ފޮނަދޫގެ 50 ހައުސިން ޔުނިޓަށް ކަރަންޓު ދޭން ފެނަކާއާ ހަވާލުކޮށްފި

ލ. ފޮނަދޫގެ 50 ހައުސިން ޔުުނިޓަށް ފެނާއި، ކަރަންޓާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީން ފެނަކައާ އިއްޔެ ހަވާލުކޮށްފި އެވެ.


ހައުސިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

މިކަމާ ބެހޭ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ސޮއިކުރެއްވި އިރު، ފެެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

މި މަޝްރޫއަށް ވަނީ 7.9 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ. ތިން މަހުގެ މުއްދަތެއްގައި ފުރިހަމަކުރަން ކަނޑައަޅާފައިވާ މި މަޝްރޫއަށް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހަރަދުކުރަން 207 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުން ކަނޑައަޅާފައި ވެ އެވެ. އަދި ހިނގަމުންދާ ހަ މަޝްރޫއަކާ އެކު 321 މިލިއަން ރުފިޔާ ހައުސިން މަޝްރޫއުތަކަށް ހޭދަކުރާނެ އެވެ.

މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި، އަލަށް ފަށާ 315 އަދި ހިނގަމުންދާ 229 މަޝްރޫއު ހިމެނެ އެވެ.