އެމްއައިޓީޑީސީ: އެކަށީގެންވާ މަސައްކަތެއް ނުކުރޭ އެކަމަކު ހަރަދު 30 މިލިއަން!

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ލ. ބަރެސްދޫގައި ގެސްޓް ހައުސް އާއި ހޮޓާ އަދި އެ ރިސޯޓާ ގުޅޭ ތަންތަން ހަދަން ކުރަން ޖެހޭ މަސައްކަތްތައް ނުކޮށް އެކަމަކު ކޮންޓެކްޓަރެއް އައްޔަންކޮށް ފައިސާ ދިން މައްސަލައަކާއި އެ ކުންފުނިން ކ. ކާށިދޫގައި ތަރައްގީކުރާ ޓޫރިސްޓް ވިލެޖަށް ވެސް ބޮޑު ހޭދައެއް ކޮށްފައިވާކަން ހާމަވެއްޖެ އެވެ.


އެމްއައިޓީޑީސީއަކީ އިންޓަގްރޭޓެޑް ޓޫރިޒަމް ހިންގަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ ކުރިން އެޗުޑީސީގެ އިސް މަގާމުތަކެއް އަދާކުރެއްވި މުހައްމަދު ޝާހިދު އެވެ.

އެ ކުންފުނި ހިންގާފައިވާ ގޮތާ ގުޅޭ ގޮތުން މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު "މިހާރު" އަށް ވިދާޅުވީ ޕްރޮޖެކްޓަތަކުގައި އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތްއިރު ބޮޑެތި އަދަދުތަކުން ހަރަދުކޮށްފައިވާ ކަމަށެވެ.

ކ. ކާށިދޫގައި ތަރައްގީކުރާ ޓޫރިސްޓް ވިލެޖަށް އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ހަރަދު ކޮށްފައިވާއިރު އެތަނުގައި ހަދާފައި ހުރީ އެންމެ 18 ކޮޓަރީގެ ގެސްޓް ހައުސްއެއްގެ ދަގަނޑު ސްޓްރެކްޗާއަކާއި ދެ ފެސިލިޓީ އިމާރާތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއިން ތާކު ދޮރެން ނެތް. ތަށިމުއްޓެއް ނެތް. ފާހާނާ ތައްޓެއް ނެތް. އެއް މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު މިއީ ފެންނަން ހުރި މަސައްކަތަކީ،" އާ ސަރުކާރުން ދިން މަގާމާ ހަވާލުވެވަޑައިގެން ފަހުން ދެއްވި ފުރަތަމަ އިންޓަވިއުގައި ރާއިދު ވިދާޅުވި އެވެ.

"އެއް މިލިއަން ޑޮލަރު ހުސްވެއްޖެ. ފެންނަން އިނީ މި ތިން އިމާރާތް."

ކާށިދޫ ޓޫރިސްޓު ވިލެޖަށް އެއް މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު ހަމައެކަނި ނިމިފައި ހުރި މަސައްކަތް-- އެމްއައިޓީޑީސީ

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނިން ފައިސާ ދީފައިވަނީ ޗައިނާގެ ސަޕްލަޔަރަކަށެވެ.

އެ ކުޑަ މަސައްކަތަށް އެއް މިލިއަން ޑޮލަރު ހަރަދުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ނަގާފައިވާ ލޯނަކުންނެވެ. އެމްއައިޓީޑީސީގެ ފަރާތުން މިހާރު ވަނީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފަ އެވެ.

ކާށިދޫގައި ހަދަން އޭރު ނިންމާފައިވަނީ 60 ކޮޓަރީގެ ތިން ގެސްޓް ހައުސް އާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއްގެ އިތުރުން މޫދުގައި ތަރައްގީކުރާ ޓައިޑަލް ޕޫލެކެވެ. އެ މަޝްރޫއުގެ ބިންގާ އެޅީ މިދިޔަ އަހަރުގެ މާޗް މަހު އެވެ.

ފައިސާ ނެގިޔަސް ބަރެސްދޫގައި މަސައްކަތެއް ނުކުރޭ

ގާތްގަނޑަކަށް 75 ހެކްޓަރުގެ ބަރެސްދޫގައި ތަރައްގީކުރަން ކުރީގެ ސަރުކާރުން ނިންމާފައި އޮތީ 25 އެނދުން ފެށިގެން 50 އެނދާ ދެމެދުގެ 50 ވަރަކަށް ގެސްޓް ހައުސް އާއި 100 އެނދުގެ ބޮޑު ދެ ހޮޓަލެވެ. އޭގެ އިތުރުން ރެސްޓޯރަންޓްތަކާއި ކެފޭ، ބާ، ސްޕާ، ތީމް ޕާކް، ތިއޭޓަރު، ގޮލްފްކޯސް، ބޮޓޭނިކަލް ގާޑެން އަދި ޑައިވް ސެންޓަރު ފަދަ ތަންތަން ހިމެނެ އެވެ. މިރަށް ތަރައްގީކޮށް ނިންމަން ކަނޑައަޅާފައި ވަނީ 18 މަސް ދުވަހުގެ ތެރޭގަ އެވެ. ނަމަވެސް 2016 ގައި ފެށި އެ މަޝްރޫގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

ރާއިދު ވިދާޅުވީ ބަރެސްދޫގެ ތަންތަން ވިއްކައި ގިނަ އަދަދެއްގެ ބައެއްގެ އަތުން އެމްއައިޓީޑީސީއިން ފައިސާ ނަގާފައިވާއިރު އެ ޕްރޮޖެކްޓްގެ މާސްޓާ ޕްލޭން ވެސް ހަދައި ނުނިމޭ ކަމަށެވެ. އަދި އީއައިއޭ ރިޕޯޓް ވެސް ހަދައި ނުނިމޭ އިރު މެއިން ކޮންޓެކްޓަރެއް އައްޔަންކޮށް އެޑްވާންސް ފައިސާގެ ގޮތުގައި އެ ކުންފުންޏަށް 975،000 ޑޮލަރު (15 މިލިއަން ރުފިޔާ) ދީފައިވާ ކަމަށް ރާއިދު ވިދާޅުވި އެވެ.

ކޮންޓެކްޓަރަކަށް ހަމަޖައްސާފައި ވަނީ ވަނީ ދިވެހި ކުންފުންޏެކެވެ. ނަމަވެސް އެކުންފުނީގެ ނަން ހާމަކުރާކަށް އެމްއައިޓީޑީސީއިން އަދި ބޭނުމެއްނުވެ އެވެ.

"މެއިން ކޮންޓެކްޓަރެއް އައްޔަން ކުރުމަކީ ވަރަށް ފަހުގެ ކަމެއް ނޫންތޯ؟ އަދި ކޮބާތޯ މާސްޓާ ޕްލޭން؟ ކޮބާތޯ ތަންތަނުގެ ކުރެހުންތައް؟ ކޮބާތޯ ޕްރޮޖެކްޓް ކުރިއަށް ގެންދާ ގޮތް؟ ކޮބާތޯ އީއައިއޭ ރިޕޯޓް؟ މީގެން އެއްވެސް ކަމެއް ނުނިމޭ. ނުވެސް ފަށާ،" ކުރިން ފުލުހުންގެ ތެރޭގައި މަސައްކަތް ކުރެއްވި ރާއިދު ވިދާޅުވި އެވެ.

"އަޅުގަނޑު މިއައީ ބަރެސްދުއަށް ގޮސްފައި. އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތް."

އަލުން މަސައްކަތް ފަށަން ގޮންޖެހުން

ރާއިދު ވިދާޅުވީ އޭގެ ތެރެއިން ކާށިދޫ ޓޫރިސްޓު ވިލެޖުގެ މަޝްރޫ ކުރިއަށް ގެންދަން 1.3 މިލިއަން ޑޮލަރާއި އިތުރު ވަގުތު ދޭން ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ. ދެން އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ މާސްޓާ ޕްލޭނަށް އިތުރު ކަންތައްތައް ހިމަނައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިތުރަށް އަޅުގަނޑުމެން މިލަނީ ސްޕާއެއް. ދެން މިލަނީ ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި ޓަގް ޝޮޕަކާއި ޖްވެލަރީ ޝޮޕަކާއި ދެން މިތާ އިންނާނެ ވޯޓާ ސްޕޯޓްސް ވެސް، ޑައިވިން ވެސް،" އާ މާސްޓާ ޕްލޭން ދައްކާލަމުން ރާއިދު ވިދާޅުވި އެވެ.

ބަރެސްދޫ ޕްރޮޖެކްޓްގެ ނަމޫނާއެއް: އެ ޕްރޮޖެކްޓްގެ މަސައްކަތް ނުފަށާ ކޮންޓެކްޓަރަށް ފައިސާ ދިން މައްސަލަ ވަނީ ފެންމަތިވެފައި-- ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ ބަރެސްދޫ ޕްރޮޖެކްޓް ކުރިއަށް ގެންދަން ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް އެ ޕްރޮޖެކްޓް ހުއްޓާލުމުގެ ވިސްނުމެއް ސަރުކާރުން އަދި ނުގެންގުޅޭ ކަމަށެވެ. ނަމަވެސް ދެން އެ ޕްރޮޖެކްޓް ގެންދާނީ ސަރުކާރަށް ބަރޯސާނުވެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ޕްރޮޖެކްޓް އަލުން ފަށަން އަމިއްލަ ފަރާތްތަކުގެ ފަރާތުން ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހިރީ ވަރަށް ގިނަ ކަންތައްތަކެއް އިސްފަސްވެފައި. ޓާސްކް އެކެއް ދޭއް ތިނެއް ނުނިންމާ ފަހަކަށް ދިޔައިމަ ކިހިނެއްތޯ ވާނީ؟ އެހެންވީމަ ކުރަން ހުރި ކަންކަން ތަރުތީބުކޮށްފައި ކުރިއަށް ދާނީ."

"ބަރެސްދޫ ޕްރޮޖެކްޓެއް ދެން ނުފަށާނަން މިހެން ހުރި ކަންކަން އިސްލާހު ކޮށްފައި ނޫނީ. ދެން ފެށުމަށް ފަހުގައި ހުއްޓިގެން ނުވާނެ."

އެމްއައިޓީޑީސީގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވެ އެވެ. މިދިޔަ ޖެނުއަރީ މަހު ނެރެފައިވާ އެ ކުންފުނީގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެމްއައިޓީޑީސީ އިން ކޮށްފައިވާ ޚަރަދާއި ލިބެން ޖެހޭ ފައިސާ އަދި ހަރު މުދަލުގެ ގޮތުގައި ހިސާބުތަކުން ދައްކާ 85.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްހަކަށް ކަށަވަރުނުވާ ކަމަށެވެ.

ޕީޕީއެމްގެ އޮފީސް ހެދުމަށް އެމްއައިޓީޑީސީގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ހަރަދު ކުރި މައްސަލައެއް އޭސީސީއިން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ކުންފުނިން އެފައިސާ ހަރަދުކުރީ އެ ކުންފުނީގެ މަރާމާތުގެ މަސައްކަތުގެ ނަމުގަ އެވެ. އެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ ބޯޑް މެމްބަރަކާއި މުވައްޒަފެއް ވަނީ އޭސީސީގެ އެންގުމަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ.