެއް ނެތެވެ.
"ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ޔަގީންވާ ކަމަކީ މި ހުރިހާ ތަންތަނެއްގެ ކުނި ވެމްކޯ އަށް އެބަ އާދޭ. މި ދޭ ހިދުމަތުގެ އަގު އަޅުގަނޑުމެންނަކަށް ނުލިބޭ. އެހެންވީމާ އާޅުގަނޑުމެން ސާވޭއެއްކޮށް، މި ވަނީ ކިހިނެތްކަން ދެނެގަންނަން މަސައްކަތްތަކެއް މި ފަށަނީ،" އާދަމް ވިދާޅުވި އެވެ.
މި ސާވޭގައި، ވެމްކޯގެ ހިދުމަތަށް ރަޖިސްޓަރީ ނުކޮށް ހުރި ގެތަކާއި ކޮމާޝަލް ޔުނިޓްތައް ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި ރަޖިސްޓަރީ ވުމަށް ފަހު ވެސް ބިލްތައް ނުދައްކާ މީހުންގެ ބިލްތައް ދެއްކޭނެ ފަސޭހަ ނިޒާމެއް ވެސް ގާއިމް ކުރާނެ ކަމަށް އެތަނުން ބުންޏެވެ. ނަމަވެސް، ސާވޭ އަށް ގޭގެ އަށް ދާ ވެމްކޯގެ އެއްވެސް މުވައްޒަފަކު، ބިލްތަކަށް ދައްކަންޖެހޭ ފައިސާއެއްގައި ނުހިފާނެ ކަމަށް އެތަނުން ބުންޏެވެ. އަދި، އެހެން އަމަލުކުރާ މީހުން ރިޕޯޓު ކުރުމަށް ވެސް ވެމްކޯ އިން އެދެ އެވެ.
ވެމްކޯ އިން ބުނީ، އެ ކުންފުނީގެ މުވައްޒަފުން ކުރިއަށް އޮތް ހަ މަސް ދުވަހު މެންދުރު 2:00 އިން ރޭގަނޑު 9:00 އާ ދެމެދު މާލޭގެ ގެތަކަށް ޒިޔާރާތް ކުރާނެ ކަމަށެވެ. އެ މުވައްޒަފުންގެ އަތުގައި ވެމްކޯގެ މުވައްޒަފެއް ކަން އަންގައިދޭ ކާޑެއް އޮންނާނެ އެވެ. އަދި އެފަދަ ކާޑެއް ނެތް މީހުން ސާވޭ ހަދަން ދާ ނަމަ، 1666 އަކަށް ގުޅައި ވެމްކޯ އަށް އެކަން އަންގަން އެ ކުންފުނިން އިލްތިމާސް ކުރެ އެވެ.
"މިހާރު ވެސް އިޝޫއެއް އައިސްފި، ޓީމެއް ވެމްކޯގެ ނަމުގައި ގެތަކަށް ޒިޔާރަތްކުރާ ކަމަށް. ކަސްޓަމަރުންނަށް އަޅުގަނޑު ހޭލުންތެރި ކުރަން ބޭނުންވަނީ، ސުވާލު ކޮށްލައްވާށޭ، ރަނގަޅު މައުލޫމާތު ހުރިކަން ޗެކް ކޮށްލައްވާށޭ. އަޅުގަނޑުމެންގެ ޓީމުން ދާ ނަމަ އަޅުގަނޑުމެންގެ ކަސްޓަމާ ބޭސްގެ މައުލޫމާތު ހުންނާނެ،" ވެމްކޯގެ އޮޕަރޭޝަންސް ޖެނަރަލް މެނޭޖަރު އަހްމަދު ޝާފިއު ވިދާޅުވި އެވެ.
ކުރީގެ ޒުވާނުންގެ މަރުކަޒު ހުންނަ ތަނުގައި ވެމްކޯގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ވެމްކޯގެ ޓެންޓެއް ހަދާފައި ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި އެތަނުން ވެމްކޯ އިން ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތަކާ ގުޅޭ މައުލޫމާތު ވެސް ފަސޭހައިން ލިބޭނެ އެވެ.