ހިސާންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް، އެކަމަކު އެކަން އޭނާ ދޮގުކުރައްވާ!

އަންނަ މަހު ބާއްވާ އާއްމު އިންތިޚާބުގައި ތުޅާދޫ ދާއިރާ އަށް ވާދަކުރައްވާ ގާނޫނީ ވަކީލް ހިސާން ހުސައިންގެ މައްޗަށް ބޮޑެތި ތުހުމަތުކޮށްފި އެވެ. އެކަމަކު އެކަން އޭނާ ވަނީ ދޮގު ކުރައްވައިފަ އެވެ.


އެމްޑީޕީގެ ކެންޑިޑޭޓް ހިސާންގެ މައްޗަށް ތުހުމަތު ކުރަނީ މީގެ އަހަރުތަކެއް ކުރިން އޭނާގެ ގޭގައި ކިޔަވަން ތިބި ތުޅާދޫގެ ފަސް ކުއްޖަކަށް ޖެއްސުންކޮށް، އެކި ކަހަލަ އަނިޔާތައް ކުރިކަމުގެ ތުހުމަތެވެ. އޭގެ ތެރެއިން އެކަކު ވަނީ އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލު ކަމަށް ގެންނެވުމަށް އެ މަނިކުފާނަށް ސިޓީއެއް ފޮނުވައިފަ އެވެ.

ސިޓީގައި ބުނެފައިވާ ގޮތުން، އުމުރުން ދިހަ އަހަރާއި 16 އަހަރުގެ ކުއްޖަކު ވެސް ހިމެނޭ ގޮތަށް ހިސާންގެ ގޭގައި ކިޔަވަން ތިބި އިރު، އޭނާ ވަނީ އެ ކުދިން ތިބޭ ކޮޓަރިން ފެނާއި ކަރަންޓު ކަނޑާލައިފަ އެވެ. އަދި ކުދިން ނިދާފައި ތިއްބާ، ކޮޓަރީގެ ފެންލައިޓުން އެއް ފޫޓުގެ އެޅިގަލެއް ވެސް ކޮޓަރިތެރެއަށް އެއްލި ކަމަށާއި ކޮޓަރީގެ ތަޅު ހަލާކުކޮށްލުމާ ގުޅިގެން ހަތް ފަހަރު ތަޅު ބަދަލުކުރަން ޖެހުނު ކަމަށް ތުހުމަތުކޮށްފައި ވެ އެވެ.

ފެނާއި ކަރަންޓު ކަނޑާލާފައި ހުރި 15 ވަރަކަށް ދުވަހުގެ ތެރޭގައި ކުދިން ފެންވަރައި ސާފުތާހިރުވީ އާއްމު އިސްކުރު ބަރިތަކުން ފެން ގެންގޮސްގެންނާއި އުއްބައްތި ދިއްލައިގެން ކަމަށް ސިޓީގައި ބުނެފައި ވެ އެވެ. ހިސާންގެ ގޭގައި ތިބި ކަމަށް ބުނާ ކުދިންގެ ވަނަވަރާއި ސޮޔާ އެކު ރައީސަށް ފޮނުވި އެ ސިޓީގައި ބުނެފައިވާ ގޮތުން މި އަމަލުތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ހިސާންގެ ބައްޕަ ޝައިހް ހުސެން ޔޫސުފަށެވެ.

"އޭނާ އެކަން އެގޮތަށް ނުކުރެއްވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި އެވެ. އެކަމަކު އެ އަޑު ނާއްސަވާ ހިސާން އެންމެ ފަހުން އަޅުގަނޑުމެން އެ ގެއިން ނެރެ މަގުމަތިކޮށްލީ އެވެ." އެ ސިޓީގައި ބުނެފައި ވެ އެވެ.

އެ މައްސަލައިގައި ހިސާންއާ ދެކޮޅަށް ހެކިބަސް ދޭން ތައްޔާރަށް ހުރި ކަމަށާއި އެކަން ފުލުސް އޮފީހަށް ވެސް ހުށަހަޅާފައިވާނެ ކަމަށް ސިޓީގައި ބުނެފައި ވެ އެވެ.

އެ މީހުން އެދިފައި ވަނީ "އެމްޑީޕީއަކީ ވަކި މީހަކަށް ވަކި ގޮތަކަށް އަމަލު ނުކުރާނެ އަދި އިޖްތިމާއީ އަދާލާތު ގާއިމުކުރާނެ ޕާޓީއަކަށް ވުމުން،" ހިސާނަށް ކުރާ ތާއީދު އެމްޑީޕީން އަނބުރާ ގެންދިޔުމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސިޔާސީ އެހެން ބޭފުޅުންގެ ވަކީލެއްގެ ގޮތުގައި އާއްމުކޮށް ވަކާލާތު ކުރައްވާ ހިސާން، އެ ތުހުމަތުތައް ދޮގު ކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ދުވަހަކު ވެސް ކުޑަކުއްޖަކަށް އަނިޔާއެއް ކޮށްފައި ނުވާނެ ކަމަށެވެ.

އަދި ރައީސަށް އެ ސިޓީ ފޮނުވާފައި ވަނީ މަޖިލިސް އިންތިޚާބުގައި މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރުއެމް)އިން ވާދަކުރައްވާ ކެންޑިޑޭޓު އިބްރާހިމް އަފީފްގެ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މިއީ އަފީފް އޭނާއާ ދެކޮޅަށް ކުރައްވާ އެންޓި ކެމްޕޭނެކެވެ. އަދި އެކަން ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް އޭނާ ގޮވާލެއްވި އެވެ.

ހިސާންގެ ކެމްޕޭން ޓީމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހިސާންއަކީ ބަޔަކާ މެދު ދުވަހަކު ވެސް އަނިޔާވެރި އަމަލެއް ހިންގާފައިވާ ބޭފުޅެއް ނޫން ކަމަށާއި އޭނާއަކީ އަބަދުވެސް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ، މީހުންގެ ހައްގުތައް ރައްކާތެރިކުރަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

ހިސާންގެ މައްޗަށް ކުރާ ތުހުމަތުތައް ނަޝީދު ވެސް ވަނީ ދޮގުކުރައްވައި، ހިސާންގެ ދިފާއުގައި ނުކުންނަވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ހިސާންގެ އަބުރު ނަގާލުމަށް ރޭވިގެން ހިންގާ ފިނޑި ހަރަކާތެކެވެ. އަދި އެ ފަދަ ސިޔާސީ ގޮތުން ދަށުދަރަޖައިގެ އަމަލުތައް ހިންގި ނަމަވެސް އެ މަނިކުފާނުގެ އިތުބާރު ހިސާންގެ މައްޗަށް އެބައޮތް ކަމަށް ވިދާޅުވި އެވެ.

ހިސާންގެ މައްޗަށް ކުރާ މި ތުހުމަތުތައް ފެންމަތިވީ، އިންތިޚާބުގައި ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވާ އަބްދުލް މުޣުނީގެ މައްޗަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތުގައި އޭނާ އަށް ކުރާ ތާއީދު އެމްޑީޕީން ގެންދިޔުމުންނެވެ. އެކަމަކު އެ ތުހުމަތުތައް މުޣުނީ ވެސް ދޮގު ކުރައްވަ އެވެ.