ކައުންސިލްތަކަށް މާލީ ބޮޑެތި ބާރުތަކެއް ދީ، ބިލް މަޖިލިހަށް ފޮނުވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލޯކަލް ކައުންސިލްތަކުގެ ބާރުތައް ވަރަށް ބޮޑަށް ހަނިކޮށްފައިވީ ނަމަވެސް ކައުންސިލްތަކަށް މާލީ ބޮޑެތި ބާރުތަކެއް ދިނުމަށް މި ސަރުކާރުން އެކުލަވައިލި ބިލް ރައްޔިތުންގެ މަޖިލިހަށް މިއަދު ފޮނުވައިފި އެވެ.


ލާމަރުކަޒީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމާއި މިދިޔަ ފަސް އަހަރު ހިފަހައްޓާފައިވާ ބާރުތައް އަނބުރާ ކައުންސިލްތަކަށް ދޫކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަންޖެހޭ ކަމެވެ.

"މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

"އޭގެ ސަބަބުން ސަރުކާރު ހިންގުމަށް އަންނާނެ ވަރަށް ބޮޑެތި ބަދަލުތަކެއް. އެއާ އެކީގައި އަޅުގަނޑަށް ފެނިގެންދޭ މަސައްކަތްތައް ހަލުވި ވެގެންދާ ތަން ވެސް. އެއާ އެކު މާލީ ބާރުތައް [ކައުންސިލްތަކަށް] ދިނުން. އެ ހުރިހާ ކަމެއް އޭގެ ތެރޭގައި [ބިލް] އެބަހުރި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކައުންސިލްތަކަށް ބޮޑެތި ބާރުތައް ދިނުމަށްޓަކައި ވެސް، ސަރުކާރު ހިންގާ ކޯލިޝަނަށް އަޣުލަބިއްޔަތު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ ބިލްގައިވާ ގޮތުން ކައުންސިލްތަކުން ވިޔަފާރި ކުރުމުގެ ބޮޑެތި ބާރުތައް ވަނީ ދީފަ އެވެ. އެގޮތުން ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގުތިސާދީ ހަރަކާތްތައް ހިންގުމުގެ އިހުތިޔާރު ބިލުގައި ވަނީ ދީފަ އެވެ. އަދި އެގޮތަށް ވިޔަފާރި ހިންގުމަށްޓަކައި 'ލޯކަލް އޮތޯރިޓީ ކުންފުނި' ގެ ނަމުގައި ކުންފުނި އުފައްދުމުގެ ބާރު ވެސް ކައުންސިލްތަކަށް ވަނީ ދީފަ އެވެ. އެ ކުންފުނި އެކުލެވިގެން ވަނީ ބިލްގައި ވާ ގޮތުން އެންމެ ހިއްސާދާރެއްގެ މައްޗަށެވެ. އެއީ އެ ކުންފުންޏެއް ނިސްބަތްވާ ކައުންސިލެވެ. އެ ކުންފުނި ހިންގާނީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "މިހާރު" އަށް މިއަދު އިންޓަވިއު ދެއްވަނީ: ލޯކަލް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދެއްވަން އެމަނިކުފާނު ބޭނުންފުޅުވޭ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކައުންސިލްތަކުން އެކި ނަންނަމުގައި ފީ އާއި ކުލި ނެގުމުގެ ބާރު ވެސް ބިލުން ވަނީ ދީފަ އެވެ. ފީ އާއި ކުލި ކަނޑައަޅަން ޖެހެނީ ބިލްގައިވާ ގޮތުން ނަމަ އެ ކައުންސިލެއް ނިސްބަތްވާ ރަށް ނުވަތަ ސިޓީގެ ރައްޔިތުންނާ މަޝްވަރާ ކުރުމަށް ފަހު އެވެ.

ކައުންސިލްތަކަށް ނެގޭ ފީ ގެ ތެރޭގައި އެ ރަށެއްގައި ރަޖިސްޓަރީ ކޮށްފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރާއި އުޅަނދުފަހަރުގެ ލައިސަންސް ފީ އާއި ފިހާރަތަކާއި މާރުކޭޓު ގޮޅީގެ އަހަރ ފީ އާއި ޑައިވިން ސައިޓުތަކުގެ އަހަރީ ފީ އާއި ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލި ހިމެނެ އެވެ. އަދި ބަނދަރު ބޭނުންކުރާތީ ނަގާ ފީ އާއި ކަނޑަށް ޖައްސާ ބޯޓުފަހަރަށް ކަނޑައަޅާފައިވާ ޕްލެޓްފޯމާއި އެ ސަރަހައްދުގެ ފީ އާއި ގޮއިފާލައްބަ އާއި ހިންނަ ފަދަ ތަންތަނުގެ ކުލި ވެސް ދައްކަން ޖެހެނީ ކައުންސިލްތަކަށް ކަމަށް ބިލްގައި ވަނީ ބަޔާންކޮށްފަ އެވެ.

"އޭގެ ސަބަބުން ސަރުކާރު ހިންގުމަށް އަންނާނެ ވަރަށް ބޮޑެތި ބަދަލުތަކެއް. އެއާ އެކީގައި އަޅުގަނޑަށް ފެނިގެންދޭ މަސައްކަތްތައް ހަލުވި ވެގެންދާ ތަން ވެސް. އެއާ އެކު މާލީ ބާރުތައް [ކައުންސިލްތަކަށް] ދިނުން. އެ ހުރިހާ ކަމެއް އޭގެ ތެރޭގައި [ބިލް] އެބަހުރި،" ރައީސް

އެއްވެސް ފީ އެއް ނުވަތަ ކުއްޔަކުން ލިބޭ އާމްދަނީ ކައުންސިލަށް ލިބޭނީ ދައުލަތަށް ދައްކަންޖެހޭ ޓެކްސްއެއް ވާ ނަމަ އެ އަށް ދައްކަންޖެހޭ ފައިސާ އުނިކުރުމަށް ފަހު ކަމަށް ބިލްގައި ވެ އެވެ.