އަނދުން ހުސެއިން ރިޝްވަތުގެ އަމަލެއް ނުހިންގާ: އޭސީސީ

އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، ހުސެއިން ޝަމީމް (އަނދުން ހުސެއިން)ގެ ޚަަރަދުގައި އެ ދާއިރާގެ ދަރިވަރުންތަކެއް ބޭރަށް ކިޔަވަން ފޮނުވުމަކީ ރިޝްވަތުގެ އަމަލެއް ނޫން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.


އަނދުން ހުސެއިން ވަނީ، ހެންވޭރު އުތުރު ދާއިރާ އަށް ސްކޮލަޝިޕްތަކެއް ހުޅުވާލައި، ފަސް ކުއްޖަކު އިންޑިއާ އަށް ކިޔަވަން ފޮނުވަން ނިންމައިފަ އެވެ. އެ ފުރުސަތު އިތުރު 10 ކުއްޖަކަށް އަންނަ އަހަރު ދޭން ނިންމާފައިވާ ކަން ވެސް އަނދުން ހުސައިން ވަނީ އިއުލާން ކުރައްވައިފަ އެވެ.

އިންތިޚާބުގެ ކެމްޕޭން ތެރޭގައި، ސްކޮލަޝިޕްތަކެއް ދިނުމުން އޭސީސީ އަށް ހާޒިރުކޮށް އޭނާއާ ވަނީ ސުވާލުކޮށްފަ އެވެ.

އެ ތަހުގީގު ނިންމި ލިއުމުގައި އޭސީސީން ބުނެފައި ވަނީ އަނދުން ހުސެއިން ސްކޮލަޝިޕްގެ ފުރުސަތު ދިނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ހުޅުވާލުމުގެ ކުރިން ކަމަށެވެ. އޭރު އޭނާ އަކީ ގާނޫނީ ގޮތުން ބަލާ އިރު ކެންޑިޑޭޓެއް ނޫން ކަމަށް ވާތީ، ސްކޮލަޝިޕް ދިނުމަކީ އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނުގައި ބުނާ ފަދަ ރިޝްވަތުގެ އަމަލެއްގެ ގޮތުގައި ނުބެލޭ ކަަމަށް ވެސް އޭސީސީން ވަނީ ނިންމައިފަ އެވެ.

އިންތިޚާބާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގައި އިންތިޚާބު އިއުލާންކުރާ ތާރީޚުން ފެށިގެން އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާތާ 30 ދުވަހުގެ ނިޔަލަށް، ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާއްމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެ ނޫން ވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ މިއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުން ނުވަތަ ކުރަން އުޅުމަކީ ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުން ކަމުގައި ބެލެވޭނެ ކަމަށެވެ.

އާއްމު އިންތިޚާބާ ގުޅޭ ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ބަލަން އޭސީސީން ވަނީ ހާއްސަ ޓީމެއް އެކުލަވާލައިފަ އެވެ. އެ މައްސަލަތަކުގެ ތަހުގީގު އިންތިޚާބުގެ ކުރިން ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

އަނދުން ހުސެއިންގެ އިތުރުން ހެންވޭރު އުތުރު ދާއިރާ އަށް ވާދަ ކުރައްވާ އަލްހާން ފަހުމީގެ މައްސަލައެއް ވެސް އޭސީސީން ތަހުގީގު ކުރި އެވެ. އެއީ، ފައިސާގެ އިނާމު ހުށަހަޅައި، އެ ދާއިރާ އަށް ޚާއްސަކޮށްގެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމުންނެވެ.

އަނދުން ހުސައިންގެ އިތުރުން ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވަނީ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަދި އެމްޑީޕީގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (އަމިއްލަ ގޮތުން) އާއި ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމާއި މާލެ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފިޝާވިން ސަލީމް (ޑީއާރުޕީ) އާއި އަބްދުﷲ އަފީފް (އަމިއްލަ ގޮތުން) އާއި އަބްދުﷲ ރަޝީދު (އަމިއްލަ ގޮތުން) އާއި އިބްރާހިމް ވަހީދު (އެމްއެސްއެލްޑީ) އާއި މުހައްމަދު އަފްސާހް (އަމިއްލަ ގޮތުން) އަދި މޫސާ ޝިފާއު (އަމިއްލަ ގޮތުން) އެވެ.