އިންތިޚާބުގެ ދާއިމީ ވޯޓާސް ލިސްޓް ނެރެފި

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ނެރެފި އެވެ.


ފުރިހަމަ ތަފްސީލާ އެކު ހާމަކޮށްފައިވާ ލިސްޓުގައިވާ ގޮތުން 264،442 މީހުންނަށް އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ލިބިފައިވެ އެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ބައެއް ކެންޑިޑޭޓުންގެ ނަން އަނބުރާ ނަގާފައިވާތީ އިންތިޚާބުގައި ވާދަކުރަން މިހާރު ތިބީ 387 ކެންޑިޑޭޓުން ކަމަށެވެ. އަދި ވޯޓު ފޮށީގެ އަދަދު ވެސް 505 އަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ރިޔާސީ އިންތިޚާބުގައި އެމީހަކު ވޯޓުލި މަރުކަޒަށް މިފަހަރުގެ އިންތިޚާބުގައި ބަދަލުތަކެއް އައިސްފައިވާނެ ކަމަށެވެ. އެހެންވެ ވޯޓުލާންޖެހޭ މަރުކަޒު ލިސްޓުން ރަނގަޅަށް ބެލުމަށް އީސީން ވަނީ އެދިފަ އެވެ.

މީގެ ކުރީ އިންތިޚާބަށްވުރެ، މިފަހަރުގެ އިންތިޚާބުގައި ބޮޑަށް މަސައްކަތްކޮށްފައިވާނީ އެ ދާއިރާއެއްގެ ވޯޓު ފޮށި އެއް މަރުކަޒެއްގައި ބެހެއްޓުމަށް ކަން އަކްރަމް ފާހަގަކުރެއްވި އެވެ. އެގޮތުން މާލޭގައި 17 އިމާރާތެއްގައި ކޮންމެ ތަނެއްގައި ހަތަރު ފޮށި ބަހައްޓަން ވަނީ ނިންމައިފަ އެވެ.

"ވޯޓުލާ މަރުކަޒުގެ ބޭރުގައި ހުންނާނެ އެ މީހަކު ވޯޓުލާންޖެހޭ ތަނާއި ފޮއްޓާއި ހުރިހާ މައުލޫމާތެއް. އަދި އެހީތެރިވުމަށް ވެސް މީހުން ހަރަކާތްތެރިވާނެ،" އަކްރަމް ވިދާޅުވި އެވެ.

ވޯޓުކަރުދާސް ޗާޕުކުރުމަށް މިއަދު ބަޔަކާ ހަވާލުކުރާނެ އެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ވިދާޅުނުވިއަސް އެ ފުރުސަތަށް އެދި ހުށަހަޅާފައިވަނީ އެމް7 އަދި ނޮވެލްޓީންނެވެ.