ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ރައީސް މިރޭ ވާހަކަ ދައްކަވަނީ.
23 މާޗް 2019 - 22:42
ހައްގުތައް ކަށަވަރު ކުރަން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ސިޔާސީ އެއްވެސް ލީޑަރަކު މިއަދު ޖަލުގައި ނުހުންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ށ. އަތޮޅުގެ ދާއިރާތަކަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގެއްލިފައިވާ ހައްގުތައް ހޯދައި ދިނުމަށް ގިނަ ކަންތައްތަކެއް ކުރެވިއްޖެ ކަމަށާއި ހެޔޮ ބަދަލުތައް ގެނައުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.
"އެގޮތުން ގެއްލިފައިވާ ހައްގުތައް ހޯދުމަށް ޓަކައި، އޭރު ފާސްކުރެވިފައި ހުރި އެތައް ގާނޫނެއް ރައްޔިތުން މަޖިލީހަށް ހުށަހަޅައި، ވަނީ ބާތިލު ކުރެވިފައި. މިއަދު ހަމަ ގައިމުވެސް ސިޔާސީ އެއްވެސް ލީޑަރަކު ޖަލުގައި ބަންދުކުރެވިފައެއް ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް އެކަމުގެ އިތުރު ތަފްސީލަކަށް އެމަނިކުފާނު ވަޑައެއް ނުގަންނަވަ އެވެ. ރައީސް މިމޭރުމުން ވާހަކަފުުޅު ދެއްކެވި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރެވޭ މަނީ ލޯންޑްރިންގެ ތުހުމަތުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރާ އެއްގޮތަށް ބަންދު ކުރި ނަމަވެސް އެމަނިކުފާނު ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލުކޮޅަށް ރިއާޔަތްކުރުމަށް ފަހުގަ އެވެ.
ސަރުކާރަށް މިވީ ހަތަރު މަސްދުވަހު ކުރެވިފައިވާ ކަންތައްތަކާ ބެހޭ ގޮތުން ވެސް ރައީސް މިރޭ ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން މަތީ ތައުލީމަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވައިލުމާއި ބޭރުން ކިޔަަވަން ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަން ފާހަގަ ކުރެއްވި އެވެ.
"މިދިޔަ ހަފްތާގައި އެކަނި އަޅުގަނޑުމެން ވަނީ 242 ލޯނު ހުޅުވާލާފައި،" ރައީސް ވިދާޅުވި އެވެ.
ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ރައީސް މިރޭ ވާހަކަ ދައްކަވަނީ.
ސްކޫލް ކުދިންނަށް ނާސްތާ ދޭން ފަށާފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އަންނަ ޓާމްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ހިދުމަތް ފެށޭނެ ކަމަށެވެ. ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ގޮތުގައި ފާހަގަ ކުރެއްވީ ޑީސަލުގެ އަގު ހެޔޮކުރުމާއި ދަނޑުވެރިކަމަށް ބޭނުންވާ ބައެއް ތަކެތިން ޑިއުޓީ ކަނޑައިލުމެވެ. ހާރިޖީ ދާއިރާއިން ކޮށްފައިވާ މަސައްކަތްވެސް ރައީސް ފާހަގަ ކުރެއްވި އެވެ. އެގޮތުން ދުނިޔޭގެ އިތުބާރު ރާއްޖެއަށް މިހާރު ހޯދިފައިވާ ކަމަށް ވިދާޅުވި އެވެ.
" ބޭރު ދުނިޔޭގައި އަޅުގަނޑުމެންނަށް އޭރު ގެއްލިފައި އޮތް އިތުބާރު މިހާރު ވަނީ ހޯދިފައި. އިރާދަކުރެއްވިއްޔާ ކުރިއެކޭ ވެސް އެއްގޮތަށް، ބައިނަލް އަގުވާމީ މުޖުތަމައުގައި ދިވެހިރާއްޖެ ވަނީ އެތައް ގައުމުތަކަކާ އެތައް ޖަމާއަތްތަކަކާ އެކުގައި މަސައްކަތް ކުރަން ފެށިފައި،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް ރައީސް ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު ގެންދަވަނީ ކޮންމެ ހަފްތާ ބަންދެއްގައި ކޮންމެވެސް އަތޮޅަކަށް ދަތުރުކުރައްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 86 ގޮނޑިއަށް ވާދަކުރަން އެމްޑީޕީން ނިންމި ނަމަވެސް ބައެއް ދާއިރާތައް މިހާރު ވަނީ އަދާލަތު ޕާޓީއަށް ދޫކޮށްލައިފަ އެވެ. މަޖިލިސް އިންތިހާބުގައި ގުޅިގެން މަސައްކަތްކުރަން ވީ އެއްބަސްވުން އެމްޑީީޕީން ދޫކޮށްލުމުން ޖުމްހޫރީ ޕާޓީން ވަނީ ޕީޕީއެމް/ޕީއެންސީއާ ގުޅިގެން މަސައްކަތްކުރަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙްމަދު22
24 March 2019
އެހެންވެ ދޯ ފޭރުމުގެ މައްސަލަ ގިނަވެގެން މިއުޅެނީ..؟
ޙަމަ
24 March 2019
އަޖައިބެއް. ކުށެއް ކުރީމަ ލީޑަރަކަސް އަދަބު ލިބެން ޖެހޭނެ. ބަޔަކު ބައިތުލް މާލް ފެންފޮދަކާ ނުލާ ދިރުވާލީމަވެސް ލީޑަރަކަށް ވަންޔާ ސަލާމަތް ވަނީތޯ؟ ދެރަ ރައްޔިތު މީހާ އެކަނިތޯ ވައްކަން ކުރަނީ. މިލިޔަނުން ނުކާލަންޔާ ވަނީ ހަމަ ވަގަކަށް ތޯ؟
ބީ އެވެއަރ
24 March 2019
ކޮބާ ޕްރޫފް؟ އިނޮސަންޓް އަންލެސް ޕްރޫވަން ގިލްޓީ! ޖަސްޓް ލައިކް ޔޫ އެންޑް މީ!
ކޮބާ..ކޮބާ
24 March 2019
ރައީސް މާ ގިނަ ވާހަކަ ފުޅު ދައްކަވަން ނުހައްދަވާ..ކޯޓް ތަކުގެ ހުރުމަތް ކެނޑި، ފަނޑިޔާރުން މިލިއަން ރުފިޔާ އާއި ދިމާލައް އެނބުރެން ޖެހެނީ، އެފަނޑިޔާރުން ކުރާ ހުކުމް ތައް ގާނޫނުގެ ތެރެއިން ތަންފީޒު ނުކުރާތީ، މިހާރު ފަނޑިޔާރުންނައް ވެސް ގަބޫލު ކުރެވެނީ "ވެހޭތާ ފެން ނަގަން ޖެހޭނެ ކަމަށް" ޔާމީން ގޭގަ އެ ހުންނެވީ ކޯޓްގެ ހުކުމުގެ މައްޗައް ޑޮކްޓަރު ގެ ސެޓްފިކެޓް ބާރު ގަދަވީމަ ދެއްތޯ؟؟ ކޮބައިތޯ އެމަނިކުފާނުގެ ހިތްޕުޅުގެ އާލާސް ކަންފުޅު؟؟؟
ސޯބު
24 March 2019
ކޮބާތޯ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އޭސީ ކުރަންބުނި މިސްކިއްތައް. މިހާރު އެވާހަކަ ނުވެސް ދައްކަ.
ހަސްންބެ
24 March 2019
ސޯލިހުމަނިކުފާނެއްނޫން ވަގުމަނިކުފާނު ގޭބަންދައްބަދަލުކުރީ ކަންކަމުގެ ދެކޮޅުނުބަލާ ކޮމެންޓުނުކޮށްބަލަ
ތަރައްގީގެ ރައީސްގެ ސަޕޯޓަރ
24 March 2019
ތިމާއަށް އެންމެ ބާރުގަދަ މަޤާމުގައި މިއަދު ހުރެވުނީތީ، މިހާރު އިދިކޮޅުގައި ހުރި ހަމައެކަނި ލީޑަރަށް ނުހައްގުން އަނިޔާދީ މަލާމާތްކޮށް އާޑަ ފުރައްސާރަކުރަން ލިބޭ ލައިސެންސްއެއްކަމަށް ބަލައިގެން އެގޮތަށް ޢަމަލުކުމަކީ އޭގެ ސުންޕާކަން ތިމާގެ ބާރު ދިއުމުން ޖެހޭކަން އެއީ ދުނިޔެ ދައްކާފައިވާ ޙަގީގަތެވެ! އެހެންނޫނަށް ނުގޮތަކަށް ތިޔަ ބުނަނީ ކޯޓްތަކަށް ވެސް އަތްބާނާ ވާހަކައެވެ!
ވިލްސް
24 March 2019
ކޯންޗެކޭ. ސިޔާސީ މީހަކަސް ނުސިޔާސީ މީހަކަސް ޖަލަށް ލާންޖެހޭކަމެއް ކޮށްފިއްޔާ ޖަލަށް ލާންޖެހޭނެ. އެމީހަކު ކުރި ކުށްކަށް ދޭންވާ ހައްގު އަދަބު ދޭންޖެހޭނެ. ޖަލަށް ދާންޖެހެނީ ހަމައެކަނި ދެރަ ނިކަމެތިންތަ؟ ކޮންފާޑެއްގެ ތިލަފަތެއްތަ ތިގެންގުޅެނީ. ތިކަހަލަ ތިލަފަތުން ތިބުނާ އޯގާތެރި އިންސާފުވެރި ވެރިކަން ކުރާނީ ކިހިނެތް.
ޙަމް
24 March 2019
ސިޔާސީ މީހުން ޖަލަށް ނުލަުމަކީ އެޗިވްމެންޓެއް ވައުދެއް ހެން ހީވަގޮތަށް މި ވާހަކަ ފުޅު ރައީސް ދައްކަވަނީ. ލީޑަރަކަސް ވަގަކު ޖަލަށް ނުލާ ހެޔޮ ފުޅުކަމެއް ރައީސް އިބޫގެ ފަރާތުން ބޭނުމެއް ނޫން.
ސަރީފް
24 March 2019
ކޮންފަދަ އެޖެންޑާ 19 ގެ ވާހަކައެއްތަ މި ދައްކަނީ. އަޖާބެއް ފަހެ ނުވާނެ
ރަދީފް
24 March 2019
އެޖެންޑާ19 މަމެން ވޯޓުން ވިސްވިސް ކޮއްލާނަން.
ޑެލްބޯއި
24 March 2019
ރައީސްގެ ވާހަކަފުޅު ވަރަށް ދޯދިޔާއެވެ. ސިޔާސީ ލީޑަރަކަށްވުމަކީ ޖިނާޢީ ކުށަކުން އިމިއުންވާނެ ކަމެއް ނޫނެވެ. އެއީ ކުށުން ސަލާމަތްވާ ވެކްސީނެއް ނޫނެވެ. ތިޒާތުގެ ވާހަކަފުޅު ދެއްކެވީމާ މަނިކުފާނުގެ އިންޓެލިޖެންސްއާ މެދު ސުވާލު އުފެދެއެވެ. މަނިކުފާނު ވިދާޅުވަންވާނީ ހަމަ ހަމަކަމާއި އިންސާފުވެރިކޮށް ޤާނޫނު އަސާސީއަށާއި އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތުންގެ މައްޗަށް އަދުލްވެރި ވެރިކަމެއް މިދިޔަ 4 މަސްދުވަހުގެ ތެރޭގައި ކޮށްދެވިކަމަށެވެ.
މަރޭމިތުރު
24 March 2019
ރައީސް އެވިދާޅުވަނީ ސިޔާސީ ކުއްވެރިން ނުތިބޭނެވާހަކަ ޖަލެއްގައި.
އަލިބެއްޔާ
24 March 2019
ސިޔާސީ ލީޑަރަކަށް ވިޔަސް، ނުވިޔަސް، މިޤައުމުގެ ދިދައިގެ ހިޔާވަހި ކަމުގެ ދަށުގައި ހުރެމެ ޖަލުގައި ޖަލުގައި އޮންނަންޖެހޭ ވަރުގެ ކުށެއް ކޮށްފިއްޔާ ޖަލަށް ލާންޖެހޭނެ. ސިޔާސީ ލީޑަރުންވީމާ ކިތަންމެ ބޮޑު ކުށެއް ކުރިޔަސް އަމިއްލަ ގޭގައި މަޑުތަންމަތީގައި އަރާމުގައި. އާދައިގެ ނިކަމެއްޗެއް ނޫނީ އެނޫން މީހަކު ކުށެއް ކުރީމާ ޖަލުގެ ތޭރިތަކުތެރޭ ތާށިކޮށްފަ ބާއްވަންވީ. އެއީތޯ ޤާނޫނު އަސާސީން ލިބިދޭ އިންޞާފަކީ
ޙަނާ
24 March 2019
ޥަރަށް މާޔޫސް ކުރާ ކަހަލަ ވާހަކަ ރައީސް މިދެއްކެވީ. ބަޔަކު ޙިޔާނާތް ވީ ރައްޔިތުންގެ ފައިސާއަށް ފިޔަވަޅު އެޅެންވާނެ