ވޯޓު ގަނެ، ވިއްކުމުގެ ސަގާފަތް ނައްތާލަން ބޭނުން: މުއައްވިޒު

ރާއްޖޭގައި އޮންނަ އިންތިޚާބުތަކުގެ ދުވަސްވަރު ވޯޓު ވިއްކުމުގެ ސަގާފަތް ނައްތާލަން ބޭނުންވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ކެންޑިޑޭޓުންނަށް އިންތިޚާބުގައި ހަރަދު ކުރެވޭނެ އެންމެ މަތީ މިންވަރާއި ރިޝްވަތާއި ކޮރަޕްޝަންގެ ކުށަށް ފެތޭނެ ގޮތްތައް ބަޔާންކޮށްފައި އޮތް އިރު، ރިޝްވަތުގެ ކުށެއް ނުވަތަ އެނޫން ވެސް ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން އޭސީސީން އިސް ނަގައިގެން އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގަން ވަނީ ފަށައިފަ އެވެ.

ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ފެށީ އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ އާންމު އިންތިޚާބާ ދިމާކޮށް، ރިޝްވަތުގެ ތަފާތު އެކިއެކި މައްސަލަތަކެއް އޭސީސީ އަށް ހުށަހަޅާ ދަނޑިވަޅެއްގަ އެވެ.

އޭސީސީގެ އަހަރީ ރިޕޯޓު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ނެރުމަށް އެ ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި މުއައްވިޒު ވިދާޅުވީ އިންތިހާބީ ދުވަސްވަރު ރިޝްވަތުގެ ކަންކަން ހިންގުން މަދު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޝަކުވާތައް ބެލުމަށް ހާއްސަ ތަހުގީގީ ޓީމެއް އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީން ވަނީ އިންތިޚާބީ ކޮރަޕްޝަން ހުއްޓުވުމަށް ކެންޑިޑޭޓުންނަށް ހާއްސަ ލީފްލެޓަކާއި ކަރުދާހެއް ތައާރަފްކޮށްފަ އެވެ. މުއައްވިޒު ވިދާޅުވި ގޮތުގައި އޭސީސީގެ އުންމީދަކީ ލީފްލެޓާއި ކަރުދާހުގައި ހުރި މައުލޫމާތުތައް ވީހާވެސް ގިނަ ބަޔަކަށް ލިބިގެން ދިއުމެވެ. ކެމްޕެއިންގެ މަގްސަދަކީ ނަޒާހާތްތެރި ކެންޑިޑޭޓުންތަކެއް އިންތިޚާބު ކުރަން ބާރު އެޅުން ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

މުއައްވިޒު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ގުޅިގެން މިހާތަނަށް އެންމެ ގިނަ އިން ހުށަހެޅީ ރިޝްވަތުގެ ގޮތުގައި ދޭން ވައުދުވާ މައްސަލަތަކެވެ. އެކަމަކު، މިހާތަނަށް އޭސީސީ އަށް ހުށަހެޅީ ކިތައް މައްސަލަ ކަމެއް މުއައްވިޒު ވިދާޅެއް ނުވެ އެވެ.

އޭސީސީގެ ނައިބު ރައީށް މުއައްވިޒު ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ގިނައީ ކޮމިޝަންގެ ސޯޝަލް މީޑިއާ ބޭނުންކޮށްގެން ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައި ހުރި ޝަކުވާތައް،" މުއައްވިޒު ވިދާޅުވި އެވެ.

މުއައްވިޒު ވިދާޅުވީ ފޭސްބުކް ނުވަތަ ޓްވިޓާ އިން އެއްވެސް ޝަކުވާއެއް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފިނަމަ، އެ މައްސަލައެއް ރަޖިސްޓްރީކޮށް ދޭނެ ކަމަށެވެ. އަދި މައްސަލަތައް ތަހުގީގު ކުރަމުންދާ އިރު، މިހާތަނަށް އެއްވެސް މައްސަލައެއް ނިމިފައި ނުވާ ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.

"ބައެއް ކަންކަން އަޅުގަނޑުމެންގެ ސަމާލުކަމަށް އައުމާ ގުޅިގެން ބައެއް ރަށްރަށުގައި ކަންކަން ހުންނާނީ ހުއްޓުވާފައި،" މުއައްވިޒު ވިދާޅުވި އެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރަމުން އަންނަ މީހުން ރިޝްވަތުގެ ކުށެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ނުހިންގުމަށް އޭސީސީން މީގެ ކުރިން ވަނީ އެދިފަ އެވެ. އޭސީސީން ބުނި ގޮތުގައި ގާނޫނު ހުއްދަ ނުކުރާ އެނޫން ބޭނުންތަކަށާއި، ވޯޓު ގަތުމަށާއި ރިޝްވަތު ދިނުން ފަދަ ކަންކަމަށް އެފައިސާ ބޭނުންކުރުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފް ކަމެކެވެ. އެފަދަ ކެންޑިޑޭޓުންނާއި ކެމްޕެއިންގައި އުޅޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.