ވޭނެއްގައި ޖެހި އަންހެނަކަށް ސީރިއަސް ޒަހަމްތަކެއް

ތ. ތިމަރަފުށީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ޒަހަމްތަކެއް ލިބިއްޖެ އެވެ.


ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓްވީ ހިނގާފައި ދިޔަ 52 އަހަރުގެ އަންހެނެއްގެ ގައިގައި ދުއްވާފައި ދިޔަ ވޭނަކުން ޖެހުމުންނެވެ. އެ އަންހެން މީހާގެ ބޮލުގެ ތިން ތަނެއް ވަނީ ފަޅައިގެން ގޮސް، އެކިވަރުގެ އިތުރު އަނިޔާތަކެއް ވެސް ލިބިފަ އެވެ. އަދި އޭނާ އަށް ފަރުވާ ދިނުމަށް އެ ރަށު ހެލްތު ސެންޓަރުން ތ. ވޭމަންޑު އަށް ގެންދިއުމަށް ފަހު، މިހާރު އަންނަނީ މާލެ ގެނައުމަށް މަސައްކަތް ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓު ހިނގީ އެ ވޭން ދުއްވަން އިން މީހާ އަށް ވޭން ކޮންޓްރޯލް ނުކުރެވުމުން ކަމަށް ފުލުހުން ބުންޏެވެ.

އެ ރަށު އެއާޕޯޓަށް ދާން ހިއްކާފައި އޮތް ސަރަހައްދުގައި ހިނގި މި އެކްސިޑެންޓުގައި އިތުރު މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެ ވޭނުގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެންގޮސްފަ އެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.