ގަވައިދާ ހިލާފަށް ބާރަށް ވެހިކަލް ދުއްވައިގެން މިދިޔަ ހަފުތާގައި ފިޔަވަޅު އެޅީ އެންމެ ވެހިކަލަކަށް ކަމަށް ފުލުހުންގެ ތަފާސް ހިސާބުން ދައްކައިފި އެވެ.

މި މަހުގެ 9-15 އަށް މާލެ ސަރަހައްދުން 934 އުޅަނދެއް ފުލުހުން ފާސްކުރި އެވެ. މީގެ ތެރޭގައި ހިމެނެނީ ބާރަށް ދުއްވި އެންމެ އުޅަނދެކެވެ. މ މަހުގެ ފުރަތަމަ ހަފުތާގެ ތަފާސް ހިސާބަށް ބަލާއިރު ބާރަށް ދުއްވުމުން އެއްވެސް ވެހިކަލަކަށް ފިޔަވަޅު އަޅައިފައެއް ނުވެ އެވެ.

ޓްރެފިކް ފުލުހުން އަންނަނީ ކޮންމެ ހަފުތާއެއްގައި އެތަނުން ކުރި މަސައްކަތުގެ ތަފްސީލު ހާމަކުރަމުންނެވެ.

މިދިޔަ ހަފުތާގައި ވަނީ އޭގެ ކުރީ ހަފުތާ އަށް ވުރެ އިތުރަށް 111 އުޅަނދެއް ފާސްކޮށްފަ އެވެ. އެގޮތުން މިދިޔަ ހަފުތާގައި މަގުމަތިން ނެގި އުޅަނދުގެ އަދަދާއި ލައިސެންސު ނެތި ދުއްވި މީހުންނާއި ރޯޑްވޯތިނެސް ނެތް އުޅަނދު ދުއްވި އަދަދު ވެސް ވަނީ ގިނަ ވެފަ އެވެ. ނަމަވެސް އެހެން މައްސަލަތައް ވަނީ މަދުވެފަ އެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް ޕާކުކުރުމުން 232 ސައިކަލެއްގައި ސްޓިކާ ޖެހި އެވެ. އަދި ހަތަރު ކާރަކާއި 42 ސައިކަލެއް ޓޯކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލެ ސަރައްދުގައި މިދިޔަ ހަފުތާގައި 53 އެކްސިޑެންޓެއް ހިނގާފައި ވާއިރު، އޭގެ ކުރީ ހަފުތާގައި ވެސް 52 އެކްސިޑެންޓް ހިނގި އެވެ.

ފުލުހުން އަންނަނީ، ޓްރެފިކް ފުލުހުން ކުރާ މަސައްކަތުގެ އިތުރުން އެންވަޔަރަމެންޓް ޕޮލިހާއި ނެރިބާހުޑް ޕޮލިހުން ކުރާ މަސައްކަތްތަށް ވެސް އާންމުކުރަމުންނެވެ.