މަހުން ނަގާ ޑިއުޓީ ކުޑަކޮށްދޭން އީޔޫއިން މަސައްކަތް ކުރާނެ: ޝާހިދު

ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ރާއްޖޭން އެކްސްޕޯޓްކުރާ މަހުން މިހާރު ނަގާ 24 ޕަސެންޓްގެ ޑިއުޓީ ކުޑަކުރަން އެ ޖަމާއަތުން މަސައްކަތް ކުރާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.


ކުރުނބާ މޯލްޑިވްސްގައި އިއްޔެ ބޭއްވި ހަތަރު ވަނަ އީޔޫ-މޯލްޑިވްސް ޕޮލިސީ ޑަޔަލޮގްގައި މަޝްވަރާކުރި ކަންތައްތަކާ ބެހޭ ގޮތުން ޝާހިދު އާއްމު ކުރެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޑިއުޓީ ކުޑަކޮށްދޭން މަސައްކަތް ކުރާނެ ކަމަށް އީޔޫގެ ގައުމުތަކުން ބުނެފައިވާ ކަމަށެވެ.

"ރާއްޖޭގެ މަސް ޔޫރަޕިއަން މާޓަށް ވިއްކުމުގައި ދިމާވެފައި އޮތް އެއް ދަތި، 24 ޕަސެންޓްގެ ޑިއުޓީ ކުޑަކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު. އަދި އެކަމަށް ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވި،" ފޮރިން މިނިސްޓްރީން އާއްމުކުރި އިންޓަވިއުގައި ޝާހިދު ވިދާޅުވި އެވެ.

ރާއްޖެއިން ޔޫރަޕުގެ މާކެޓަށް ވިއްކާ މަހުން ޑިއުޓީ ނަގަން ފެށީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވެ، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް 2011 ގައި ގްރެޖުއޭޓްވުމުންނެވެ. އޭގެ ކުރިން ރާއްޖޭގެ މަހުން ޑިއުޓީއެއް ނުނަގަ އެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކަށް ޑިއުޓީ ކުޑަކޮށްދޭން އީޔޫގެ ގިނަ ޝަރުތުތަކެއް ހުރެ އެވެ. އޭގެ ތެރޭގައި އެ ޖަމާއަތުން ތަންފީޒުކުރަން ބޭނުންވާ އިންސާނީ ހައްގުތަކުގެ ބައެއް މުއާހަދާތަކުގައި ސޮއިކުރުން ހިމެނެ އެވެ. ރާއްޖެ އަށް މިހާތަނަށް ލުޔެއް ނުލިބި އޮތީ އެފަދަ ބައެއް މުއާހަދާތަކަށް ރާއްޖެ އިން ހުށަހަޅާފައިވާ ރިޒަވޭޝަންތަކާ ގުޅިގެންނެވެ.

އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާކުރި އެހެން ކަންތައްތަކުގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ދިވެހިން ދަތުރުކުރުމުގައި މިހާރަށް ވުރެ ފަސޭހަ ގޮތްތަކެއް ހޯދުމާއި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމާއި މިނިވަން މުއައްސަސާތައް ހަރުދަނާ ކުރުމަށް އެހީތެރިވުން ހިމެނެ އެވެ.

"ރާއްޖޭގެ މިނިވަން މުއައްސަސާތައް އިތުރަށް ހަރުދަނާ ކުރުމުގައި ސަރުކާރުން މި ގެންގުޅުއްވާ ސިޔާސަތަަށް ވަރަށް ބޮޑު ތަރުހީބެއް ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ލިބިގެން ދިޔަ،" ޝާހިދު ވިދާޅުވި އެވެ.

ރާއްޖެ އާއި އީޔޫއާ ދެމެދު އޮތް ގުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަރަށް ބޮޑަށް ހީނަރުވި އެވެ. އެގޮތުން އީޔޫ-މޯލްޑިވްްސް ޕޮލިސީ ޑަޔަލޮގް މިދިޔަ އަހަރަކު ނުބާއްވަ އެވެ.

ޝާހިދު ވިދާޅުވީ ޔޫރަޕިއަން ޔޫމިއަންއަކީ ރާއްޖެ އަށް އިގުތިސާދީ ގޮތުން ވަރަށް މުހިއްމު ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުގެ ގައުމުތަކުން ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ އިރު އެ ދާއިރާގައި ގިނައިން އިންވެސްޓްވެސް ކުރާ ކަމަށެވެ. އެހެންވެ، ރާއްޖެ-އީޔޫ އިންވެސްޓްމެންޓް ޑަޔަލޮގެއް މި އަހަރު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެ އިންވެސްޓްމަންޓް ޑަޔަލޮގްގެ ސަބަބުން ވެސް އަޅުގަނޑުމެންނަށް މި ރާއްޖެ އަށް އިތުރު އިންވެސްޓްމަންޓްތައް ޔޫރަޕުން ގެނެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަން އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.